ނަފްރަތުގެ ބިލުގައި އެންމެ ގިނަ ބައެއްގެ އަދި އިލްމްވެރިންގެ ވެސް ކަންބޮޑުވުމެއް އޮތީ، "އާންމު ތަނެއްގައި އިސްލާމްދީނާ ހިލާފަށް އުޅޭ ކަމަށް ނުވަތަ އެމީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް މީހަކާ ދިމާލަށް އެއްވެސް ހާލަތެއްގައި ބުނުމަކީ ޖިނާއީ ކުށެއް" ގެ ގޮތުގައި އޮތް އެ ބިލުގެ ފުރަތަމަ މާއްދާ އާ މެދެވެ.
އެހެން އެ މާއްދާ އޮންނާތީ ފާޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނަށް ހަޖޫ ޖަހައި ރަސޫލާއަށް ބަދުބަސް ބުނެ އުޅޭ މީހާ އެކުރަނީ ގޯސްކަމެއް ކަމަށް ބުނުމުގެ ހައްގު އުނިވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެވެ.
އެހެންކަމުން ގިނަ ބަޔަކާއި ދީނީ އިލްމްވެރިންވެސް ހިމެނޭގޮތަށް އެ ބިލަށް ފާޑުކިޔަމުންދާތީ، ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހް ގެނައުމުގެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ، އާއްމުންގެ ފަރާތުން ލިބުނު ހިޔާލުތަކާއި، އެޗްއާރުސީއެމް އާއި، އިސްލާމިކް މިނިސްޓްރީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފައަށްވެސް ބެލުމަށް ފަހު އެ މާއްދާގައި އިސްތިސްނާ ހާލަތެއް ހިމަނާ އަކުރެއް އިތުރުކޮށްފައެވެ.
އޭގެ އިތުރުން އެ ބިލަށް ގެނައި ދެވަނަ އިސްލާހަކީ، އަގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް އިސްލާހަށް ބަދަލުގެނެސް، ތަފްސީލްކޮށް ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރުމެވެ. އެގޮތުން އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަމެއްނަމަ ވަކި ކޮޅެއް އާއްމުންގެ މީހަކު ނެގުމުގެ އިހްތިޔާރު އެމީހަކަށް ލިބިދޭގޮތަށް އިސްލާހުކުރުމެވެ.
ނަފްރަތުގެ ބިލަށް އާންމުން ފޮނުވާފައިވާ ހިޔާލުތަކާއި، އެޗްއާރުސީއެމް އާއި، އިސްލާމިކް މިނިސްޓްރީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފައަށް ރިއާޔަތްކޮށް އެކުލަވާލި ޑްރާފްޓަށް ކޮމެޓީގެ މެމްބަރުންގެ ހިޔާލު ހޯދާ އިސްލާހުތައް ގެނެއުމަށް ފަހު އެ ބިލް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ދެން މި ބިލް ދާނީ ސީދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.
އެ އިސްލާހާ އެކު އެފަދަ ހާލަތަކުން އިސްތިސްނާވާ ހާލަތެއްގައި ނުވަތަ އެއްވެސް މީހަކު ކަނޑައެޅިގެން ފާޅުގައި ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅުކޮށް، ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުވެއްޖެނަމަ އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުަވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހަމަތު ކުރެވިދާނެ އެވެ.