ރައީސް ސޯލިހް މިހެން ވިދާޅުވީ އަލަށް އިންތިހާބުކުރި ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ސަރުކާރުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ ކައުންސިލް އާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު އާތިފް ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.
އެކަމަށް ހައްލުތަކެއް ހޯއްދަވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫއުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމަށެެވެ.
ގެދޮރުވެރިޔާ ލޯނު ސްކީމް" ސަރުކާރުން އިއުލާންކޮށްފައިވަނީ، މިދިޔަ ޖޫން މަހުގެ 14 ވީ ހޯމަ ދުވަހުއެވެެ. އެ ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް، ތައާރުފުކުރި ސްކީމެކެވެ. އެ ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި، ނުވަތަ ރަހުނުގެ ގޮތުގައި ދައްކަންޖެހެނީ އެމީހާއަށް ލިބިފައި އޮތް ގޯއްޗެއް ނުވަތަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ.
ގިނަވެގެން މަހެއްގެ މައްޗަށް 5000 ރުފިޔާ އަނބުރާ ދައްކަންޖެހޭގޮތަށް ތައާރަފްކުރި އެ ލޯން ސްކީމްގެ ދަށުން ކޮންމެ ފަރާތަކަށް އަދި ދޫކުރަނީ 700,000 (ހަތް ލައްކަ) ރުފިޔާ އެވެ.
އެ ލޯނު ސްކީމު ތައާރަފް ކޮސްދެއްވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، އެ ލޯން ސްކީމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރައްޔިތުންނަށް ދައުރު ނިމޭއިރު، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ ކަމަށެވެ.