މި ބޯޓު ވެއްޓިފައިވަނީ ސްވިޑެންގެ އޮރީބުރޯ ސިޓީގެ ބޭރަށްކަމަށް ސްވިޑެންގެ ފުލުހުން ބުނެފައިވާކަމަށް، އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އެ މަތިންދާބޯޓުގައި ތިބި އަށްމީހުން ގެ އިތުރުން ޕައިލެޓްކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.
މި ބޯޓުގައި ތިބީ އެ ސިޓީގެ ސްކައި ޑައިވް ކުލަބްގެ މެމްބަރުންކަމަށް އޮރީބުރޯ ސިޓީ ގެ ގަވަރުނަރު މަރިޔާ ލާރުސަން ބުނެފައިވެއެވެ.
އެ މަތިންދާބޯޓު ހުސްބިމަކަށް ވެއްޓުމާއި އެކު އެ ބޯޓުގައި އަލިފާން ރޯވިކަމަށާއި އެ ބޯޓުންއެއްވެސް މީހަކު ސަލާމަތް ނުކުރެވޭކަމަށް އެ ސިޓީގެ ފަޔާ ސްޓޭޝަންގެ ޗީފް ބުނެފައިވާކަމަށް އަލްޖަރީޒާގައިވެއެވެ.
އެސިޓީގެ ޑެޕިއުޓީ ރީޖަނަލް ޕޮލިސް ޗީފް ނިކަލަސް ހޯލްގުރަން އާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މިއީ ވަރަށް ސީރިއަސް ހާދިސާއެއްކަމަށާއި ވަރަށް އުނދަގޫވެގެންދާނެ ކޭސްއެއްކަމުން މިކަމަށް ގޮތެއް ނިންމަން ވަރަށް ވަގުތު ނަގާނެކަމަށެވެ.
މަރުވިމީހުންގެ މައުލޫމާތެއް ފުލުހުން ދީފައިނުވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.