ads
ހުތުބާ: ބުއްދިއަކާއިނުލާ ދުނިޔޭގެ އެދުންލައްވާފަވަނީ ޖަނަވާރުންގެ ކިބައިގައި
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ބުއްދީގެ ނިއުމަތަށެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ބުއްދި އަކީ ރިޒުގު ދެއްވާފަދައިން އެކި ވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާ މަތިވެރި ނިއުމަތެއް ކަމަށެވެ.

ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެން ވާ ކަމަށާއި، ބުއްދިވެރިކަމެއް ނެތް މީހާ އާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާމީހާގެ އެތައް ކަމެއް އުނިވެގެންވާ ކަމަށެވެ. 

"ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިއެވެ. ބުއްދި އަކީ، ﷲ ވޮޑިގެންވާ ކަމުގެ ވަރަށް މަތިވެރި ދަލީލެކެވެ. ފާޅުވެގެންވާ ހުއްޖަތެކެވެ. ބުއްދީގެ ނިއުމަތާ، ވިސްނައި ފިކުރު ކުރުމަށް މާތްﷲ އިންސާނިއްޔަތަށް ގޮވާލައްވާފައި ވެއެވެ. އެއީ ﷲގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމުގައި ވީތީއެވެ" ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ބުނީ، އިންސާނުން އެކި ރޮނގުތަކުން ކުރިއަރައިގޮސް، މީގެ ކުރީން ދެކިފައިނުވާ އިލްމީ އާލަމެއް އިންސާނުން ދެކެމުން މިދަނީ ބުއްދީގެ އަލީގައިކަން ކަށަވަރު ކަމަށާއި، އަދުގެ ދުނިޔެ ދެކެމުން މިދާ އަޖައިބުން ފުރިގެންވާ އިލްމީ ވަސީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދި ކަމަށެެވެ. 

ދުނިޔޭގެ އެއްވެސް އެދުމެއް ނެތް، ބުއްދިވެރިކަމުގެ ސިފަ މަލާއިކަތުންނަށް ﷲ ދެއްވާފައިވާކަމަށް އިލްމުވެރިންގެ ކިބައިން ވާރިދުވެގެންވާކަން ފާހަގަކުރަމުން ހުތުބާގަައި ބުނީ، ބުއްދިވެރިކަމާ ނުލައި ދުނިޔޭގެ އެދުން ޖަނަވާރުންގެ ކިބައިގައި ލައްވާފައިވާ ކަމަށެެވެ.

“ނަމަވެސް މި ދެބައި އިންސާނާ އަށް ދެއްވާފައިވެއެވެ. އެމީހެއްގެ ދުންޔަވީ އެދުމާއި، ދަހިވެތިކަމުގެ މައްޗަށް ބުއްދިވެރިކަން އިސްކޮށްފި މީހާގެ ހެޔޮކަން ބޮޑު ވެގެންވެއެވެ. އަދި އެ މީހެއްގެ ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުމާއި، ދަހިވެތިކަން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިދެއެވެ”ހުތުބާގައި ބުނެފައިވެއެވެ. 

މިކަންކަމުން އެނގި ފާޅުވަނީ ބުއްދި އަކީ ނިއުމަތެއް ކަމެއް ކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އެއާމެދު އިންސާނާ އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ހަޟްރަތަށް ޝުކުރުވެރިވެ، ބުއްދިއަށް އުނިކަން ލިބޭ ޒާތުގެ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ. އޭގެތެރޭގައި، ޖުވާ
ކުޅުމާއި، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ހަރާމްތަކެތި ކެއުން ފަދަ ކަންކަމީ ދެ ދުނިޔޭގައި ވެސް ގެއްލުންހުރި ކަންކަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، ބުއްދިވެރި ހެޔޮ ލަފާ މުޖުތަމައެއް ބިނާކުރެވޭނީ މުޖުތަމައުގެ އެންމެހައި އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވެގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް