ads
ހައިކޯޓުގެ ރަޖިސްޓްރާ ހޫރުޝިދާ އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް
ޕީޖީގެ ފާޑު ކިޔުން ހައިކޯޓުގެ ރަޖިސްޓްރާއަށް
ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލަތަކާ ބެހޭ ގޮތުން ގޮތެއް ނިންމުން ވަރަށް ލަސްކަމަށް ވިދާޅުވެ، ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް، ހައިކޯޓުގެ ރަޖިސްޓްރާއަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޖީގެ ފާޑުކިޔުން ހައިކޯޓުގެ ރަޖިސްޓްރާއަށް އަމާޒުވެފައިވަނީ އާދިއްތަ ދުވަހު ޕީޖީ އާއްމު ކުރެއްވި ޕޮޑްކާސްޓުގައި، ޕީޖީގެ އަމިއްލަ ވެބް ބްލޮގްގައެވެ. 

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާއަށް ފާޑު ވިދާޅުވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ހައިކޯޓުގެ ރަޖިސްޓްރޭޝަންގައި މާގިނަ މުއްދަތު ނަގާތީ އެކަމުގެ ސަބަބުން ގާނޫނުން ހާސިލުކުރަން ބޭނުންވާ ނަތީޖާތައް ހާސިލް ނުވާކަމަށެވެ. އެހެންނަމަވެސް ޝަމީމް ވިދާޅުވީ، މައްސަލައެއް ރަޖިސްޓްރީކުރުމަށް ފަހު ފަނޑިޔާރުންގެ އަތްޕުޅަށް މައްސަލަ ލިބޭ ހިސާބުން މައްސަލަ ލަސް ނުވާ ކަމަށެވެ.

އަޅުގަނޑުމެން އުއްމީދުކުރަން ހައިކޯޓުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް މިހާރަށްވުރެ ކުރިއަށް އޮތްތަނުގައި އަވަސްވާނެ ކަމަށް. އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅުވެގެން ދާނެ ކަމަށް، އަދި މައްސަލަތައް އަވަހަށް ހިނގިގެން ދާނެ ކަމަށް.

ހައިކޯޓުގެ ރަޖިސްޓްރޭޝަންގެ މައްސަލަތައް ލަސްކަން ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއިރު، މީގެ ދުވަސްކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހައިކޯޓުން ބުނެފައިވަނީ މައްސަލައެއް ރަޖިސްޓްރީވުމަށް އެވްރެޖުކޮށް ބައްތިރީސް ދުވަސް ނަގާ ކަމަށެވެ. މިއީ އެކަށީގެންވާ މުއްދަތަށްވުރެ ގިނަ ދުވަސްކަން ރައްޔިތުންގެ މަޖިލީހުގައި އެ ދުވަހު ޖުޑީޝަރީ ކޮމިޓީގެ މެންބަރުން ފާހަގަ ކުރެއްވިއެވެ. އެ ކޮމިޓީގެ މެންބަރު، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ މައްސަލަތައް ހައިކޯޓުގެ ރެޖިސްޓްރޭޝަންގެ މަރުހަލާގައި ގިނަ ދުވަސްވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

ކީއްވެގެންތޯ ވަގުތީ އަމުރެއް ނެރެން އެދި ހުށަހެޅޭ މައްސަލައެއް ރަޖިސްޓްރީ ނުކުރެވި ހަ މަސް، ހަތް މަސް ވެގެންދަނީ؟ ކީއްވެގެންތޯ ހަމައެކަނި ރަޖިސްޓްރީވުމަށް އެހާ ގިނަ ދުވަސް ވެގެންދަނީ؟ އަޅުގަނޑު މި ދައްކަނީ އިސްތިއުނާފަށް ހުށަހެޅޭ މައްސަލައެއް ބަލައިގަންނާނެތޯ ނުވަތަ ނޫންތޯ ނުނިމި މިހާ ދުވަސްވަނީ؟

ހައިކޯޓުގެ ރަޖިސްޓްރާއަށް ޕީޖީ ޝަމީމްގެ ފާޑު ކިޔުންތައް އަމާޒުވިއިރު، ހައިކޯޓުގެ ރަޖިސްޓްރާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ޖޭއެސްސީން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި މަރުގެ މައްސަލައެއް ހައިކޯޓުން ދެ ފަހަރަށް ބަލައިގަނެ، ދެ ބެންޗަކުން އެއް މައްސަލައެއް ބެލި މައްސަލައެވެ. މިކަމާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައިކޯޓުގެ ރަޖިސްޓްރާވަނީ އެއީ އެ ބޭފުޅާއަށް ހެދުނު މިސްޓޭކެއް ކަމަށް އިއުތިރާފުވެފައެވެ.

ހައިކޯޓުގެ ރަޖިސްޓްރާ ކަމަށް ހޫރުޝީދާ އައްޔަން ކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ސުލޫކީ މައްސަލަތަކަކާ ގުޅިގެން ވަކިކުރި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއެވެ. ހައިކޯޓުގެ ރަޖިސްޓްރާކަމުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އެ އޭނާ ހުންނެވީ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަގާމުގައެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ޕީޖީ އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިދިޔަ ހަފުތާ ހައިކޯޓުން އިއްވި ހުކުމެއްގައި ވެސް ރަޖިސްޓްރާގެ ނިންމުންތަކެއް ފާހަގަ ކުރައްވާފައިވެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް