ads
ވީޑިއޯ ރިޕޯޓް
ދިވެހި ދައުލަތް ރީ ސްޓާޓް ކުރުން!
އިންސާނުން ނޭވާލާން ވައި ބޭނުންވާ ބީދައިން އިންސާފަކީ ކޮންމެ އިންސާނަކަށް ވެސް ބޭނުންވާނެ އެއްޗެކެވެ. ސަބަބަކީ އިންސާފުވެރިކަމެއް ނެތް މުޖުތަމައުއެއްގައި ނޭވާލާ ވައިކޮޅުވެސް ތަގައްޔަރު ވެދާތީއެވެ.

އިންސާނުންގެ މައްޗަށް "ވެރިކަން" ކުރަން އަންނަ މީހުން އިންސާފުގެ ވާހަކަ ދައްކައެވެ. މީގެ 2000  އަހަރަށްވުރެ ކުރީގެ ތާރީހުގައި ގްރީސްގެ އެތެންސް ފަދަ ތަންތަނުގައި ވެސް އިންސާފު ގާއިމް ކުރުމުގެ ވާހަކަ ސިޔާސީ މީހުން ދެއްކިއެވެ. ކޯޓުތައްވެސް ހުއްޓެވެ. އިންސާފުގެ ނަމުގައި ނިޔާތަކެއް ވެސް ކަނޑައެޅުނެވެ. ނަމަވެސް އަދިވެސް އިންސާފުގެ ވާހަކަ ދައްކައެއް ނުނިމެއެވެ.

ދިވެހިރާއްޖޭގައި ވެސް އިންސާފު ގާއިމް ކުރުމުގެ ބޭނުމުގައި ކޯޓުތައް ވެސް ގާއިމް ކުރެވި ފަނޑިޔާރު ބޭފުޅުން ލެވި އެތައް ސަކަރާތެއް ޖަހާތާ ހާހަކަށް އަހަރު ވީއެވެ. އަދިވެސް އިންސާފު ގާއިމް ކުރެވޭ ކަމުގެ އިހުސާސެއް ރައްޔިތުންނަށް ކުރެވޭތީ އުފަލުން އުޅޭތަނެއް ނުފެނެއެވެ.

ދިވެހިރާއްޖޭގައި ރަސްކަމުގެ ޒަމާންނިމި، މަލްޓި ޕާޓީ ޑިމޮކްރަސީއެއް ގާއިމް ކުރި އިރުވެސް އިންސާފު ގާއިމް ކޮށްދިނުމުގެ ވާހަކަ އަބަދުވެސް ސިޔާސީ ބޭފުޅުން ދައްކަވައެވެ.

އެކި ދުވަހު އެކި ރާގުގައެވެ.

އަދުގެ ހާލަތާމެދު ވިސްނާލާނަމަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން އިންސާފުގެ ދަތުރު ކެންޕޭނެއްގެ ގޮތުގައި ފެއްޓީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފެބުރުއަރީ 7 ވަނަ ދުވަހު ކުރި ބަގާވާތަށް ފަހުއެވެ. 

އިންސާފުގެ ދަތުރުގެ ވާހަކަ މިއަދު ސަރުކާރު ގާއިމް ވީއިރުވެސް ދެއްކިއެވެ. އެހެން ނަމަވެސް، ވަގަށް ނަގައިގެން ގެންގޮސް މަރައިލި ނޫސްވެރިއާ އަހުމަދު ރިލްވާން އާއި، ބްލޮގަރު ޔާމިން ރަޝީދާއި، ދީނީ އިލްމުވެރިއާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަފްރާޝީމް އަލީގެ މަރުފަދަ އެތައް މަރެއްގެ ދެފުއް ހޯދައި އިންސާފު ހޯދައި ދޭނެކަމަށް ވެސް އަދުގެ ސަރުކާރުން ވައުދުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަން އުފައްދަވައި، މި މައްސަލައާއި، އެމްއެމްޕީއާރުސީ މައްސަލައިގެ ރިޕޯޓުތައް އެކުލަވާލެ ވުނެވެ.

ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގެ މައްސަލަތަކާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސައްކަތް ކުރައްވަން ބޭނުންފުޅުވިއަސް އެއީ އެމަނިކުފާނު މިހާރު އެ ގެންގުޅުއްވާ އެޕްރޯޗުން ވާނެކަމެއްކަމަށް އަޅުގަނޑަކަށް ނުފެނެއެވެ.

ސަބަބަކީ ދިވެހިރާއްޖޭގައި ގަޑުބަޑުވެފައި މި އޮތް އިންސާފު ހޯދައި ދިނުމުގެ ނިޒާމުގައި ޖަހާފައި ހުރި ގެދަބުޅިއަކީ އެތައް ހާސް އަހަރެއްވީ ގެދަބުޅިއެވެ.

މުއްސަނދި މަހުޖަނުން ދިޔައީ ދިވެހިރާއްޖޭގެ ރަސްކަމުގެ ކޮއިލުތެރެއަށްވެސް ވަދެ މުޅި އިންސާފު ހޯދައި ދިނުމުގެ ނިޒާމު އެމީހުންނަށް ފަހިވާނެހެން އަނބުރަމުންނެވެ.

ޖުމްލަގޮތެއްގައި މުޅި ނިޒާމު އަދިވެސް އޮތީ ހުރިހާ ރައްޔިތުންނަށްވެރެ ވަކި ބަޔަކަށް އިސްކަންދޭ އުސޫލުންނެވެ. އެއީ ސިޔާސީ ގޮތުން އިސްވެރިންނާއި، މުއްސަނދި މަހުޖަނުންނެވެ.

މި ސާލެއްގެ ގޮތުން ރައީސް ނަޝީދަށް ދެވުނު ހަމަލާގައި ވެސް ރައްޔިތުންގެ މަޖިލީހުން ވެސް އެ އިންކުއަރީ ހިންގަވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ކިހިނެއްތޯ ބެލުމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނީ ދިވެހިރާއްޖޭގެ ވެރިރަށް މާލެ ސިޓީގެ އެންމެ މައި މަގު މަޖީދީ މަގުގެ ކަންމަންޗެއްގައެވެ. އެއީ ހުރިހާ ދިވެހި ރައްޔިތަކުވެސް ބޭނުންކުރާ މަގެކެވެ. އެ ހަމަލާއަމާޒުކުރީ ރައީސް ނަޝީދަށް ނަމަވެސް އެ ހަމަލާގައި ޒަހަމްވީ ރައީސް ނަޝީދު އެކަންޏެއް ނޫނެވެ. އިނގިރޭސި ވިލާތުގެ ރައްޔިތަކާއި އިތުރު ތިން ވަރަކަށް ދިވެހި ރައްޔިތުންތަކެއް ވެސް ޒަހަމްވިއެވެ.

ވީމާ ސުވާލަކީ ރައްޔިތުންގެ މަޖިލީހުން ހަމައެކަނި ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ހޯދާއިރުވެސް އެކަމާ ކަންބޮޑުވާ ބަޔަކު މާބޮޑަށް ނުފެންނަނީ ކީއްވެތޯއެވެ. ޝައްކެއްވެސް ނެތެވެ. މި ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ކަންކަން މަޖިލީހުން ވެސް ތަހުގީގުކުރަން ވީއެވެ. ދެންހުރި މުއައްސަސާތަކުން ވެސް ތަހުގީގު ކުރަންވީއެވެ. ނަމަވެސް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސެކުއިރިޓީ ބްރީޗްވީ ކީއްވެތޯ ސުވާލު ނޫފައްދާނަމަ އިންކުއަރީ ހިނގަނީ އެންމެ ރަނގަޅަކަށް ނޫނެވެ.

މި ސާލަކަށް މި ކަމުގައި ވެސް މުޅި މުޖުތަމައު އަމާން ތަނެއްގެ ގޮތުގައި ހެދިއްޖެނަމަ، ރައީސް ނަޝީދުވެސް އަދި ދިވެހި ރައްޔިތުން ވެސް ދިރިއުޅޭނީ އަމާންވެއްޓެއްގައެވެ. އޭގެ ބަދަލުގައި މި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރަށް ގެ ކޮޅު ހަމަޖެއްސެވި ތަނެވެ. ރައްޔިތުން އަދިވެސް ހިނގަންވީ އެއްކަލަ ބިރުވެރި މަގުތަކުންނެވެ. ގޮއްވާލާނީ ކޮންއިރަކުތޯ އުފެދޭ ބިރުވެރި ސުވާލުގެ ތެރޭގައިވެ.

މިއީ އެންމެ މިސާލަކެވެ.

މިފަދަގޮތަކަށް ދައުލަތުގެ ހަމައެކަނި ބޭފުޅުންނަށް އަމާޒުކޮށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރުމުގެ ސަގާފަތެއް މި އޮންނަނީ، ޒަމާނުއްސުރެ އެ ސިފަ ދިވެހި ދައުލަތުގެ މުއައްސަސާތަކުގައި އަށަގެންފައި ހުރީމައެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ދައުލަތުން ވަކި ވަކިން އަޅާލާ ނިޒާމެއް ވެސް އަދި އެ ސަގާފަތެއް ވެސް ދިވެހި ދައުލަތުގެ މުއައްސަސާތަކަކު ނެތެވެ.

އޭގެ ބަދަލުގައި ފެންނަނީ ބާރުތަކުގައި ބަގުޑި ބައްދަވައިގެން މުއްސަނދި މަހުޖަނުންނާއި ބޭފުޅުނަށް އިސްކަން ދޭތަނެވެ.

މި ނިޒާމް ބަދަލުކުރުމަށް ޓަކައި ރައްޔިތުންގެ ބާރުތައް ރައްޔިތުންނަށް ދިނުންމުހިންމެވެ. އެކަން އެގޮތަށް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ބައްކޮށްފައި ހުރި މަސައްކަތްތަކާއި ބާރުތައް ކްލަބް ޖަމިއްޔާތަކާއި، ޖަމިއްޔާތަކާއި ހަވާލުކުރެވިދާނެއެވެ. ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތް ލުއިކޮށް އެ މަސައްކަތް ރައްޔިތުންގެ ޖަމިއްޔާތަކާ، ޔޫނިއަންތަކާ ހަވާލުކޮށް ދައުލަތުގެ މުއައްސަސާތަކަށް ކުރާ ހަރަދު ކުޑަކަކޮށް އެ ބަޖެޓުވެސް ރައްޔިތުން އެކިއެކި މައްސަލަތަކުގައި މަސައްކަތް ކުރަން ހުރި ޖަމިއްޔާތަކާއި ހަވާލުކުރެވިދާނެއެވެ. ދައުލަތުގެ މުއައްސަސާތަކުން އެ ޖަމިއްޔާތަކާއި، ޔޫނިއަންތަކުގެ މައްޗަށް ފާރަވެރިވެވިދާނެއެވެ. އޭރުން މަސައްކަތް ވެސް ދައުލަތައް ލުއިވެ، ރައްޔިތުންނަށް ވެސް ބާރުވެރިވެވުނީއެވެ.

މިއަދާއި ހަމައަށް ދިވެހި ދައުލަތުގެ ކަންކަން ރާވާފައި ހުރިގޮތުން އިންސާފަކީ ލިބޭއެއްޗެއްކަމުގެ އިހްސާސު ވަނީ ވަރަށް މަދުންނެވެ. މިސާލަކަށް ކޮވިޑް 19 ގެ ބަލިމަޑުކަމުގައި އެންބިއުލާންސް ފޮނުވުން ލަސްވެގެން ނިޔާވި މިޝްކާގެ މައްސައިގައިވެސް ކަންވީގޮތް ނިކަން ބައްލަވާށެވެ. އެންބިއުލާންސް ފޮނުވަންވެސް އޮތީ ހެލްތު މިނިސްޓްރީއެވެ. އެންބިއުލާންސް ލަސްވުމުން ކުއްޖަކު މި ދުނިޔެ ދޫކޮށް ދިއުމުން އެ މައްސަލަ ތަހުގީގުކޮށް ރިޕޯޓު ނެރުން ވެސް އޮތީ ހެލްތް މިނިސްޓްރީއަށެވެ. މިއީ އެއްވެސް އިންސާފެއް ތޯއެވެ؟ އެއީ "ސިސްޓަމް މައްސަލައެއް" ކަމަށް ވެސް ބުނަން އޮތީވެސް ހަމަ އެ މިނިސްޓްރީއެވެ. މުޅިއޮޑީގައި ހަސަނުގެ ދެފައެވެ.

މި ފަދަ އެތައް ސަބަބުތަކަށްޓަކައި ދިވެހި ދައުލަތުގެ ބާރުތައް ރައްޔިތުންނަށް ދޫކޮށްލުމަށްޓަކައި ރީސްޓާޓް ބަޓަނަކަށް ފިތާލުން ބުއްދިވެރިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް