ލަންކާގެ ނޫހެއް ކަމަށްވާ ނިއުސްވަޔާ އިން ރިޕޯޓްކުރާގޮތުގައި އަލަށް އެގައުމުގެ ގާނުނު ހަދާ މަޖިލީހަށް އިންތިހާބުވި ބަސިލް އާއި ގިނަ ޒިންމާތަކެއް ހަވާލުކުރަން ރައީސް ރާޖަޕަކްސަ ވަނީ ނިންމަވާފައެވެ. އެގޮތުން ދެ މިނިސްޓްރީއެއް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަން ރައީސް ކަނޑައަޅާފައިވެއެވެ.
ބަސިލް އާއި ހަވާލުކުރާ މިނިސްޓްރީތަކަކީ އަލަށް އުފެއްދި މިނިސްޓްރީ އޮފް އިކޮނޮމިކް ޕޮލިސީސް އެންޑް ޕްލޭން އިމްޕްލިމެންޓޭޝަނާއި މިނިސްޓްރީ އޮފް ފިނޭންސް އެވެ. ލަންކާގެ ޑީޕީއޭ ނޫސް އެޖެންސީ އިން ރިޕޯޓްކުރާގޮތުގައި ބަސިލް އަކީ ލަންކާގެ އިތުުރުން އެމެރިކާގެ ރައްޔިތުކަން ވެސް އޮންނަ ބޭފުޅެކެވެ.
ބުރާސްފަތި ދުވަހު ގާނޫނީ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރި ބަސިލް ފިނޭންސް މިނިސްޓަރަކަށް އައްޔަންކޮށްފައިވާއިރު ބޭބޭފުޅު މަހިންދަ ރާޖަޕަކްސާ އަކީ އެގައުމުގެ ބޮޑުވަޒީރެވެ. އޭގެ އިތުރުން ރައީސް ގޮތަބަޔާގެ ބޭބޭފުޅު ޗަމަލް ރާޖަޕަކްސާ އަކީ އެގައުމުގެ މިނިސްޓަރު އޮފް އިރިގޭޝަން އަދި ޖޫނިއާ މިނިސްޓަރު އޮފް ޑިފެންސްގެ މަގާމުވެސް ފުރުއްވާ ބޭފުޅެކެވެ.
ބަސިލް އާއި އެކު ލަންކާގެ ކެބިނެޓްގައި އެއްބަނޑުއެއްބަފާ ހަތަރުބެއިން ތިބެއެވެ.
އަދި އެގައުމުގެ ޔޫތު މިނިސްޓަރަކަށް ހުންނަވަނީ ބޮޑުވަޒީރު މަހިންދަގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ އެވެ.
މިދިޔަ އަހަރު އޮތް އެގައުމުގެ މަޖިލިސް އިންތިހާބުގައި ގޮތަބަޔާ އަދި ބޭބޭފުޅު މަހިންދަ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދައިފައެވެ. އޭގެ ސަބަބުން އެ އާއިލާއަށް އެގައުމުގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ބާރު ލިބިގެންދިޔައެވެ.
މަހިންދަ ވަނީ 2005 އިން ފެށިގެން 2015 އާއި ހަމަޔަށް އެގައުމުގެ ރައީސްކަން ދެ ދައުރުވަންދެން ކުރައްވާފައެވެ. އަދި 2020 ވަނަ އަހަރު އޮތް އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ބޮޑުވަޒީރުކަމަށް ވެސް ހޮވިވަޑައިގެންފައިވެއެވެ.
ލަންކާގެ ވެރިކަންކުރާ ޕާޓީ ޕީޕަލްސް ޕާޓީގެ ބައެއް މެމްބަރުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އެގައުމުގެ އަންނަ ރިޔާސީ އިންތިހާބުގައި ބަސިލް ވާދަކުރައްވާނެ އެވެ.
ޓުއަރިޒަމަށް ބަރޯސާވާ ލަންކާ އަންނަނީ ކޮވިޑް-19 އާއި ދެކޮޅަށް ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. ބުރާސްފަތި ދުވަހާ ހަމަޔަށް އެގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 268،676 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 3،351 އަށް އަރާފައެވެ.