އުރީދޫން މިކަމާއި ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ވާގޮތުން އެންމެ ފުރަތަމަ މި ދުވުން ބޭއްވިފައިވަނީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރަން 2020 ވަނަ އަހަރުއެވެ. 2020 ވަނަ އަހަރު މި ވާޗުއަލް ދުވުމުގައި ފަސްހާހަށް ވުރެން ގިނަ މީހުން ބައިވެރިވެފައިވާކަމަށް މި ނޫސް ބަޔާނުގައިވެއެވެ.
މިއަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު ދިހަ ކިލޯމީޓަރ ގެ ކެޓެގަރީއަށް ރެޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވާލާފަވާކަމަށާއި ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ދުވުންތެރިން ދެކެޓެގަރީއަށް ވަކިން 27 ޖުލައި 2021 ދުވަހުގެ ހަވީރު ހައެއް ގެ ކުރިން ރެޖިސްޓާވެ މުޅިއަކު ފަނަރަ ކިލޯމީޓަރު ފުރިހަމަކުރަންޖެހެނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެއްކަމަށާއި 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ބައިވެރިން 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެކަމަށް އުރީދޫން ވަނީ ބުނެފައެވެ.
"އަތޮޅު ދުވުން އަޅުގަނޑުމެން ފުރަތަމަ ބާއްވާފައިވަނީ އުރީދޫގެ އަހަރީދުވަހާ ގުޅިގެން މިދިޔަ އަހަރު. ވަރޗުއަލް ރަންއެއްގޮތުގައި މި ރަން އަޅުގަނޑުމެން ފަރުމާކޮށްފައިމިވަނީ ޕެންޑެމިކްއާއެކު އެންމެން އެއްތަންވެގެން އުޅެވެން ނެތުމުގެ ސަބަބުން. އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން. އެއް އިވެންޓެއްގައި އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މިދުވުމަށް ވަރަށް ހޫނު ތަރުހީބެއްލިބިގެންދިޔަ. އެހެންކަމުން މި އަހަރު އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މި ފުރުސަތު އަޅުގަނޑުމެން މި ހުޅުވާލަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުއްމީދުގައި." މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ، ހުސެން ނިޔާޒް ވިދާޅުވިއެވެ.
ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފާމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެކަމަށް އުރީދޫންބުނެއެވެ.
ރެޖިސްޓާކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެކަމަށާއި ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެކަމަށް އުރީދޫން ބުނެއެވެ.
މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔާކަމަށާއި މި ވަޗުއަލް ދުވުމުގެ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެކަމަށް އުރީދޫން މި ބަޔާނުގައި ބުނެފައިވެއެވެ.