ads
ފޮޓޯ
ދެރަވެފައި އިން މީހަކު އުފާކޮށްލާނީ ކިހިނެއް؟
ކޮންމެ އިންސާނަކީވެސް އެމީހެއްގެ ހަޔާތުގައި އެތަކެއް ހިތާމަތަކާއި ކުރިމަތިލާނެ މީހެކެވެ. ކިތަންމެ މުއްސަނދި މީހަކަސް، ނުވަތަ ކިތަންމެ ފަގީރު މީހަކަސް އެމީހެއްގެ ހަޔާތުގައި ދެރަނުވާނެ އިންސާނެއް ދުނިޔެއަކަށް ނާދެއެވެ.
Advertisement

މިހެން މިކަންވާއިރު، އިންސާނުނަށް ދިވާމާ ދަތިތަކުގެ ސަބަބުން ލިބެނީވެސް އެކި ވަރުގެ ހިތާމަތަކެވެ. އެއްބަޔަކު ކުދި ކަންކަމުގައި ހިތާމަކުރާއިރު، އަނެއްބަޔަކީ ބޮޑެތި ކަންކަމުގައި ހިތާމަކުރާ މީހުންނެވެ. އަދި އެއްބަޔަކު ހިތާމަކުރަމުންދަމިކޮށްވެސް ރިހޭ ފައި މައްޗަށް ފޮއި ވެއްޓޭފަދައިން އަނެއް ބޮޑު ހިތާމައާއި ކުރިމަތިލާންޖެހެއެވެ.

ނަމަވެސް ހިތާމާގައިވާއިރު، ކޮންމެ އިންސާނެއްގެވެސް ފާޅުވަނީ އެއްކަހަލަ ޝުއޫރުތަކެކެވެ. ގިނަ މީހުންގެ މޫނުމަތިން ފާޅުވެގެންދަނީ އުދާސްކަމެވެ. ހިތުގައި ބަރުކަމެއް އިހުސާސްވެގެންދެއެވެ. ބައެއް މީހުންނަށް ރޮވި، މީހުންނާއި ދުރުތަނަކަށް އެކަހެރިވާން ބޭނުންވާއިރު، އަނެއްބަޔަކު ގާތަށް އަންނަނީ ރުޅިއެވެ.

މިފަދަ ހާލަތެއްގައި ރަހުމަތްތެރިއަކު، ދަންނަ މީހަކު ނޫނީ ނުދަންނަ މީހަކު ފެންނަހިނދު ގިނަ މީހުން އެމީހެއްގެ ހިތާމައާއި އުދާސްތައް ފިލުވައިދީ ހިތްހަމަޖައްސައިދޭން ބޭނުންވެއެވެ. 

ސުވާލަކީ އެކަން ކުރާނީ ކިހިނަކުންބާވައެވެ؟

ހިނިތުންވާށެވެ!

ކޮންމެ މީހަކުވެސް އެންމެ ފަސޭހައިން އުފާކޮށްލެވޭނެ އެއްކަމަކީ އެމީހަކަށް އޯގާތެރިކަމާއިއެކު ހިނިތުންވުމެވެ. ހިނިތުންވުމަކީ އަމާންކަމާއި ރަހުމަތްތެރިކަން ދިރުވާކަމެކެވެ. އަދި ހިތާމަވެރި މީހަކަށް ހިނިތުންވެލުމަކީ އެމީހެއްގެ ބަލި ހިތަށް ލިބޭ ފަރުވާއަކަށް ވެގެންދެއެވެ.

އަޑުއަހާށެވެ!

ހިތާމައެއް ކުރަމުން ގެންދާ މީހެއްގެ އެންމެ ބޮޑު ބޭނުމަކަށްވާނީ، އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކުރުމެވެ. ސައިންޓިސްޓުންނާއި ރިސާޗަރުންވެސް ލަފާދެނީ، ހިތާމާގައި ވާއިރު، އެމީހެއްގެ އިހުސާސްތައް ނެރެ ބޭރުކުރުމަށެވެ. މިއީ ގާތްމީހަކާއި ވާހަކަދައްކައިގެން، ކަންކަން ހިއްސާކޮށްގެންވެސް ފުރިހަމަވާނެ ކަންކަމެވެ. އެގޮތުން، ދެރަވެފައިވާ މީހެއްގެ ކައިރީގައި ހިތްތިރިކަމާއިއެކު އޭނާގެ ހިތުގައިވާ އުދާސްތައް ނެރެލުމަށް ދައުވަތުދޭށެވެ. އަދި އެކަން އޭނާ ކުރާއިރު އޭނާގެ ވާހަކަތައް އަޑުއަހާލާށެވެ.

އެކުގައި ވަގުތު ހޭދަކުރުން ގިނަކުރާށެވެ!

ހިތާމާގައިވާ މީހަކަށް އަޅާލުމުގެ އިތުރުން އެމީހުންނާއިއެކު ވަގުތު ހޭދަކުރުމަކީ ތިމާއަށްވެސް އުފަލާއި ހިތްހަމަޖެހުން ލިބޭ ކަމެއްކަން އަންގަދޭށެވެ. ހިތާމަވެރިން އެންމެ ބޭނުންވާނީ އެމީހުންގެ ހިތާމަވެރި މާހައުލުން މިންޖުވުމަށެވެ. ވުމާއިއެކު އެހިތާމަވެރި މާހައުލުން މިންޖުކޮށްދޭނެފަދަ ރަހުމަތްތެރިއަކު ނުވަތަ ބައިވެރިއަކު ލިބުމަކީ އެމީހުންގެ ހިތުގެ ފިނިކަމަށް ވެގެންދާނެއެވެ. އަދި ހިތާމަތަކާއި އެފަދަ ހަނދާންތަކުން ދުރުކޮށްދޭ ޒަރިއްޔާއަކަށް ވެގެންދާނެއެވެ.

ތައުރީފްކުރާށެވެ!

އެކުގައި އުޅޭއިރު، ކަންކަމަށް ތައުރީފްކުރާށެވެ. އަދި އެކި ކަންކަންކުރުމަށް ހިތްވަރުލައިދޭށެވެ. މިކަމަކީ އެމީހަކު ކުރާ ހިތާމައިން އަރައިގަތުމަށް ލިބޭނެ ހިތްވަރަކަށް ވުން އެކަށީގެންވާނެއެވެ.

ހެއްވާލެވޭފަދަ ޖޯކެއް ކިޔައިދޭށެވެ!

މިއީ މިހާރަކަށް އައިސް މީހުންގެ ތެރޭގައި ވަރަށް މަދުން ކުރާ ކަމެކެވެ. ނަމަވެސް ދެރަވެފައިވާ މީހަކަށް ޖޯކެއް ކިޔައިދިނުމަކީ ވަރަށް ފަސޭހައިން ހިތާމަތަކުން އެމީހަކު ރަނގަޅު މޫޑަކަށް ފޮނުވައިދޭ ކަމެކެވެ. އަދި އެހިތާމަތަކުން ފަސޭހައިން އަރައިގަނެވޭ ބޭހެކެވެ.

ހާލުބަލާށެވެ!

ގިނަ މީހުން، ރައްޓެހިންނާއި އާއިލާމީހުންނާއި ދަންނަ މީހުންނަށް ގުޅަނީ ކަމަކު ބޭނުންވީމައެވެ. ނަމަވެސް، އަމިއްލަ ހަޔާތުން އަބަދުވެސް ވަގުތުކޮޅެއް ހުސްކޮށްލައިގެން ދެރަވެފައި، ހިތާމަތަކާއި ކުރިމަތިލަމުންދާ މީހުންނަށް ގުޅައި ހާލުބެލުމަކީ އެމީހުނަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ހިތްހަމަޖެހޭ ވަރަށް ގާތް މީހަކަށްވިޔަސް ނުވަތަ ހާލުބަލަން ގުޅާމީހަކަށް ރަނގަޅަށް ވާހަކަދައްކާލެވުމަކީ ކޮންމެ މީހަކަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމެއްކަން ޔަގީނެވެ.

ދުނިޔެއަކީ އިމްތިހާނަކަށްވާއިރު، ކޮންމެ އިންސާނަކުވެސް ހިތާމައާއި ކުރިމަތިލާން ޖެހޭނެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. ނަމަވެސް މިހިތާމަތަކަށް ލުއިކަމެއް ގެނައުމަކީ އިންސާނުންގެ އަތުގައިވެސް ވާކަމެކެވެ. 

އެކަކު އަނެކަކަށް އޯގާތެރިވެ، އެހީތެރިވުމުގެ އިތުރުން، އަޅާލުންދީ އެކަނިވެރިނުކޮށް އެކުއެކީ ދިރިއުޅުމުން ހިތާމަތަކަށް ލުޔެއް ލިބޭނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. އަދި އަނެކުންނަށް އޯގާތެރިވެ ރަހުމްކޮށް އެހީތެރިވެދިނުމަކީ ތިމާގެ ހިތާމަތަކަށްވެސް ލުޔެއް ލިބި އުފާވެރިކަން ގެނެސްދޭނެކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް