ޑެންމާކުން މެޗުގައި ކުރިން ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވި އިންގްލަންޑް ފައިނަލުގައި ވާދަކުރާނީ އިޓަލީއާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.
ބުދަ ދުވަހުގެ ރޭ ޑެންމާކުން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ލިބުނު ހިލޭ ޖެހުމަކުން ޖެހި މޮޅު ގޯލަކުންނެވެ. މިއީ މިހާތަނަށް މި މުބާރާތުގައި އިންގްލަންޑް ކޮޅަށް ވަތް ފުރަތަމަ ލަނޑުވެސްމެއެވެ.
އިންގްލަންޑުން އެއްވަރު ކުރި ލަނޑަކީ ރަހީމް ސްޓަރލިންއަށް ލިބެން ދިޔަ ބޯޅައެއް އޭނާއަށް ލިބުމުގެ ކުރިން ޑިފެންސް ކުރަން މަސައްކަތް ކުރި ޑެންމާކުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. އިނގިރޭސިން ކުރި ހޯދީ ދެ ޓީމުވެސް އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއް އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ނަމަވެސް ޑެންމާކުގެ ކީޕަރު ދިފާކުރި ނަމަވެސް ރީބައުންސް ވެގެން އައި ބޯޅަ ކެޕްޓަން ކޭންވަނީ ހަމަ ޖެހިލައިގެން ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.