ބެންގަލޫރު އެފްސީއާ އަލަށް ގުޅުނު ފޯވާޑަކީ ކޮންގޯގެ ގައުމީ ޓީމުގައި ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އުމުރުން ފަންސަވީސް އަހަރުގެ ޕްރިންސް އިބާރާއެވެ. އޭނާ ކުރިން ކުޅެފައިވާ ކްލަބުތަކުގެ ތެރޭގައި ގެބޯން އަދި ޓިއުނީޝިއާގެ އިތުރުން ގަތަރުގެ ބައެއް ކްލަބުތަށް ހިމެނެއެވެ. އޭނާ ބެންގަލޫރު އެފްސީއަށް ސޮއި ކުރީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
ބެންގަލޫރު އެފްސީން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ ފަނަރަވަނަ ދުވަހު އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމު ވަރުގަދަ ކުރަމުންދާއިރު އެންމެ ފަހުން މި ގުޅުނު ކޮންގޯގެ ފޯވާޑުވަނީ އެ ގައުމުގެ ގައުމީ ޓީމަށް ފަނަރަ މެޗު ކުޅެފައެވެ. އޭގެ ތެރޭގައި އެފްރިކަން ނޭޝަންސް ކަޕްގެ ކޮލިފައިންގައި ކުޅުނު މެޗުތައް ހިމެނެއެވެ. އެފްރިކަން ނޭޝަންސް ކަޕް ކޮލިފައިންގައި ޕްރިންސް އިބާރާވަނީ ހަތަރު ލަނޑު ޖަހާފައެވެ.
އޭއެފްސީ ކަޕުގެ ޕްލޭ އޮފް މެޗަށް ތައްޔާރުވަމުންދާ ބެންގަލޫރު އެފްސީއަކީ ދެކުނު އޭޝިޔާ ސަރަހައްދުން އޭއެފްސީގައި އެންމެ ބޮޑު ކާމިޔާބު ހޯދާފައިވާ ޓީމެވެ. އެ ޓީމުން ވަނީ އޭއެފްސީ ކަޕުގެ ފައިނަލްގައި ކުޅެފަ އެވެ. ސަރަހައްދީ ވަރުގަދަ ބާރު ބެންގަލޫރާ ދެކޮޅަށް މިހާތަނަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް އާއި މާޒިޔާ އަދި ނިއުރޭޑިއަންޓުން ވަނީ ކުޅެފަ އެވެ.