ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ޑިޕްލޮމޭޓުންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް މީޑިއާތަކުން ނަފުރަތު އުފައްދާ ކަމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކުގެ އެޑިޓަރުން ހިމެނޭ ޖަމިއްޔާ އެޑިޓާސް ގިލްޑްއިން ނެރުނު ނޫސްބަޔަނެއްގައި ބުނީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނެރޭ ނޫސް މަޖައްލާތަކެއް ކަމުން ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރި ލިއުމަކާ ގުޅޭ ގޮތުން، އެކަމުގެ
ނުތަނަވަސްކަމެއް އޮތް ނަމަ އެކަމަކަށް ހައްލު ހޯދުމަށް އިންޑިއާ ހައި ކޮމިޝަނުން އެދެން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.
އަދި އެ މައްސަލަ ބަލައި ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ފޮރިން މިނިސްޓްރީ އަށް އެދެވިދާނެކަން ފާހަގަކުރަމުން އެ ޖަމިއްޔާއިން ބުނީ ރަސްމީކޮށް އެ މައްސަލަ ހައި ކޮމިޝަނުން ލޮޖު ކުރީ ފޮރިން މިނިސްޓްރީ އަށް ކަމަށެވެ.
އެހެން ނަމަވެސް އެ މައްސަލަ ރައްދުވާ ޑިޕްލޮމޭޓް ސީދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ ތަންދޭ ކަމެއް ނޫން ކަމަށާއި، އެއީ
ވިއެނާ ކޮންވެންޝަނާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމުގައި ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ/މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެމްޑީޕީ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ އިންޑިއާގެ ޑެޕިޔުޓީ ހައިކޮމިޝަނަރު އެކަމަނާއަށް ގުޅުއްވާ މީޑިއާގައި އެބޭފުޅާ ބަދުނާމުކޮށް ދައްކާފައިހުރި ޕާސަނަލް ވާހަކަތަކުގެ ސަބަބުން އެބޭފުޅާގެ ސެކިޔުރިޓީއާއި ދޭތެރޭވެސް ކަންބޮޑުވާކަމަށް
ވިދާޅުވި ކަމަށް ވިދާޅުވެފައެވެ.
އެޑިޓާސް ގިލްޑްއިން ބުނީ ކޮމިޓީގެ މުގައްރިރުގެ ބަހުން ޑިޕޮލަމޭޓް ސީދާ މުގައްރިރަށް ގުޅުއްވިކަން ސާފުވާ ކަމަށެެވެ.
އަދި އެ މައްސަލައިގައި އިންޑިއާގެ ޑިޕްލޮމޭޓެއްގެ ކޯލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން
މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަމިއްލައަށް އެ މައްސަލާގައި މީޑިއާ ޖަވާބުދާރީ ކުރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އެންގުމަކީ ވެސް ޑިމޮކްރަސީއާ ބީރައްޓެހި އުސޫލެއްކަން ފާހަގަ ކުރާކަމަށް ބުނެފައިވެއެވެ.
އޭގެއިތުރުން އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައި މައްސަލަ ބަލަމުންދާ ކަމަށް ބުނުމަކީ ވެސް އެޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމެއް ކަމަށާއި، މިޑީއާއެއްގައި ރިޕޯޓް ކުރި މައްސަލައަކާ ގުޅޭ ގޮތުން ނުތަނަވަސް ކަމެއް އޮތް ނަމަމޯލްޑިވްސް މީޑިއާ ކައުންސިލަށް އެ މައްސަލަ ބެލުމަށް ފުރުސަތު ދިނުމަށް ގޮވާލާކަމަށް ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނީ، އަމިއްލައަށް ބާރާއި ނުފޫޒު ބޭނުން ކޮށްގެން މައްސަލައަށް ވާސިލުވުމަށް މަސައްކަތް ކުރުމަކީ ތަހުޒީބީ ހަމައެއް ކަމަށް ނުފެންނަ ކަމަށާއި، ރާއްޖެ ބަލައިގެންފައިވާ ނިޒާމަކީ ވެސް އެއީ ކަމަށެވެ.
އަދި ރާއްޖޭގައި މަސައްކަތް ކުރާ މީޑިއާތަކުން ވެސް މައްސަލަތައް ރިޕޯޓް ކުރުމުގައި
ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލު ކުރުމަށާއި، ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ގޮވާލާފައިވެއެވެ.
ބޭރުގެ ޑިޕްލޮމޭޓުންގެ ވާހަކައެއް ދައްކާ ނަމަވެސް ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރިއާޔަތް ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި، ނޫސްތަކުން އެ ހައިކޮމިޝަނާއި އެ މިޝަންގެ ހެޑް އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ އަބުރަށް ގެއްލުންދެމުންދާކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަކަމަށެވެ.
އަދި އެފަދަ ހަމަލާތައް ތަކުރާރުވަމުންދާ ނަމަ ހައި ކޮމިޝަނުގެ މަސައްކަތްތަކަށް ބުރޫއަރާފާނެކަމަށް ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރުވެސް އެ ސިޓީގައި ދީފައިވެއެވެ.
އެހެންކަމުން ބޭރުގެ ޑިޕްލޮމެޓުންނަށް އެ މީހުން ތިބޭ ގައުމަކުން ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށާއި، އެ ޑިޕްލޮމެޓުންނަށް އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަންކަމުން ސަލާމަތް ކުރުމަށް އެ ގައުމެއްގެ ސަރުކާރުން ފިޔަވަޅު އަޅައި ދޭން ޖެހޭނެ ކަމަށް “ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން" ގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ.