ނަފްސާނީ ބަލީގެ ވާހަކަތައް ދައްކަން އަދިވެސް ބައެއް މީހުން ބޭނުމެއް ނުވެއެވެ. މަދުމަދުން މިފަހަކަށް އައިސް ސޯޝަލް މީޑިއާއާ އަދިވެސް އެނޫން ވަސީލަތްތައް މެދުވެރިކޮށް މީހުން ނަފްސާނީ ބަލީގެ ވާހަކަތައް ދައްކައެވެ. ނަފްސާނީ ބަލީގެ ސަބަބުން އެމީހުންގެ ހަޔާތަށް ބިންދާލި ރާޅުން ފިލާވަޅު ނަގައި އެހެން މީހުންނަށް ހިތްވަރު ލިބޭނެ ފަދަ އެތައް ވާހަކައެއް ހިމެނެ އެވެ.

Advertisement
ނަފްސާނީ ބައްޔެއް ހުއްޓަސް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. ގިނަ ފަހަރަށް މީހުން ދެކޭނެ ގޮތެއް ނުވަތަ ދައްކާނެ ވާހަކަތަކަކާއި މެދު ވިސްނާފަ އެވެ. ކަމެއް ހިއްސާ ކުރިޔަސް އެކަމުން ސިކުނޑިއަށް ލުޔެއް ލިބުމުގެ ބަދަލުގައި އިތުރު ތަކުލީފެއް ވެސް އުފުލަން ޖެހިދާނެ ކަމުގެ ބިރާ ވެސް ހުރެ އެވެ. އާންމުކޮށް ނަފްސާނީ ބައްޔެއް ހުންނަނަމަ މީހުން ބުނާ އެއް ވާހަކައަކީ "ނަމާދުތައް ގަޑިން ގަޑިއަށް ކުރާނަމަ އެކަން ކުރިމަތި ނުވާނެ،" ކަމަށެވެ. އެކަމަކު ގަޑިން ގަޑިޔަކަށް ނަމާދުކޮށް ސުންނަތް ނަމާދުކޮށް އުޅޭ މީހަކަށް ވެސް އެެފަދަ ކަމެއް ކުރިމަތިވެދާނެކަން ގަބޫލުކުރަން ޖެހުނީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ކުޅުންތެރިޔާ އައިމިނަތު ޝިއުރާ، އޭނާގެ ހަޔާތަށް ބިންދާލި ޑިޕްރެޝަނުގެ ވާހަކަ މީޑިއާތަކަށް ތިލަ ކޮށްލުމާއެކު އެވެ.
ޝިއުރާ ވަނީ އެގޮތަށް މީހުން ބުންޏަސް އޭނާއަކީ ކޮންމެ ތަނެއްގައި ހުއްޓަސް ނަމާދަށް ފަރުވާތެރި މީހެއް ކަމަށް ބުނެފަ އެވެ. ވައްޓާނުލާ ހުރިހާ ނަމާދެއް ވެސް ކުރަމުންދަނިކޮށް ޑިޕްރެޝަނުގެ ކަނޑަށް އޭނާ ވެއްޓުނުއިރު އެކަން އޭނާއަކަށް ވެސް ނޭނގުނެ އެވެ. އެ ކަނޑަށް އޭނާ ގެނބެމުން ދިޔަކަން ގާތް އެކުވެރިންނާއި އާއިލާއަކަށް ވެސް ނޭނގެ އެވެ. އެކަމަކު ރައްޓެއްސެއްގެ އެދުމަށް ސައިކިއެޓްރިސްޓަކަށް ދެއްކުމުން ޑިޕްރެޝަންކަން އެނގިގެން ދިޔަ ކަމަށް ޝިއުރާ ބުނެފައި ވެއެވެ.
ޝިއުރާގެ ޑިޕްރެޝަނުގެ ވާހަކަތަކުން މިފެށީ އެވާހަކަތައް އޭނާ ތިލަކޮށްލުމާއެކު ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ގިނަ ބަޔަކު އެކަމުން އިންސްޕަޔާ ވެފައި ވާތީ އެވެ. އެތައް ވޭނެއް އުފުލަމުން އޭނާ އެކަމުން ސަލާމަތް ވުމަށް ކުރި ހަނގުރާމަ ގިނަ ބަޔަކަށް ކަމުގޮސްފައި ވާތީ އެވެ.
މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސްކަމުން މިވާހަކަތައް ހަނދާން އާކޮށްލުމަކީ މުހިއްމު ކަމެކެވެ. ނަފްސާނީ ބައްޔަށް މީހުން ހޭލުންތެރި ކުރުމަށް "ވޯލްޑް ފެޑަރޭޝަން ފޯ މެންޓަލް ހެލްތު" އިން އިސްނަގައިގެން މި ދުވަސް ފާހަގަކުރަމުން އަންނައިރު މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މެންޓަލް ހެލްތު ޕްރޮމޯޓްކުރުން އަދި އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދު ކުރުމެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 40 ސިކުންތަކުން އެކަކު އަމިއްލައަށް މަރުވެ އެވެ. އެހެންކަމުން އެ 40 ސިކުންތަކީ ނަފްސާނީ ބަލިތަކާ މެދު އާންމުން ހޭލުންތެރިކޮށް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެހީވެވިދާނެ ސިކުންތުކޮޅެކެވެ.
މީހުންގެ ތެރެއަށް ނިކުމެ އުޅެން ބޭނުން ނުވުމާއި ކަންކަން ކުރަން ފޫހިވެ އެނދުމަތީގައި އަބަދު އޮންނަ މީހުންނަކީ ކަންނެތް ބައެއްގެ ގޮތުގައި ސިފަ ކުރަން ހެޔޮ ވެސް ނުވާނެ އެވެ. ކުދިކުދި ކަންކަމާއި ރުޅި އައިސް އަމިއްލައަށް މަރުވާ ހިސާބަށް އެމީހުންގެ ވިސްނުން ދިއުމަކީ އީމާންތެރިކަން ބަލިކަށިވުމުން ދިމާވާ ކަމެއް ކަމަށް ގަބޫލުކޮށްގެން ވެސް ނުވާނެ އެވެ. ކާހިތް ނުވުމާއެކު ހަށިގަނޑު ލޮޑުވެފައިވާ އިހުސާސްއެއް ކުރެވެ އެވެ. ސިކުނޑީގައި ވޭނީ ފިކުރުތައް ކޮއްޓަމުން ދިޔަ ނަމަވެސް ގިނަ ފަހަރަށް އެފަދަ ވާހަކަތައް މީހުންނަށް ހިއްސާ ނުކުރަނީ އެމީހުންގެ އިހުސާސްތައް އެހެން މީހުންނަށް އިހުސާސް ނުކުރެވޭނެ ކަމަށް އަމިއްލަ ނަފްސަށް ވެސް ގަބޫލުކުރެވޭތީ އެވެ.
މިކުޑަ ކުޑަ ރާއްޖޭގައި ވެސް މި ބަލި ތަހައްމަލު ކުރަމުން އަންނަ އެތައް ބަޔަކު އެބަ އުޅެ އެވެ. ބަލީގައި ބޮޑުވަރުވުމުން ނޫން ގޮތަކަށް މިއީ ފަރުވާ ބޭނުންވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޑިޕްރެޝަން ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލު ކުރަމުން އަންނަނަމަ ތަފާތު ނުކުޅެދުންތެރިކަމާއި ހިތުގެ ތަފާތު ބަލިތަކަށް ވެސް މަގުފަހިވާ ކަމެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް މާލޭގައި ހުރި ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލުން ވަނީ މެންޓަލް ހެލްތު ސެންޓަރެއް އެތަނުގައި ހުޅުވާފަ އެވެ. އެގޮތުން ފުރަތަމަ މަހު އެކަނި ވެސް އެތަނުން 395 މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދިއިރު ގިނަ ބަޔަކު ދެތިން ހަފުތާ ވަންދެން ފަރުވާއަށް ކިއުގައި ވެސް އެބަ ތިއްބެވެ.
އައިޖީއެމްއެޗުން އެ ހިދުމަތް ދިނުމުގެ ކުރިން ވެސް ނަފްސާނީ ބަލިތަކަށް ކައުންސެލިން ދިނުން ފަދަ ކަންކަން ބައެއް އަމިއްލަ ތަންތަނުން ވެސް ދިޔައީ ކުރަމުންނެވެ. އެކަމަކު ބައެއް ފަހަރަށް އަގު ބޮޑުވުމާއި އެޕޮއިންޓަމަންޓް ހޯދަން ދަތިތައް ކުރިމަތިވުން ފަދަ ކަންކަމާ ހުރެ ފަރުވާ ހޯދުމަށް ދަތިވެ އެވެ.
މާލޭގައި ހިލޭ ކައުންސިލިން ދެމުންދާ ތަންތަން:
- ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)
- ދަމަނަވެށި - ދަމަނަވެށިން ކައުންސިލިންގެ ހިދުމަތް ދެމުން އަންނަނީ ހަ އަހަރުން މަތީގެ އުމުރުފުރާތަކަށެވެ.
- ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު - އެތަނުން ހިލޭ ކައުންސިލިން ދެމުން އައި ނަމަވެސް ކުޑަ ކުދިންނަށް އެ ހިދުމަތެއް އަދި ނުދެ އެވެ.
މާލޭގައި ކައުންސިލިން ދެމުން އަންނަ ބައެއް އަމިއްލަ ތަންތަނާއި އެތަންތަނުން އެ ހިދުމަތް ދެމުން އަންނަ އަގުތައް:
- ތިބާ ކްލިނިކް - މި ކްލިނިކުން އަންނަނީ ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ކައުންސިލިންގެ ހިދުމަތް ދެމުންނެވެ. އެގޮތުން ކޮންސަލްޓޭޝަން ފީގެ ގޮތުގައި 500 ރުފިޔާ އެ ކްލިނިކުން ނަގާއިރު ތިން އަހަރުން ދަށުގެ ކުދިންނަށް ތެރަޕީ ދެނީ 1000 ރުފިޔާ އަށެވެ. އަދި ތިން އަހަރުން މައްޗަށް އެ ހިދުމަތް ދެނީ 3000 ރުފިޔާ އަށެވެ.
- އިންސްޓިޓިއުޓް ފޯ މެންޓަލް ވެލްބީން - އެތަނުން ކައުންސިލިން ދެމުން އަންނަނީ 500 ރުފިޔާ އަށެވެ.
- އިންސްޓިޓިއުޓް ކައުންސެލިން އެންޑް ސައިކޯ ތެރެޕީއިން ވެސް ކައުންސިލިންގެ ހިދުމަތް ދެ އެވެ. އެގޮތުން ކޮންސަލްޓޭޝަނަށް އެތަނުން އާންމުކޮށް 500 ރުފިޔާ ނަގަމުން އައި ނަމަވެސް މިއީ މެންޓަލް ހެލްތު ވީކް ކަމުން އެތަނުން ކޮންސަލްޓޭޝަން ފީގެ ގޮތުގައި އެއްވެސް އަގެއް ނުނަގާނެ އެވެ. އަދި ކައުންސިލިން 400 ރުފިޔާއަށް ދިން ނަމަވެސް މިހަފުތާގައި އެ ހިދުމަތް ވެސް ދޭނީ 300 ރުފިޔާ އަށެވެ.
- އަޒްމީ-ނައީމް މެޑިކަލް އެންޑް ޑައިގްނޮސްޓިކް ސެންޓާ (އޭއެމްޑީސީ)، އިން ވެސް އަންނަނީ ހުރިހާ އުމުރަކަށް ކައުންސިލިން ދެމުންނެވެ. އެގޮތުން ކޮންމެ ސެޝަނަކަށް އެތަނުން 200 ރުފިޔާގެ ފީއެއް ނަގަ އެވެ.
- ވިމެން ހެލްތު ސެންޓަރު - އެތަނުން ވެސް އަންނަނީ ހުރިހާ އުމުރެއްގެ މީހުންނަށް ކައުންސެލިން ހިދުމަތް ދެމުންނެވެ. އެގޮތުން ވޯކިން ކައުންސެލިން ސެޝަނަކަށް 250 ރުފިޔާގެ ފީއެއް ނަގާއިރު އެތަނުން އަންނަނީ ފޯނު ކައުންސެލިން ވެސް ދެމުންނެވެ. އެގޮތުން 400 ފީއެއް ނަގައިގެން ފޯނު ކައުންސެލިން ދެމުން އަންނައިރު ނަން ނޯޓުކުރުމަށް ގުޅަން ޖެހެނީ 7318383 އަށެވެ. އަތޮޅު ތެރޭގެ މީހުންނަށް ވެސް އެ ހިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ވިމެން ސެންޓަރުން އެގޮތަށް ފޯނު ކައުންސެލިންގެ ހިދުމަތް ދެމުން އަންނައިރު ނަން ނޯޓުކުރުމުން ދެ ބައި މީހުންނަށް އެންމެ ފަސޭހަ ވަގުތުގައި ކައުންސެލިން ދިނުމަށް ގުޅާނީ އެ ސެންޓަރުންނެވެ.
އޭގެ އިތުރުން ވެސް މާލޭގެ އިތުރު ތަންތަނުން ކައުންސިލިންގެ ހިދުމަތް ދެމުން އަންނައިރު ބައެއް މިނިސްޓްރީތަކުން ވެސް ހާއްސަ ކުރެވިފައިވާ ވަކި މައްސަލައަކަށް އަމާޒުކޮށް ކައުންސިލިންގެ ހިދުމަތް ދަނީ ދެމުންނެވެ. އެފަދަ ތަންތަނުގެ ތެރޭގައި ޑްރަގުގެ މައްސަލަތަކަށް ހާއްސަ ކުރެވިފައިވާ ނޭޝަނަލް ޑްރަގް އެޖެންސީން ވެސް އަންނަނީ ޑްރަގުގެ މައްސަލަތައް ކުރިމަތިވެފައިވާ އާއިލާތަކަށް ވެސް ސެޝަންތައް ނަގައިދެމުންނެވެ.
ނަފްސާނީ ބައްޔަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރުިމަތިވެދާނެ ކަމެއް ކަމުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެ ހިދުމަތް ލިބުން މުހިއްމެވެ. ޒުވާން އުމުރުގައި ނަފްސާނީ ބައްޔަށް ދިއުމުގެ ފުރުސަތު ބޮޑުއިރު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ވެސް އަންނަނީ ކައުންސިލިންގެ ހިދުމަތް ކިޔަވާ ކުދިންނަށް ވެސް ދެމުންނެވެ. އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަން ހުންނަ ރަށްރަށުން ވެސް ކައުންސިލިންގެ ހިދުމަތް ދެއެވެ.
ނަފްސާނީ ބައްޔެއްގެ އަލާމާތެއް ނުވަތަ ތަފާތު ކަމެއް ރައްޓެއްސެއްގެ ފަރާތުން ފެންނަނަމަ އެމީހުންނާ ވާހަކަ ދައްކައި އެ ވާހަކަތައް އަޑު އަހާށެވެ. އެމީހުންގެ އިހުސާސްތައް ތިމާއަށް ވެސް އިހުސާސް ކުރެވޭކަން އެމީހުންނަށް އިހުސާސްވިޔަ ދޭށެވެ. ކައުންސިލް ނަގައި އެކަމުން ލުއެއް ހޯދުމަށް އެހީވެދޭށެވެ.