ads
ރައީސް ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި ބައްދަލުކުރައްވައިފި
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވާ މައުލޫމާތު ސާފުކުރައްވައިފި އެވެ.
Advertisement

އޮންލައިން ކޮށް ބޭއްވި އެބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު އާތިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ހާއްސަކޮށް މިހާރު ކުރިޔަށްގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން އެސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މޭޔަރު ވަނީ އެސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ހިންގުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިން ޔުނިޓްގެ ފިނިޝިންގެ މަސައްކަތްތައް ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވެއެވެ. 

މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުވުމުގައި ރައީސް ސޯލިހް ވަނީ ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫއުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ އަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

މޭޔަރު ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ހިދުމަތްތައް ތައާރަފްކުރުމާއި ހިދުމަތްތަކުގެ ފެންވަރުގެ މަތިކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ އެކްސްޕޭންޝަންގެ މަސައްކަތްތަކާއެކު ސިއްހީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ސިޓީ ކައުންސިލުން ފާހަގަކުރިއެވެ. ހަމައެއާއެކު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތާބެހޭ ގޮތުންވެސް ކައުންސިލަރުން ރައީސްއާއި މަޝްވަރާކުރެއްވިއެވެ.

 ރައީސް ސޯލިހް ވަނީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޕޭންޝަންގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ކުރިޔަށްދާއިރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަ އަށް ހުޅުވާލުމުގެ މަރުހަލާގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ އެކަން ފާހަގަ ކުރައްވާފައެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔަ ހައިޑްރަންޓް އަދި ޑީވޯޓަރިން ހިމަނައިދިނުމަށާއި ބައެއް މަގުތައް ގުޅުވާލުމަށް ސިޓީ ކައުންސިލުން އެދުނެވެ. ރައީސް ސޯލިހް ވަނީ ސިޓީ ކައުންސިލުން އެދޭ ބަދަލުތައް ގެންނެވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. 

މި ކަންކަމުގެ އިތުރުންވެސް ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ގިނަދުވަސްވެ ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައްސަލައަށް މިހާރު ހެޔޮ ބަދަލެއް ގެނެވިފައިވާތީ އެކަން ފާހަގަކުރައްވާފައެވެ. އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ސިޓީ ކައުންސިލަށް ބޭނުންވާވަރަށް މުވައްޒަފުން ނެތުމުގެ މައްސަލައާއި އަދި އެއާޕޯޓު ހިމެނޭ ސަރަހައްދުގެ ސީވޯލްގެ މަސައްކަތާ، ލައިޓް ހަރުކުރުމާއި އަދިވެސް އެއާޕޯޓާއި ގުޅިގެން ބޭނުންވާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ކުޅުދުއްފުށީ ޕޯޓަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ސޯލިހް ވަނީ އެކަންކަމުގެ ވެސް އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ސިޓީ ކައުންސިލަށް މުވައްޒަފުންގެ ދަތިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ހާއްސަގޮތެއްގައި ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ވެސް ކައުންސިލުތަކުން އަމިއްލައަށް ހިންގޭގޮތަށް އޮތްނަމަވެސް ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް