ސްޕެއިނާއި ސްވިޓްޒަލަންޑްގެ މެޗުގެ ފުރިހަމަ ވަގުތު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެ، އިތުރު ވަގުތުގައިވެސް ލަނޑެއް ނުޖެހުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީން ސްޕެއިން މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. ސެމީގައި ސްޕެއިން ވާދަކުރަން ޖެހޭނީ ކުއާޓަރ ފައިނަލުގައި ބެލްޖިއަމާ އިޓަލީ ކުޅެގެން މޮޅުވާ ބަޔަކާއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިނުން ތިން ލަނޑު އެއް ލަނޑުން މޮޅުވިއިރު، ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މިސްވިއެވެ. އެހެންނަމަވެސް އެކަމުގެ އެޑްވާންޓޭޖް ސްވިޓްޒަލަންޑަށް ނުނެގުނީ އެ ޓީމުންވެސް ޕެނަލްޓީތަކެއް މިސް ވުމުންނެވެ. ޕެނަލްޓީގައި ސްޕެއިން އަތުން ބަލިވެ، ސްވިޓްޒަލަންޑަށް މުބާރާތް ނިމުނު އިރު އެ ޓީމުންވަނީ މިދިޔަ ހަފުތާ ތެރޭ ރައުންޑް އޮފް ސިކްސްޓީނުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ޕެނަލްޓީން ބަލިކޮށްފައެވެ.