ރާއްޖޭގެ ގާނޫނު ތަންފީޒުނުކުރެވޭ އަދި ކޯޓް އަމުރު ހިންގުމަށް ވެސް ދަތިތަކެއް ހުރި ތަނެއްގައި އަލީ ވަހީދު ހުންނަވައިގެން އޭނާގެ މައްޗަށް އުފުލާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަނީ ރާއްޖޭގެ ފަހުގެ ތާރީހުގައި ވެސް ކޯޓަކުން އަމަލުކުރި ގޮތާ ހިލާފަށެވެ.
ޖިނާއީ މައްސަލައެއްގެ ޝަރީއަތް ކޯޓަށް ހާޒިރުނުވެ ނުވަތަ އެ މައްސަލާގައި ދައުވާ ލިބޭ މީހާ ރާއްޖެއިން ބޭރުގައި ހުރެގެން ޖިނާއި މައްސަލައެއް ކުރިއަށްގެންދިޔަކަން މި ފަހުގެ ތާރީހުގައި ފެންނާކަން ނެތެވެ. ނަމަވެސް އަލީ ވަހީދުގެ މައްސަލަ ވަނީ މުޅި ނިޒާމުގެ ވަޔާއި އޮޔާ ދެކޮޅަށް ހިނގާ މައްސަލައަކަށްވެފަ އެވެ.
ބާ ކައުންސިލގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ޝަރީއަތަށް މީހުން ގެނައުމަކީ ކޯޓުގެ ޒިންމާއެއްކަމަށް ނުފެންނަކަމަށާއި ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރަނީ ދެ ގޮތަކަށް ކަމަށެވެ. އެއީ ބަންދުގައި ހުރި މީހެއް ނަމަ އޭނާ ބަންދުކޮށްގެން އުޅޭ އިދާރާއެއްގައި އެދިގެން ދައުވާ ލިބޭ މީހާ ހާޒިރުކުރުމާއި ބަންދުގައި ނެތް މީހެއް ނަމަ ޗިޓް ފޮނުވީމަ އެ މީހާ ކޯޓަށް ހާޒިރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ "ކޯޓަށް މީހުން ހާޒިރުކުރުމުގައި ބަލާ ގޮތަކުން ކުރެ އެއްގޮތަކަށް ވެސް އަލީ ވަހީދު ކަންތައް ނުފެތޭ. ބަންދުަން ދޫކޮށްލާފައިވާ ހާލަތަކަށް ވެސް ނުފެތޭ. އަދި ބަންދުގައި ހުރި މީހެއްގެ ހާލަތަކަށް ވެސް ނުފެނޭ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދައުވާ ލިބޭ މީހާ ހުރި ކޯޓްގެ އަމުރުތަކާއެއްގޮތަށް އަމަލުކުރައްވައިގެންތޯ ނުވަތަ ނޫންތޯ ބަލާލަން ޖެހޭ ކަމަށެވެ. އެކަންތަކަށް ބަލާއިރު ކޯޓުން ދިން މުއްދަތު އިތުރުނުކުރާ ނަމަ އަލީ ވަހީދު އެހުންނެވީ ކޯޓުގެ ހުރުމަތް ކަނޑައިގެންކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެހާލަތުގައި އަނެއްކާ ވެސް އޭނާ އަމިއްލައަށް އެދިގެން އޭނާ ބޭނުންވާ ތަނަކަށް ހާޒިރުވެގެން ޝަރީއަތް ކުރިއަށްގެންދިއުމަކީ ގާނޫނު ދަންނަކަމެއް ނޫން ކަމަށެވެ. ގާނޫނު ދަންނަކަމެއް ނޫން ކަމަށް ފައިސަލް ވިދާޅުވަނީ ބައިވަރު ސަބަބުތައް ހުރުމުން ކަމަށެވެ.
އަލީ ވަހީދުގެ މައްސަލާގައި ޖީޕީން ސަބަބުތަކެއް ދައކަމުންދާކަމަށާއި އެސަބަބުތަކުގެ ތެރޭގައި ޝަރީއަތް ކުރިއަށްދާއިރު ކޯޓް ހުރުމަތް ކަނޑައިފިނަމަ އޭނާއާ މެދު ފިޔަވަޅު އެޅޭނެގޮތެއް ނެތްކަން ޕީޖީ ފާހަގަ ކުރައްވާކަމަށް ފައިސަލް ވިދާޅުވި އެވެ.
"ފަނޑިޔާރު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވާ ވާހަކަފުޅަކާއެއްގޮތަށް އަމަލުނުކޮށްފިނަމަ، އެވާނީ ކޯޓް ހުރުމަތް ކެނޑީކަމަށް. އެހެން ވެއްޖެނަމަ އެހާލަތުގައި ކިހިނެތްތޯ އެ ތަންފީޒުކުރާނީ. އެފަދަ ގޮތަކަށް ކޯޓްގެ ބާރު ނުހިނގާ ފަދަ ހާލަތެއްގައި މައްސަލާގެ ދައުވާ ލިބޭ ފަރާތް ހުރެގެން ޝަރީއަތް ކުރުމަކީ ގާނޫނު އަސާސީ ވެސް އަދި ޖިނާއީ އިޖުރާތުގެ ގަނޫނާއި އެ ނޫން ވެސް ގަވާއިދާއި އުސޫލު ތަންދޭކަމެއް ނޫން އެއީ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖިނާއީ ދައުވާ ލިބޭ މީހާގެ ޝަރީއަތްކުރިއަށްދާއިރު ދައުވާ ލިބޭ މީހާގެ މައްޗަށް މައްސަލާގެ ޝަރީއަތްކުރާ ފަރާތުގެ ބާރެއް އޮންނާން ޖެހޭނެކަމަށާއި އެ ބާރު ނެތްގޮތަކަށް އެކަން ކޮށްފިއްޔާ ނަތީޖާއެއް ނުނިކުންނާނެކަމަށެވެ.
"މިސާލަކަށް ޝަރީއަތަށް ގޮސް ހުކުމްކުރާއިރު މައްސަލަ ސާބިތު ވެއްޖެއްޔާ ކިހިނެތްތޯ ތަންފީޒުކުރާނީ. މި ކަހަލަ ވަރަށް ބައިވަރު އިޝޫތައް މި މައްސަލާގައި އެބަ އޮތް،" ފައިސަލް ވިދާޅުވި އެވެ.
އަލީ ވަހީދުގެ މައްސަލާގައި ކްރިނަލް ކޯޓުން އަމަލުކުރަމުންދަނީ ގާނޫނީ އިމުގެތެރެއިން ނޫންކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އެކަމުގެ ސަބަބުން ޝަރުއީ ނިޒާމުގެ އިތުރުބާރު ގެއްލިގެންދާ ކަމަށާއި އެންމެ މީހަކަށްޓަކައި ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލުވާލާ ގަޑުބަޑުނުކުރުމަށް ދަނީ ގޮވާލަމުންނެވެ.
އެންމެ މީހަކަށްޓަކައި ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލުވާލާ ގަޑުބަޑުނުކުރުމަށް ގޮވާލަމުންދާއިރު، ސުވާލަކީ އެންމެ މީހަކަށްޓަކައި ރާއްޖޭގެ ޖުޑީޝަރީގެ އިތުރުބާރު ގެއްލޭ ހިސާބަށް ދާއިރު ޖުޑީޝަރީގެ ބެލެނިވެރިން ކޮބައިތޯ އެވެ. އަދުލު އިންސާފު ނެތް ކަމަށްބުނެ ވެރިކަމަށް އައި ފަރާތްތަކަށް ވާނުވާ ނޭނގެނީ ބާވައެވެ. ނުވަތަ ރައީސް ޔާމީނުގެ ވެރިކަމުގައި ޖުޑީޝަރީގެ އިތުބާރު ގެއްލުނުގޮތަށް އަދަލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ އިތުބާރު ގެއްލުވާލައި ޝަރުއީ ނިޒާމް ގަޑުބަޑުވެ ނިމެންދެން ބެލެވެރިން "ގަދަ ނިދީ" ގައި ނިދަނީ ބާވަ އެވެ.