ads
ފޮޓޯ: ޒުވާން މަސްވެރިޔާ
އަހަރެމެން ބާނާނީ ދޮށިން، އެމީހުންނަށް އަހަރެމެންގެ ކަނޑުތައް ދޭނީ ދާ ޖަހަން!
ޒަމާންތަކެއްވަންދެން ބުނަމުންއައީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށެވެ. އޭގެ ފަހުން ޓޫރިޒަމް ދިވެހީންގެ ރަންބިސް އަޅާ ކުކުޅަށް ވެގެން ދިޔައެވެ.

މަސްވެރިކަމަށް އަޅާލުން ކުޑަ ކުރެވުނީކަމެއް ނުވަތަ ގަސްދުގައި ކުޑަކޮށްލީކަމެއް ނޭނގެއެވެ. މަސްވެރިކަމުގެ އިންޑަސްޓްރީން ލިބޭ ނަފާ އައީ ކުޑަވަމުންނެވެ. މިފްކޯއަށް ފައިދާ ވާކަމަކަށް ނުވެއެވެ. މަސްދޯނިފަހަރުގެ ވެރިން ދޯނިފަހަރުގެ ސައިޒުތައް ބޮޑުކޮށް ކަނޑުތަކުން ބޮޑެތި އަދަދުތައް ބާނައިގެން އައުމުންވެސް މަސްނުކިރި ދިޔަ ޒަމާންތަކެއް ވެސް މާޒީވެ ހިނގައްޖެއެވެ. އެކިފަހަރު އެކި ގޮތްގޮތަށް މަސްވެރީންގެ ޝަކުވާތައް އަންނަނީ އިވެމުންނެވެ. ބައެއްފަހަރު މުޒާހަރާތަކުގެ ގޮތުގައެވެ. އަނެއްބައިފަހަރު އެކިވައްތަރުގެ އިހުތިޖާޖު ކުރުމުންނެވެ.

ޓޫރިޒަމުން ލިބޭ ނަފާ ގިނަ އެވެ. އެކަމަކު އެ ނަފާ ދަނީ ހަމައެކަނި ދެތިން މީހެއްގެ ތިޖޫރިތަކަށެވެ. އާދައިގެ މީހާގެ ޖީބަށް ވަންނަނީ ކުޑަ އެތިކޮޅެކެވެ. މަސްވެރިކަމުގެ ސިނާއަތު އޮތީ އަޅާނުލެވި ދޫކޮށްލެވިފައެވެ. އަމިއްލަ މީހުން އޮޑިދޯނިފަހަރު ތަރައްގީކޮށް ފިޝްފައިންޑަރާއި، ދޫނި ހޯދާ އާލާތްތައް ގެނައިއިރުވެސް ސަރުކާރުތަކުން މާބޮޑު އަޅާލުމެއް މަސްވެރިކަމުގެ މަސައްކަތްތަކާމެދު ދެވިފައިވާ ކަމަކަށް ނުފެނެއެވެ. 

ސަރުކާރުން އެކި ޕްރޮޖެކްޓްތައް ހަވާލު ކުރާ ފަރާތްތަކަށް ޖަމާއަތައް ފައިދާ ހުރި ކަމެއް ކޮށްދޭތީ ހިލޭ ބައެއްކަންކަން ކޮށްދެއެވެ. ނުވަތަ ރިސޯޓެއް ތަރައްގީކުރަން ހުށަހަޅާއިރުވެސް ބައެއްފަހަރަށް ޖަމާއަތަށް ފައިދާހުރި ކޮންމެވެސް ކަމެއް ކޮށްދޭން ޖެހޭ ގޮތަށް ރިސޯޓު ހަވާލު ކުރެއެވެ. ނުވަތަ ފެރީގެ ހިދުމަތްދޭތީ ރިސޯޓު ހަދަން ރަށްތައްވެސް ދީފައި އެބަހުއްޓެވެ. މިކަހަލަ ގޮތަކަށް ހިންގޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. 

ދައްކަމުން މިދަނީ ފެންނަ މަންޒަރުތަކުގެ ވާހަކައެވެ. ޖީޑީޕީއަށް 10،000 ޑޮލަރު ޖެހޭއިރު އެފައިސާ ގެންދަނީ ކޮންބައެއް ހެއްޔެވެ. ދެތިން ރެސޯޓު އޯނަރުންނާއި މަދު ވިޔަފާރިވެރިންގެ ޖީބުތަކަށެވެ. އެމީހުން ފިޔަވައި ދެންތިބި ހުރިހާ އެންމެންނަކީ "ކަންނެތް" މީހުން ހެއްޔެވެ؟ ނުވަތަ ނުދަންނަ މީހުން ހެއްޔެވެ؟ އާދައިގެ މީހުންނާއި "ސުޕްރީމް ޕަވާ" ގައި ތިބި މީހުންގެ ތަފާތު މިހާ ބޮޑުވެފައިވާއިރު ސަރުކާރުތަކުން މިކަމާ ވިސްނަން ނުޖެހޭ ހެއްޔެވެ؟ ސަރުކާރުތަކުން ނުކުރެވެންޏާ މަޖިލީހުން ސަރުކާރުތަކާ ސުވާލު ކުރަން ނުޖެހޭ ހެއްޔެވެ؟ ނުވަތަ ސަރުކާރުތަކުން ވެރިކަމަށް މިއަންނަނީ އެބައިމީހުންގެ ޖީބަށް ވެއްޓިގެން ހެއްޔެވެ؟ 

ސިޔާސީ ވާހަކަތަކެއް ދައްކާކަށެއް ނޫނެވެ. އެހެންނަމަވެސް ފަރަގުގެ ވާހަކަ މިދެއްކީ ލިބޭ އާމްދަނީގެ ތަފާތު ބޮޑުކަމާއި ހިފަހައްޓަން ނުޖެހޭ ސިނާއަތްތައް ހިފަހައްޓައި، އޮބިއަޅާފައި އޮންނާތީއެވެ. ކަންކަން ކުރެވޭނެ މަގުތައް ނުހުޅުވައި ބަންދު ކޮށްފައި އޮންނާތީ އެވެ. ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާމެހި އެހެން ކަނޑަކަށް ނުދާނެ ހެއްޔެވެ؟ ސަރަހައްދީ ރޮނގަކީ އެބައިމީހުންނަށް އޮންނަ އެއްޗެއް ނޫނެވެ. އެއީ އިންސާނުން އަޅާ ހިޔާލީ ރޮނގެކެވެ. މިރާއްޖޭގެ ސަރަހައްދުގައި ހުންނަ މަސްތައް އެހެން ސަރަހައްދުތަކަށް ދިއުމުން ދާޖަހައިގެން އެމަސްތައް ނެގުމުން އޭގެ މަންފާ ކުރަނީ ކޮންބަޔަކަށް ހެއްޔެވެ؟ ދިވެހި ކަނޑުތަކުން ލިބެން ހުރި ނަފާ ލިބެނީ އެހެން ބަޔަކަށެވެ. މިގައުމުގެ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ގޮތެއް ނެތެވެ. ދިވެއްސަކާއެކު އަންޑަގްރައުންޑް ޑީލެއް ހަދާފައި އޮތިއްޔާ އޭގެ މަންފާ އެމީހަކަށް ކޮށްފާނެއެވެ. 

ރާއްޖެ އަކީ ތިމާވެއްޓާ ރައްޓެހި ގައުމެކެވެ. މިޔަރަށް ބަލައެވެ. ވެލައަށް ބަލައެވެ. ދައުލަތުގެ ބޭނުމަށްޓަކަ އެވެ. ހިފާމީހުން ޖޫރިމަނާ ކުރުމަށެވެ. އެނޫން އެހެން ގޮތަކަށް ބުނެވޭކަށް ނެތެވެ. ދޮށިގެ މަސްވެރިކަން ވެސް އަހަރެމެން ކުރަނީ ހަމައެގޮތަށެވެ. ތެދެކެވެ. މޮޅެވެ. ދޮށީގެ މަސްވެރިކަން ކޮށްގެން ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރާ ހަމައެކަނި ގައުމަކީ މިގައުމެވެ. ދާ ޖަހައިގެން މަސްވެރިކަން ނުކުރާ ގައުމަކީ މިއީ އެވެ. ތިމާވެއްޓާ އެންމެ ރައްޓެހި ގައުމަކީ މިއީ އެވެ. އަހަރެމެން ވިއްކާ މަސްދަޅުގެ ބޭރުގައި ލިޔެފައި އޮންނަނީ ތިމާވެއްޓާއި ރައްޓެހި ވާހަކައެވެ. އިސްތިހާރު ކުރަނީ ދޮށިހިފައިގެން ހުންނަ މީހެއް ޖަހައިގެން ނެވެ. 

ދިވެހި ކަނޑުތަކުން ލިބެން ހުރި ނަފާ ހޯދަން ވިސްނާކަށް ނުޖެހޭ ހެއްޔެވެ. އެހެން އެންމެން ދާ އަޅައިގެން މަސްވެރިކަންކުރާއިރު އަދިވެސް ވަކި ބަޔަކަށް ތިމާވެށީގެ އެވޯޑު ހޯދައިދިނުމަށްޓަކައި މަސްވެރިން އެގޮތުގައި ތިބެންވީ ހެއްޔެވެ. ދިވެހި މަސްވެރިކަން ފުޅާ ކުރެވޭނެ ގޮތްގޮތަށް ވިސްނާކަށް ނުވޭހެއްޔެވެ؟ "އަމޭން ފޯ އޯލް އައިލެންޑާއި، އައިލެންޑް ޕްރެޒިޑެންޓު" ވެސް ދިވެހީންނަށް ފެނިއްޖެ އެވެ. މިފަދަ އެތައް ޝަހްސިއްޔަތެއް ދިވެހިން އުފައްދައިދީފި އެވެ. އަދިވެސް ދިވެހިން ތިބެންވީ ޔޫރަޕް މީހުންގެ "ގުނބޯލަކަށް" ވެގެން ހެއްޔެވެ؟ 

ނޫނެކެވެ. ދިވެހި ކަނޑުތަކުން ނަގަންޖެހޭ ފުރިހަމަ ނަފާ ދިވެހީން ނަގަން ޖެހޭނެ އެވެ. މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރަން ޖެހެ އެވެ. ލިބެނީ ލިބެންޖެހޭ އާމްދަނީ އެއް ނޫންކަން އެންމެނަށް ވެސް އެނގެއެވެ. ފުޅާކުރެވެން ޖެހޭކަމަށް ވެސް އެންމެންހެން ގަބޫލުކުރެ އެވެ. އެކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ބޭރު މީހުނަށް ކަނޑުތައް ދީފައި ބާއްވަން ވީ ހެއްޔެވެ؟ ޑީލުތައް ބޭރުމީހުނާއެކު ހެދި އަދިވެސް ދާ ޖަހައިގެން ކުރާ މަސްވެރިކަމުން މިގައުމުގެ ދެތިން މީހަކަށް ފައިދާ ވަނީ ހެއްޔެވެ. އެހެންނޫނީ އެމަސްވެރިކަން ފުޅާކޮށް ދާ ޖަހައިގެންވެސް އަދި އެހެނިހެން ގޮތްގޮތުންވެސް މަސްވެރިކަން ނުކުރަންވީ ސަބަބެއްނެތެވެ. ދިވެހި ކަނޑުތަކުން ދިވެހީން ނަފާ ނުނަގަންވީ ސަބަބެއްނެތެވެ. ދޮށީގެ މަސްވެރިކަން ކޮށްކޮށް މައިބަދަ ބިންދައިފިއެވެ. އަދިވެސް ދިވެހީންނަށް އޮތީ އެގޮތްހެއްޔެވެ؟  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް