އޮފިޝަލުން ބުނާގޮތުގައި ހޮނު އަޅައި ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުގެ ރާޖަސްތާން ސްޓޭޓުން 20 މީހަކު މަރުވެފައިވާއިރު އުއްތަރު ޕްރަދޭޝްއިން 18 މީހަކު މަރުވެފައިވެއެވެ.
އެގައުމުގެ ސީނިއާ ޕޮލިސް އޮފިސަރެއް ކަމަށްވާ އަނަންދު ސްރިވަސްތަވާ އާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާގޮތުގައި ރާޖަސްތާނުން މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އާދީއްތަ ދުވަހު ރާޖަސްތާނުގެ އެމްބާ ޕޯޓުގައި ހުންނަ 12 ވަނަ ގަރުނުގެ ވޮޗު ޓަވަރެއްގެ ކައިރީ ސެލްފީ ނަގަން އުޅުމުގެ ތެރެއިންނެވެ.
އާދީއްތަ ދުވަހު ހޮނު އެޅުމުގެ ސަބަބުން އުއްތަރު ޕްރަދޭޝްގެ 18 މީހަކު މަރުވެފައިވެއެވެ. އޮފިޝަލަކު ވިދާޅުވީ މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދަނޑުވެރިކަމުގައި އުޅޭ މަސައްކަތްތެރިން ކަމަށެވެ. އަދި ހޮނު އެޅި ވަގުތު އެމީހުން އުޅުނީ ދަނޑުތަކުގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ހޮނު އެޅި ދެ ސްޓޭޓްގެ ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ދޭނެ ކަމަށް އިއުލާންކޮށްފައެވެ.
ދަ އިންޑިއާ މީޓިއޯރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ ކުރިއަށް އޮތް ދެ ދުވަހު ވެސް އެ ސަރަހައްދުތަކަށް ހޮނު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
އިންޑިއާގަައި ވިއްސާރަ މޫސުމުގައި ހޮނު އެޅުމަކީ އާއްމުކަމެކެވެ. އެއީ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
އެންމެ ފަހުގެ ތަފާސް ހިސާބްތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި 2019 ވަނަ އަހަރު އެކަނި އިންޑިއާއިން 2،900 މީހުން ހޮނު އެޅުމުގެ ސަބަބުން މަރުވެފައިވެއެވެ،