ހެއިޓީގެ ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި މިހާތަނަށް އެ ތަނުން 4 މީހަކު މަރާލެވިފައިވާ ކަމަށާއި 2 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. މީގެ އިތުރުން އެމީހުން ދަތުރު ކުރަން ހުރި މަގުތައްވެސް ބަންދު ކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންގެ އިސްވެރިޔާ ލިއޯން ޗާލްސް ބުނެފައިވަނީ ފުލުހުން އެ މީހުން ހައްޔަރު ކުރާނީ ކަމަށާއި ނުވަތަ އެ މީހުން ފުލުހުން ގެ އަތުން މަރުވާނީކަމަށެވެ.
އެމެރިކާއަށް ހެއިޓީން ކަނޑައަޅާފައިވާ އެމްބެސެޑަރާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވަނީ ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލުމުގައި ބައިވެރިވީ ވަރަށް ބޮޑަށް ތަމްރީނު ލިބިފައިވާ ބައެއްކަމަށާއި އެ މީހުން ރައީސްގެ ގެކޮޅަށް ވަދެފައިވަނީ އެމެރިކާގެ ޑްރަގު އެންފޯސްމަންޓު އެޖެންސީ (ޑީއީއޭ) އެޖެންޓުންގެ ގޮތުގައި ހެދުން އަޅައިގެންކަމަށެވެ. އެއީ "ބޭރުގެ ކުލީ ސިފައިގެ ބައެއް" ކަމަށެވެ.
އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ހެއިޓީގައި އެމެރިކާގެ ޑްރަގު އެންފޯސްމަންޓު އެޖެންސީ ގެ އޮފީހެއް ހުންނަކަމަށާއި އެ އޮފީހުގެ މަގުސަދަކީ ހެއިޓީގެ ސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
ހެއިޓީގެ އިންޓަރިމް މިނިސްޓާރު ކްލައުޑީ ޖޯސެފް ބުނެފައިވަނީ ހުރިހާ އެންމެންވެސް މަޑުމައިތިރިކަމާއި އެކު ތިބުމަށާއި ގައުމުގެ ހާލަތު އާންމު ހާލަތަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހައްޔަރު ކުރުވުނު މީހުން ވާހަކަދައްކާފައިވަނީ އިނގިރޭސިން އަދި ސްޕެނިޝްބަހުން ކަމުން އެމީހުންނަކީ ބޭރުގެ ކުލީ ސިފައިން ކަމަށް ބެލޭކަމަށެވެ. އަދި މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލައިފާވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ބަޔަކު ވަދެ އޭނާއަށް ބަޑިން ހަމަލާދީގެންނެވެ. މި ހާދިސާގައި ހެއިޓީގެ ރައީސްގެ އަބިކަނބަލުންނަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
53 އަހަރުގެ ޖޮވެނެލް މޮއިސް ހެއިޓީގެ ރައީސްކަމަށް އަރާވަޑައިގަތުމުގެ ކުރިން ވެގެން ގޮސްފައިވަނީ ކާމިޔާބު ވިޔަފާރިވެރިއަކަށެވެ.
މި ހަމަލާ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.