ads
ޑރ. އަހުމަދު ޝަހީދު--
މި ސަރުކާރުން މީޑިއާތަކަށް ބިރުދެއްކުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން: ޑރ.ޝަހީދު
މި ސަރުކާރުގެ އިދާރާތަކުން މީޑިއާތަކަށް ބިރުދެއްކުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ޚާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު މިހެން ވިދާޅުވެފައިވަނީ ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޝަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މަރުގެ ހަބަރުތައް މީޑިއާއިން ގެނެސްދިން ގޮތް ވަރަށް ގޯސް ކަމަށާއި ނަމަވެސް ބިރު ދައްކާ އިންޒާރު ދީ އެޅި ފިޔަވަޅުތަކަކީ މީޑިއާގެ އަޑު ކަނޑުވާލައި، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށެވެ.

ރަހީނުކޮށް، މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ އަންގާރަ ދުވަހުގެ ރޭ ދަންވަރު ފެނުނު 13 އަހަރުގެ ކުއްޖާގެ ހަބަރުތައް ރިޕޯޓުކުރިގޮތަކުން ކަމަށް ބުނެ، ޖެންޑާ މިނިސްޓްރީން ވަނީ ނޫހެއް ޖޫރިމަނާކޮށް، ތިން ނޫހަކަށް ނަސޭހަތްދީފައެވެ.

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެކެވެ. އެފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަހްގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސެންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެކަމަށް އެ ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވީނަމަވެސް، މިނިސްޓަރުގެ މަސްއޫލިއްޔަތު 54ވަނަ  މާއްދާގެ (ހ)ގައި ބުނެފައިވަނީ، އެގާނޫނުގެ ދަށުން މިނިސްޓަރަށް ފިޔަވަޅު އެޅޭނީ، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ވަކި ފަރާތަކާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި ކަމަށެވެ.

ރާއްޖޭގެ ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަކީ މީޑިއާ ކައުންސިލްގެ އިހްތިސޯސް ތެރޭގައި ހިމެނޭ ތަންތަނެވެ. އެހެންކަމުން ނޫސްތަކަށް ފިޔަވަޅު އެޅުމާއި މައްސަލަތައް ބެލުމުގެ ބާރު ލިބިދީފަވަނީ މީޑިއާ ކައުންސިލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް