ads
ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ހަސީނާ ދުރުކުރި މުޒާހަރާތަކުގައި ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި އުޅުނު ޝަރީފް އުސްމާން ހާދީ: ހާދީގެ މަރާ އެކު ބަންގްލާދޭޝްގައި ވަނީ ހަމަނުޖެހުން ބޮޑުވެފައި. - ފޮޓޯ: އޭއެފްޕީ
ޒުވާނުންގެ ލީޑަރު ހާދީ މަރާލުމާ ގުޅިގެން ބަންގްލަދޭޝްގައި ބޮޑު ހަމަނުޖެހުމެއް
ބަންގްލަދޭޝްގެ ޒުވާން ލީޑަރު ޝަރީފް އުސްމާން ހާދީ މަރުވުމާ ގުޅިގެން އެގައުމުގައި ހަމަނުޖެހުން އުފެދިއްޖެ އެވެ.
Advertisement

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ޝައިހް ހަސީނާ ދުރުކުރި މުޒާހަރާތަކުގައި ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި އުޅުނު ހާދީ އަށް ހަމަލާ ދިނީ މިސްކިތުން ފައިބައިގެން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގޮސް ބަޑިން ދިން ހަމަލާއެއްގައި ޒަހަމްވުމުން ސިންގަޕޫރަށް ގެންގޮސް ފަރުވާ ދެނިކޮށް އިއްޔެ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ޑާކާ ޓްރިބިއުން ބުނީ ހާދީގެ ސިކުނޑީއަށް ގެއްލުން ލިބިފައިވާ ކަމަށާއި އިތުރު ފަރުވާއަށް ޑިސެމްބަރު 15 ވަނަ ދުވަހު ބަންގްލަދޭޝް އިން ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) ގެ ނިއުރޯސާޖިކަލް އިންޓެންސިވް ކެއާ ޔުނިޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ހާދީ އަކީ ދަރިވަރުންގެ މުޒާހަރާ ޖަމާއަތް، އިންގިލާބް މަންޗާގެ އިސް ލީޑަރެކެވެ. އަދި އޭނާއަކީ ކުރީގެ ބޮޑުވަޒީރު ހަސީނާ ފިއްލަވައިގެން މިހާރު ދިރިއުޅުއްވަމުން ގެންދަވާ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ.

your imageބަންގްލާދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ޑެއިލީ ސްޓާ ނޫހުގެ އޮފީހުގައި ރޭ ހުޅުޖަހާފައި. - ފޮޓޯ: އޭއެފްޕީ

ހާދީގެ މަރާއި ގުޅިގެން އޭނާއަށް ސަޕޯޓްކުރާ މީހުން ބަންގްލަދޭޝްގައި ހަމަނުޖެހުން އުފައްދައި އެގައުމުގެ ދެމީޑިއާއަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. އެ މީޑިއާތަކުގެ ހިދުމަތް މިހާރު ވަގުތީ ގޮތުން މެދުކެނޑިފައިވާއިރު، މުޅި ގައުމު ވަނީ ހާދީގެ މަރާ ގުޅިގެން ހަލަބޮލިވެފަ އެވެ.  

ބަންގްލާދޭޝްގެ ފުލުހުން ވަނީ ހާދީގެ ގާތިލުން ކަމަށް ބެލެވޭ ދެ މީހުންގެ ފޮޓޯ އާންމުކޮށް އެ މީހުން އަތުލައިގަނެވޭނެ މައުލޫމާތެއް ދިން މީހަކަށް ފަސް މިލިއަން ޓާކާ (42،000 ޑޮލަރު) ހުށަހަޅައިފަ އެވެ.

your imageބަންގްލަދޭޝްގެ ޒުވާން ލީޑަރު ޝަރީފް އުސްމާން ހާދީ

ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވީ ހާދީގެ އަވަހާރަކޮށްލުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. އިންތިގާލީ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި މާދަމާ ކަނޑައަޅައިފަ އެވެ.

ހާދީގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސް ޔޫނުސް ވިދާޅުވީ އެއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށާއި އެ ހަމަލާ ރޭވި މީހުންގެ މަގްސަދަކީ އިންތިހާބު އޮޅުވާލުން ކަމަށެވެ.

ހަސީނާ މަގާމު ދޫކޮށްލެެއްވުމަށް ފަހު އިންޑިއާއަށް ފިއްލެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެވެ.

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ހުއްދަ ދިން ކަމުގެ ކުށް ހަސީނާގެ މައްޗަށް ސާބިތުވެ، މިދިޔަ ނޮވެމްބަރު މަހު އެކަމަނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް