ads
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މީހުން
ތިމަރަފުށި ޓެރަރިޒަމް: ބަންދުގެ މުއްދަތު ދަމަހައްޓައިފި
ތ.ތިމަރަފުށީގައި ހިންގި ޓެރަރިޒަމްގެ އަމަލާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުން ދަމަހައްޓައިފިއެވެ.

ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ދެމެހެއްޓީ އެމީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު އޮންނާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ދިވެހިންގެ ބަޔަކު ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން ހައްޔަރުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މިގޮތުން މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ،  ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާސިރުއާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުހައްމަދުއާއި، ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްއާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފްއާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތުއާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ އިމާދުއާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދުއެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރު ކުރި ހަ މީހަކު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުންގެ ފަރާތުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ. އަނެއް ދެ މީހުން ހައްޔަރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރ 27 ވަނަ ދުވަހު ތިމަރަފުށިންނެވެ.

މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ، ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުމުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މީގެ އިތުރުންވެސް ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ފަހު އައިއީޑީ ގޮއްވާލާ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީނުތައް ހަދަމުންދިއުމުގެ ސަބަބުން ކަމަށް ޕީޖީން ބުނެއެވެ. 

މީގެ އިތުރުން ވެސް ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިއުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އަބްދުﷲ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ޕީޖީން ފޮނުވާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވާ އަހްސަން މުހައްމަދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. 

އަލީ އަރުހަމް މުހައްމަދުގެ މައްޗަށް މި މައްސަލައިގައި ތިން ދައުވާ އެއް ކުރުމަށް ޕީޖީން ފޮނުވާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަައިގައި އަބްދުﷲ އިމާދުގެ މައްޗަށް ޖުމުލަ ހަތަރު ދައުވާއެއް ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. 

އިބްރާހިމް ލޫތުގެ މައްޗަށް މި މައްސަލައިގަިއ ޕީޖީން ކުރަނީ ދެ ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝަމާހު ޝަރީފްގެ މައްޗަށްވެސް ޕީޖީން ވަނީ ދެ ދައުވާ އެއް ކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި މުހައްމަދު އާސިރުގެ މައްޗަށް ކޮށްފައިވަނީ އެންމެ ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އަދި އަލީ މުނީޒުގެ މައްޗަށް ޕީޖީން ތިން ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް