ރައީސް އޮފީހުން އަންގާފައިވާ އެންގުމުގައިވާ ގޮތުން ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ހައްސާ ހަރަކާތްތަކެއް ބާއްވަން އެދިފައިވީނަމަވެސް ކޮވިޑްގެ ހާލަތު މިވަގުތު ހުރިގޮތުން ގިނަ ބަޔަކު އެއްވާ ގޮތަށް ހަރަކާތްތަކެއް ބޭވުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.
މިސަބަބަށްޓަކާއި ގިނަ ބަޔަކު އެއްވާ ގޮތަށް ރައީސަށް މަރުހަބާ ކިޔުމުގެ ހަރަކާތް ނުބޭވުމަށް އެދޭކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ތިލަދުންމަތި ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ ހދ. ހަނިމާދު އާއި ކުޅުދުއްފުށި އަދި ކުމުންދުއަށެވެ.
ތަރައްގީގެ މަޝްރޫތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ބައްލަވާލައްވާ ކައުންސިލްތަކާއެކު ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުންކަމުގައިވާ އިރު، މި ސިޔާސަތު މި ދަތުރުފުޅުގެ ތެރެއިން ކުރިއަރުވާން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއީ ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ދަތުރުފަތުރުކުރުމަށް ލުއިތައް ދިނުމަށް ފަހު އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.