ads
އަދާލަތުގެ ޖަލްސާއެއްގެ ތެރެއިން
އިޔާޒާއިމެދު ފިޔަވަޅުއެޅީ ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެބޭރުން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު ޢިޔާޒް ޢަބްދުއްލަޠީފް އާމެދު ފިޔަވަޅު އަޅާފައިވަނި "ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން" ކަމަށް އެމަނިކުފާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ބުނެފިއެވެ.
Advertisement

މިއަދު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޢިޔާޒާއި މެދު އެޅި ފިޔަވަޅަކީ، އެފަދަ މަގާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. 

އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް އެފަދަ ސަބަބެއްވެސް ހާލަތެއްވެސް ނެތި މިފަދަ ފިޔަވަޅުތައް ދީނީ ޢިލްމުވެރިންނާމެދު އެޅުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެމްއެންޔޫއިން އިޔާޒް ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ކަމަށާއި އަދި އެނިންމުން ބާތިލުކޮށް އެމަނިކުފާނު ކުރިން ހުންނެވި މަގާމަށް އަނބުރާ އިޢާދަކުރުމަށް އެ ޕާޓީން ގޮވާލައިފައިވެއެވެ.

އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ވާއިރު، އެ ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ ޢިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށްވެފައި، އިސްލާމީ ޝަރީޢަތުގެ ފަރުޢީ ބައެއް މައްސަލަތަކާ ގުޅޭގޮތުން ވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އަދި އެބަހުސްތަކަކީ ޙައްޤަށް ވާސިލުވުމަށްޓަކައި ކޮންމެހެން ލާޒިމުވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، އެފަދަ އިލްމީ ބަހުސްތަކާ ގުޅޭ ހަގީގަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ އިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫންކަމަށް އަދާލަތުން ބުނެއެވެ.


އެޕާޓީން ބުނީ އެރައުޔަކީ ހައްގު ގޮތް ނުވަތަ ހައްގު ގޮތާ އެންމެ ގާތްގޮތް ކަމަށް ދައްކުވައިދޭ ކަމެއްވެސް ނޫންކަމަށާއި އެހެނެއްކަމަކު އެކަމަކީ އިސްވެދެންނެވުނު ފަދައިން އިސްލާމްދީނުގެ ޢިލްމީ ހަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެއް ކަމަށެވެ.  މިއިން ޒަމާނަކުވެސް ދިވެހިރާއްޖެ ހުޅުވާލެވިފައި ނުވާ މިންވަރަށް ހުޅުވާލެވި، މިނިވަންކަމާއެކު ފިކުރުކޮށް އެމީހެއްގެ ބުއްދިއަށް ފެންނަގޮތާއި ހިޔާލުތައް އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާގޮތަށް ދުލާއި ގަލަމުން ފާޅުކުރުމަކީ އަސާސީ ހައްގެއް މަރުހަލާއަކަށް ކަމަށް ކަނޑައަޅާފައިވާ ޒަމާނެއްގައި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާއިން، ޢިލްމުވެރިން ދައްކަވާ އިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް އެޕާޓީން ބުނެއެވެ.

އެ ބަޔާނުގައި ބުނީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ދެކޭގޮތުގައި، މުހައްމަދު ޢިޔާޒުއާދު އެމްއެންޔޫއިން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގޭ ޢުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

އެކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށާއި އަދި އެކަމުގެ ފަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާމެދު ޑރ. މުޙައްމަދު ޢިޔާޟު ޝުޢޫރެއް ނޫން ކަމަށެވެ. އޭގެ އިތުރުން އެޕާޓީން ބުނީ އެއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި ދާއިރާތަކުން އިސްލާމްދީނުގެ ޢިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން ހިންގާ ނުރައްކާތެރި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން  އެދޭ ބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއް ކަމަށެވެ.

އަދާލަތުން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ކުރިން އޮތްގޮތަށް، އިލްމީ މުއައްސަސާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަން ހުރިތަނަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް