ads
ކާޑެއްދޫ އެއާޕޯޓު
ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދީ: ފިރުޝާން
ހުވަދު އަތޮޅުގައި އިންޓަނޭޝަލް އެއާޕޯޓެއް ގާއިމް ކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދާއެއްގޮތަށް ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަލެވީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެދިވަޑައިގެންފިއެވެ.
Advertisement

ފިރުޝާން ސީއެންއެމް ވިދާޅުވީ ރައީސް އަރިހު ތަފާތު ފަހަރު މަތިން އެކަން ކޮށްދެވުމަށް ރައްޔިތުން އެދޭ ވާހަކަ ދަންނަވާފައި ވާނެކަމަށާއި އަދި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާކަމަށް ވިދާޅުވިއެވެ. 

މެންބަރު ފިރުޝާން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއެއްގޮތަށް ވިލާ ކުންފުންޏަށް އެއާޕޯޓު ހަވާލު ކޮށްފައި އޮތުމުގެ ސަބަބުން މިހާރު ސަރުކާރަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ބަދަލު ދީފައި ސަރުކާރަށް އެއާޕޯޓު ނެގުމަށް ފަހު ތަރައްގީ ކުރުމެވެ. އަނެއްގޮތަކީ އެކުންފުންޏަށް އެއާޕޯޓު ތަރައްގީ ނުކުރެވިގެން ދޫކޮށްލުމުން ސަރުކާރަށް ނެގުމެވެ. 

ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރާ ގާތްކުރާއިރު އެއާޕޯޓުގެ ވައުދު ނުފުދި އޮތުމުން ކްލަބު ހައުސް ފަދަ ޕްލެޓްފޯމް ތަކުގައި މިސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. 

ފިރުޝާން ވިދާޅުވީ ވިލާ ކުންފުނިން އެއާޕޯޓު އިންޓަނޭޝަނަލް ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ވިލާ ކުންފުންޏާ ހަވާލުވެފައި އޮތް ދުވަސްތަކުގައިވެސް ރައްޔިތުންނަށް އެއްވެސް ޕްލޭނެއް ދެއްކިފައި ނުވުމެވެ. ރީޖަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނަމަވެސް ޕްލޭނެއް އޮންނަން ޖެހޭނެކަމަށް ފިރުޝާން ވިދާޅުވިއެވެ. 

ގދ.އަތޮޅުގެ ބައެއް މަޖިލިސް މެންބަރުންނާ ބައްދަލު ކުރައްވައި، މީގެ ކުރިންވެސް ރައީސް ސޯލިހު ވަނީ އެ އެއާޕޯޓް އިންޓަނޭޝަނަލް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މެންބަރުންނާއެކު އޭރު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވެފައިވަނީ ރައީސްގެ ވިސްނުންފުޅަކީ ކާޑެއްދޫ އާއި ތިނަދޫ ގުޅާލާ، ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސްގެ ތަސައްވަރަކީ ވެރިކަމުގެ ދައުރު ނިމޭއިރު މަސައްކަތް ނިންމާ ރައްޔިތުންނަށް ހިދުމަތްދޭން ފެށުމެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ވިލިނގިލީގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް ޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު އޭރު ވަނީ ވިދާޅުވެފަ އެވެ.

ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަކީ ކުރީގެ ރައީސް ޔާމީން ވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ. އޭރު ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް ކުރެވޭނެ ކަންތައް ވަޒީރުންގެ މަޖިލީހުން ބަލަމުން އަންނަ ކަމަށާއި ތިން އަހަރު ތެރޭ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް