ads
ފޮޓޯ: ވީނިއުސް
ރައީސް ޔާމީން ހާޒިރުކުރީ ތަހުގީގު މުޅިން ނިމި ސޮއިކޮށްފަވެސް އޮތް މައްސަލައެއްގައި: ވަކީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ ތަހުގީގު މުޅި ނިމި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށްވެސް ފޮނުވާފައިވާ މައްސަލައެއްގައި ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީން މިއަދު ހާޒިރުކޮށް ސުވާލުކޮށްފައިވަނީ، ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނާ މައްސަލަގައި ކަމަށެވެ. 

ޑރ. ޖަމީލް ވިދާޅުވީ، އެ މައްސަލައަކީ މީގެ ކުރިން ދުވަހެއްގައި ރައީސް ޔާމީން ހާޒިރުވެވަޑައިގެން އެ މައްސަލައިގެ ތަހުގީގު މުޅިން ނިމި ސޮއިކުރައްވާފައިވާ މައްސަލައެއް ކަމަށެވެ. އަދި އަލުން ބަލުން ހާޒިރުކުރައްވައިގެން މިއަދު ކުރި މަސައްކަތަކީ ނިމިފައި އޮތް މައްސަލައެއް އަލުން ހުޅުވާލައިގެން ކުރިއަށް ގެންދިއުން ކަމަށް ޖަމީލް ވިދާޅުވިއެވެ. 

ޖަމީލް ވިދާޅުވީ އެއީ (ޕީޖީ) އޮފީހަށްވެސް ފޮނުވާފައިވާ މައްސަލައަކަށްވާއިރު އަލުން ބަލުން އެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރާތީ އެކަންބޮޑުވުން ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

ވ. އާރަށާއި ގުޅޭ މައްސަލައަކީ، ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މިއަހަރުގެ އެޕްރީލް މަސް ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ. ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވީ، ކޮވިޑް-19އާއި ގުޅިގެން ރައީސް ޔާމީން ގޭބަންދަށް ދޫކޮށްލާފައިވަނިކޮށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް މިމައްސަލާގައި ޖިނާއީ ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށުގެ ތުހުމަތުކޮށެވެ. 

ޑރ. ޖަމީލް ވިދާޅުވީ، ނިމިފައިއޮތް ތަހުގީގެއް އަލުން ހުޅުވާލައިގެން ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދިޔުމަކީ، މިހާރު މިހިނގާ ޖިނާއީ އިޖްރާއަތުގެ ނިޒާމްގައި ނުހިނގާ ކަމެއް ކަމަށެވެ. އަދި އެއީ ހިތާމަކުރައްވާ ކަމެއް ކަން ފާހަގަކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީން އަކީ އެމައްސަލާގައި ތުހުމަތު ކުރެވޭ ބޭފުޅެއް ނޫންކަމަށެވެ. 

ވ.އާރަށަކީ އެއަތޮޅު ތިނަދޫ ކައިރިން އޮންނަ ކުޑަ ފާޅުރަށެކެެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން އެރަށްދީފައިއޮތް ނަމަވެސް ތަސްނީމުގެ އަތުން  އެރަށް ވަނީ 2015 ވަނަ އަހަރު އަތުލާފަކަމަށްވެއެވެ. އެރަށް ތަސްނީމުއަތުން އަތުލީ އޮގަސްޓުމަހުއެވެ. އެފަހުން އެއާއި ޖެހިގެން އާ ސެޕްޓެމްބަރު މަހު އެއަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ  "ޓޫޖީ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ރަށް ހަވާލުކުރިކަމަށް ވެއެވެ.

ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފަ ކަމަށް ވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް މިހާރު ވެސް ރައީސް ޔާމީން ގެންދަވަނީ ތަންފީޒުކުރައްވަމުންނެެވެ. އަދި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލާގައި ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތެއް ދަނީ ހިގަމުންނެވެ. 

އެހެންކަމުން އަލަށް ދައުވާކުރުމަށް ފޮނުވާފައިމިވާ އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައިފިނަމަ އެ މައްސަލަ ވާނީ އެމަނިކުފާނުގެ މައްޗަށް އުފުލާ ހަ ވަނަ ޖިނާއީ ދައުވާއަށެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.  އޭގެފަހުން 501 ދުވަހު ޖަލުގައި ހުންނެވުމަށްފަހު ގޭ ބަންދަށް ވަޑައިގެންފައިވަނީ އެޕްރީލް މަސްތެރޭގައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެންނާއި އާއިލާގެ ފަރާތުން އެކި ފަހަރުމަތިން އެގޮތަށް އެދިފައިވަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް