ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް ޖެހިފައި ރަނގަޅުވެފައި ތިބޭ މީހުންނަށް 60 ދުވަސް ތެރޭގައި ކަރަންޓީނުވުމަކާ ނުލާ ދަތުރުކުރެވޭނެ ކަމަށެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އުސޫލުގައި ބުނެފައިވަނީ، ސާމްޕަލް ނެގި ތާރީހުން ފެށިގެން ބަލިން ރަނގަޅުވެފައިވާ، 60 ދުވަސް ހަމަނުވާ، ބަލީގެ އެއްވެސް އަލާމާތެއް ނެތް، މީހުން ސާމްޕަލް ނަގާ ޓެސްޓުކުރުމުންނާއި، ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުންވެސް އިސްތިސްނާވާނެކަމަށެވެ.
މި އުސޫލުގައި ބަލި ޖެހިފައިވާ މީހުން، ބަލި ޓެސްޓު ކުރާ ދުވަހުން ފެށިގެން 60 ދުވަސް ގުނަން ފަށާތީ މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެޗްޕީއޭ އަށް ފާޑު ކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ބައެއް މީހުން ބުނަމުން އަންނަ ގޮތުގައި ބައްޔަށް ޓެސްޓުކުރާ ދުވަހުން ފަށައިގެން 60 ދުވަސް ގުނަން ފަށާނަމަ، އެ މީހުން ކަރަންޓީނު ނުވެ ދަތުރުކުރަން ލިބެނީ ގާތްގަނޑަކަށް 45 ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ކަރަންޓީނުގައި ހުންނަ މުއްދަތަކާއި ބައްޔަށް ޓެސްޓު ކުރާ ދުވަސް 60 ދުވަހުން އުނި ކުރުމަށްފަހުގައެވެ.
ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީނު ވާން އަންގާފައިވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. އޭގެ ކުރިން ބަލި ޖެހި ރަނގަޅުވާ މީހުންނަށް ކަރަންޓީނު ނުވެ 90 ދުވަހު ދަތުރުކުރެވެއެވެ.
ބަލިން ރަނގަޅުވާ މީހުން ސާމްޕަލް ނަގާ ޓެސްޓުކުރުމުންނާއި، ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުން އަދި އެކަހެރި ކުރުމުން އިސްތިސްނާވާނެ ކަމަށް ނިންމާ ލުއިތަކެއް ދީފައިވަނީ ކޮވިޑް-19އާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން، ބަލިޖެހުމަށްފަހު އަލުން ބަލިޖެހުމާ (ރީއިންފެކްޝަން)އާއި ގުޅޭގޮތުން ހޯދިފައިވާ ހޯދުން ތަކަށް ރިއާޔަތްކޮށްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.