އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންގެ ކިބައިން ޕީޖީ އޮފީހުން އަނެއްކާވެސް އެދިފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ބްލޮގްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢަލީ ވަޙީދުގެ މައްސަލައިގައި، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތް ކަމަށް ނުދެކޭތީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރަނީ އަލީ ވަހީދަކީ ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ވެސް ނުފެނި ފިލައިގެން އުޅޭ މީހެއް ކަމަށް ލިޔެ ކިޔުމުން ފެންނަން އޮތް މީހެއް ކަމަށް ވާތީ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކޭތީ ކަމަށް ޕީޖީ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި މިވަގުތު ހުރި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބޭނުމަކީ އެޕާސްޕޯޓް ބޭނުންކޮށްގެން އަލީ ވަހީދަށް އިނގިރޭސިވިލާތުން އެހެން ގައުމަކަށް ދަތުރުކުރިޔަ ނުދިނުމެވެ. އަދި ޕީޖީ އޮފީހުން އުންމީދު ކުރަނީ އެ ހާލަތުގައި އަލީ ވަހީދަށް އެނބުރި ދަތުރުކުރެވޭނީ ހަމައެކަނި ދިވެހި ރާއްޖެއަށް ކަމަށް ޕީޖީން މީގެ ކުރިން ވަނީ ބުނެފައެވެ.
އަލީ ވަހީދަށް ދައުވާ ކުރަނީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައެވެ. އޭނާ މަގާމުން ވަކިކުރީ މިިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.
އޭގެ ފަހުން އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އެދި ހުއްދައަށް އެެދިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް މިދިޔަ ފެބްރުއަރީ މަހު ދޫކުރީ ޕީޖީ އޮފީހުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫނުކޮށް ޓްރެވެލް ޑޮކިއުމެންޓްއެއްގެ ދަށުން އަލީ ވަހީދު ފުރަން ހުއްދަ ދިނުމަށް ކޯޓުގައި އެދިފައި ވަނިކޮށެވެ.
އަލީ ވަހީދު ރާއްޖެއިން ފުރާފައި ވަނީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އޭނާއަށް ޖާމިނުވުމަށް އެއްބަސްވުމާ އެކުއެވެ.
އަލީ ވަހީދު މިވަގުތު ހުރީ އިނގިރޭސިވިލާތުގަ އެވެ. ޕީޖީ އޮފީހުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން މި އެދުނީ އޭނާ ބޭރަށް ފުރަން ކޯޓުން ދިން މުހުލަތު ހަމަ ވެފައި ވަނިކޮށެވެ.