މިކަމާ ބެހޭ ގޮތުން ބަހުސް ފެށެން މެދުވެރިވީ ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް، އަންހެނުން ހިތާނު ކުރުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ޓްވީޓްތަކެއް ކުރެއްވުމުންނެވެ. މިކަމާ ގުޅިގެން އޭނާ އަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިއެވެ. މީގެ އިތުރުން ގިނަ އިލްމުވެރިންތަކެއް ވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކާފައިއެވެ.
ރާއްޖޭގައި ފަތުވާ ނެރޭ އެންމެ މަތީ މަޖިލީހުގެ ރައީސް އައްޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައިގައި ފަތުވާއެއް ނެރުމަށް އަދި އިސްލާމިކް މިނިސްޓްރީގެ ރަސްމީ ލިޔުމެއް ލިބިފައެއް ނުވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފަތުވާ ކައުންސިލުން މައްސަލައިގައި ފަތުވާއެއް ނެރޭނެކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިކަމަށް ދެތިން ދުވަސް ވެދާނެ ކަމަށާއި ދެ ތިން ދުވަސް ވިކަމުގައި ވިނަމަވެސް ފަތުވާއެއް ނެރޭނެކަމަށެވެ.
އަންހެނުން ހިތާނުކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ މިސްރުގެ ފަތުވާ އިދާރާގެ ނިންމުމަކާ ހަވާލާދީ އިސްލާމް ދީނުގައި އަންހެނުން ހިތާނަކުރުމަކީ އޮންނަ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
އަންހެނުން ހިތާނުކުރުުމަށް ޑރ. އިޔާޒް ހިތްވަރުދޭކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ވަރަށް ފަހުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައްސަލައެއްވެސް ހުށަހަޅާފަ އެވެ. ނަމަވެސް ފަހުން ޑރ.އިޔާޒު ފަހުން ވިދާޅުވެފައިވަނީ އޭނާ ހިއްސާ ކުރެއްވި ލިޔުމަކީ އިލްމީ ދިރާސާއެއް ކަމަށާއި އެއްވެސް ހާލެއްގައި އޭނާ އަންހެނުން ހިތާނު ކުރުމަށް ހިތްވަރެއް ދީފައެއް ނުވާކަމަށެވެ.