ads
ފޮޓޯ: ސީއެންއެމް
2018 ވަނަ އަހަރު ރައީސް ޔާމީން ބަލިކުރަން އަތުރާލި ރާޒުވާ ގަނޑު ގޮވީ އަތަށް!
ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މަދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15ގަ އެވެ.
Advertisement

އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައެެވެ. ހުކުމުގެ ދަށުން ދުވަސްކޮޅެއްގައި މާފުށީ ޖަލުގައި ހުންނެވުމަށް ފަހު،  ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ގޮތަށް 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ކާމިޔާބު ވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.

މިބުނެވުނު 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ރައީސް ނަޝީދަށާއި، މުޅި އެމްޑީޕީއަށްވެސް އެކިއެކި ސަބަބުތަކާއި ހެދި މުހިންމު އިންތިހާބަކަށް އޮތީ ވެފައެވެ.  

ފުރަތަމަކަމަކަށް ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުން ބަރީއަވުމަށެވެ. ދެވަނަ ކަމަކަށް ބަގާވާތަކުން ވައްޓާލެވުނު ކަމަށް ބުނާ އެމްޑީޕީގެ ވެރިކަން އިއާދަކޮށް، ވެރިކަމުގެ ތަހުތަށް ރައީސް ނަޝީދު ވެރިކުރުވުމަށެވެ. ތިންވަނަ ކަމަކަށް ރައީސް ނަޝީދު އަބަދުވެސް ވަކާލާތުކުރަމުންދާ ފަަދައިން ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގަން އެމަނިކުފާނު ދެކިލައްވާ ހުވަފެން ހަގީގަތަކަށް ހެދުމެވެ. ރައީސް ޔާމީން ބަލިކުރުމަށެވެ. މިނޫންވެސް އެތައް ސަބަބެކެވެ.

ރައީސް ޔާމީން ބަލިކުރެއްވުމަށް އަތުރާލީ ސާދާކަން ބޮޑު ކުލަބަރީގެ ރާޒުވާގަނޑެއް!

2018 ވަނައަހަރުގެ އިންތިހާބަކީ މިބުނެވިދިޔަ ސަބަބުތަކަށްޓަކައި، އެމްޑީޕީއަށް މުހިންމު އިންތިހާބެެއް ނަމަވެސް އެކަން އެމްޑީޕީން އެންމެ ބޭނުންވާ ގޮތަށް ރައީސް ނަޝީދުގެ ފަހަތުގައި ކުރެއްވުމަށް އިއްްވިފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އޭރު ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވިއެވެ. 

އެހެންކަމުން ރައީސް ޔާމީން ބަލިކޮށް އެމްޑީޕީ ވެެރިކަމެއް ގެނެއުމަށް ކުރަން އޮތް މަސައްކަތް ދެގުނަ ބޮޑުވިއެވެ. ފުރިހަމަ ވިސްނުންތެރިކަމާއިއެކު، ވެެރިކަމުގައި ހުންނެވި ވެރިޔާ ބޭލުމަށް ކުޅެންޖެހޭނީ ވަރުގަދަ ރާޒުވާގަނޑެއްކަން އެމްޑީޕީއަށް ފަހުމުވެއެވެ. އެވިސްނުމުގައި އެމްޑީޕީން ރާޒުވާ ގަނޑު އަތުރާލީ ނުހަނު ވިސްނުންތެރިކަމާއި އެކު ރައީސް ޔާމީންއަށް އެގުންވެސް ނުވާނެހެން ބޮނދު ބުޑަށް ސައި ކިޔުމަށެވެ. 

މިކަން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްޓަކައި މިހާރުގެ ރައީސް ސޯލިހްގެ ނަން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ފާސްކުރުމަށް އެމްޑީޕީން ބޭއްވި ބޮޑު ކޮންގްރެސްގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެއްކެވި ވާހަކަތަކުން އެނގެއެވެ.

އެ ރާޒުވާގަނޑު އަތުރާލަންވީ ގޮތާއި ކުޅެންވީ ގޮތް، އަދާލަތު ޕާޓީއާއި، ޖުމުހުރީ ޕާޓީ އަދި އެމްއާރްއެމް ގުޅިގެން ހެދި ކޯލިޝަނާއިއެކު އިގިރޭސިވިލާތުގައި ހުންނަވައިގެން ރައީސް ނަޝީދު ދިޔައީ ރާވާ، ތަފްސީލްކޮށް ދެއްވަމުންނެވެ.

ރައީސް ސޯލިހް އަކީ ވަގުތީ ރައީސެއްގެ ލަގަބާއިއެކު ވެރިކަމަށް އާ ބޭފުޅެއް!

އެމްޑީޕީގެ އެފަހަރުގެ ޕްރައިމަރީގައި ވާދަކޮށް 43922 މެންބަރުންގެ ތާއީދާއިއެކު 2018ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކަށް ނެެރުމަށް  ނިންމާފައި އޮތީ ރައީސް ނަޝީދެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި، ދައުވާތަކުގެ ސަބަބުން އެކަން އެމަގުން ކުރުމަށް ހާލަތު ތަނެއް ނުދިނެވެ. އެފަހަރުގެ އިންތިހާބުގައި އިލެކްޝަން ކޮމިޝަނުން ބަލައިގަންނަ ރިޔާސީ ކެނޑިޑޭޓެއް ނެތިދާނެކަމުގެ ބިރަށް ޝާހިދު އެވިދާޅުވިހެން ކުޅެންޖެހުނީ ތަފާތު ރާޒުވާގަނޑެކެވެ. އެހެންކަމުން އެފަހަރު ބޭއްވި ކޮންގްރެސްގައި، އޭރުގެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވީ ގަރާރަކާއި އެކުއެވެ. 

އެ ގަރާރުގައި ވަނީ “އިލެކްޝަން ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓުގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހަމައިންވެސް ރައީސް ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ މި ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް” މިހެންނެވެ.

އެހެންކަމުން ރައީސް ސޯލިހްގެ ނަން ހުށަހެޅުއްވި ކަމުގައި ވީނަމަވެސް އޭރުވެސް ތަކުރާރުކޮށް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް، އެމްޑީޕީން ވެރިކަމަށް ގެންނަން ބޭނުންވީ ރައީސް ނަޝީދެވެ.

ނަމަވެސް ކާމިޔާބީއެެއް ލިބިގަތުމަށްޓަކައި ގުރުބާނީތަކެއް ވާންޖެހޭނެއޭ ބުނާ ބީދައިން ރައީސް ނަޝީދުގެ ބަދަލުގައި ވެެރިކަމަށް ގެނައުމަށް އެހެން ބޭފުޅެއްގެ ނަން ހުށަހެޅި ކޮންގްރެސްގެ ތެރެއިން ފުރިހަމަ ތާއީދު ދިނެވެ. ތަކުރާރުކޮށް ދޫތަކުން  ރައީސް ނަޝީދަށް ތައުރީފް އޮށްސަމުން އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ރުހުންދޭން އަތް ނުހިއްލާ އެެއްވެސް މީހަކު އެދުވަހުގެ ކޮންގްރެސްގައި ނެތެވެ. ޖޯޝާއި ފޯރީގައި ހިތުގެ އަޑިން ތާއީދު އޮތްކަމަށް މުޅި ކޮންގްރެސްގެ އެ ޖަލްސާ ގުގުމާލިއެވެ. އެހެންނަމަވެސް ކުރިން މިބުނެވުނު ރާޒުވާގަނޑު އަދި މުޅިއަކުން ނުނިމެވެ. އޭގެ ކުޅިފަސް އަދި “ ސައި ކިޔުން” އޮތީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި ޖަޒީރާ މެނިފެސްޓޯގައެވެ. 

ވެރިކަމުގެ މެދުތެރެއިން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ވެރިކަން ފުރޮޅާލަން ޖެހޭނެކަން މެނިފެސްޓޯގައި ސާފުކޮށް ބުނެފައިވޭ!

ހަތަރު ޕާޓީއެކުވެގެން 2018ވަނަ އަހަރުގެ އިންތިހާބުން ރައީސް ޔާމީން ބަލިކޮށް އޭރު ވިދާޅުވަމުން އައި ގޮތަށް ބޮނދު ބުޑަށް ސައި ކީކަމަށް އެމްޑީޕީ އަށް ގަބޫލުކުރެވުުނު ނަމަވެސް އެއީ އަދި ކުޅިގަނޑުގެ ފެށުންކަން އޭރު ފަހުމް ނުވެއެވެ.  

2018ވަނަ އަހަރުގެ އިންތިހާބުގައި ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލި ބޮޑު މެނިފެސްޓޯގައި އޮތީ ރައީސް ސޯލިހް ވެރިކަން ހިންގަވަން ވާނެ ގޮތް ސާފުކޮށް ލިޔެ ބަޔާންކޮށްފައެވެ.

2020 ވަނަ އަހަރުގެ ކުރިއަށް ޤާނޫނު އަސާސީ އިސްލާހު ކޮށް އެއަށް އަމަލު ކުރާން ފަށަންވާނެއެވެ. އިސްލާހު ކުރެވުނު ގާނޫނު އަސާސީ ބަޔާންކުރާ އުސޫލުން ކަނޑައަޅާ ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

އާއެކެވެ. އެތައް ބައެއްގެ ވޯޓުން ވެރިކަމަށް އައިސް ތާއީދު ލިބެމުންދިޔަޔަސް ރައީސް ސޯލިހް ވެެރިކަމާއި ހަވާލުވީ މި މެނިފެސްޓޯގައި ލިޔެވި ލަގަބުކުރެވުނު “ވަގުތީ ރައީސް”ގެ ހައިސިއްްޔަތުންނެވެ. ހަގީގަތަކީ ރައީސް ސޯލިހް އަކީ ރައީސް ނަޝީދުގެ ބޮޑުވަޒީރުކަމުގެ ގޮނޑިއަށް ވާސިލުވުމަށް އޮތް ރާސްތާ ކަނޑަތުކުރުމަށް ހަމައެކަނި ކޯރު މެދުން ދަމާލި ފާލަމެެެެެއް ކަމެވެ.

“މި ސަރުކާރަކީ އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ވަގުތީ ސަރުކާރެއް ހިންގާނެ އިންތިޒާމްތަކަކާއި އެކު ގާއިމްކުރެވޭ ސަރުކާރެކެވެ. މި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ފުރަތަމަ ދޮޅުއަހަރު ދިވެހިރާއްޖޭގައި ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގާ، ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކޮށްދޭނެ ބަދަލުތައް ގެނެސް، ޖިނާއި އަދުލުގެ ނިޒާމާއި ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް މުސްތަގިއްލު މުއައްސަސާތަކުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނޭ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރެވޭނެއެވެ. ފުރަތަމަ އަހަރުތެރޭގައި، މުޅި ދިވެހި ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނެއެވެ.” -މެނިފެސްޓޯ-

ބަރުލަމާނީ ނިޒާމަކަަށް ވެރިކަން ފުރޮޅާލައްވާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާ ވާހަކަ ރައީސް ނަޝީދު މިއަދު އެދައްކަވަނީ އަލަކަށް  ނޫނެވެ. އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާ އެވާހަކަ ރައީސް ސޯލިހަށް ދެންނެވިތަން އާއްމުންނަށް ފެނުނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނަމަވެސް އެކަން އެހެން ކުރައްވަން ޖެހުނީ މެނިފެސްޓޯގައި އެބުނާ އެއްއަހަރު  ފަހަނައަޅާ ދިޔައިރު ވެރިކަމުގެ ބާރުތައް ދޫކޮށްލައްވަން ރައީސް ސޯލިހް ބޭނުން ނުވީމަކަމަށް ބެލެވެއެވެ. 

your imageޖަޒީރާ މެނިފެސްޓޯ——

އެހެންކަމުން މިއަދު އަޅުގަނޑުމެން މިއުފައްދާ ސުވާލުވެސް ގޯހެވެ. މިއަދު އުފަައްދަންވީ ސުވާލަކީ، ކުއްލިއަކަށް ވެރިކަން ކަމު ނުގޮސްގެން ނިޒާމް ފޮރޮޅާލަން ނަޝީދު މިއުޅެނީ ކީއްވެތޯއެއް ނޫނެވެ. މިއަދު ކުރަންވީ ސުވާލަކީ މެނިފެސްޓޯގައި ލިޔެވިފައިވާ ގޮތައް ރައީސް ސޯލިހް އެ ބާރުތައް ދޫކޮށް ނުލައްވަނީ ކީއްވެތޯ އެވެ؟

ރައީސް ޔާމީން ބަލިކުރަން އަތުރާލި ކުޅިބައި ގޮވީ އަތަށް!

ވެރިކަމަށް ދެއަހަރު ވެގެން ދިޔައިރުވެސް މެނިފެސްޓޯގައި ވާގޮތައް އެކަން ތަންފީޒުކުރައްވަން ރައީސް ސޯލިހް ހަނދާން ނެތިފަ ހުންނަވަނިކޮށް އެޕްރީލް މަހުގެ ތެރޭގައި އެކުވެރިޔާގެ ފަރާތުން އެކަމުގެ މަޝްވަރާތައް ފެށުމަށް ފޮނުވި މެސެޖްވެސް ކޮށްލެވީ “ސީން” އެވެ. ރައީސް ސޯލިހްގެ ޖަވާބަކަށްވީ ނިޒާމް ބަދަލުކުރުމާއިމެދު ވިސްނަވާނެ ފުރުސަތު މިހާރު އެމަނިކުފާނުގެ ނެތްކަމަށެވެ. އަދި އެއަށްވުރެ މުހިންމު ކަންތައް އެބަހުރި ކަމަށް ވިދާޅުވެ، ރައީސް ނަޝީދާއި، އެމްޑީޕީ އިސްވެރިން ފެށި ރާޒުވާގަނޑުގެ އެންމެ ފަހު ސިކުންތުގައި ބޮނދު ބުޑަށް ސައި ކީ ރައީސް ސޯލިހް އެވެ. 

“މިއަދު އަތުރާލާ ކުޅިބައި ރައީސް ޔާމީންއަށް ފަހުމުވެސް ނުވާނެއޭ، މިދާގޮތައް ގޮސް ބޮދު ބުޑަށް ސައިކިޔާނަމޭ” ބުނި ބޭފުޅާވެސް މިވަގުތު ހުންނެވީ ކޮޅު ބަދަލުކުރައްވާ ރައީސް ސޯލިހްގެ ފަހަތް ޕުޅުގައި ހެން ހީވެއެވެ.

ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީން ބަލިކުރުމަށް ފެށި މުޅި ކުޅުންގަނޑު އަބުރާލައްވާ ރާޒުވާގަނޑު ނުނިމެނީސް މިއޮތީ އަތަށް ގޮވާފަތާއެވެ.

އެހެންކަމުން މުޅި ކުޅިބައި، ބައިބައިވެ، ބުރަބުރާގެން ދިޔުމުން ދެން ދިފާއުގައި ރައީސް ނަޝީދު އިދިކޮޅުގެ ހިމާޔަތް ހޯދާ އާ އިއްތިހާދެއް ހަދައި އަލުން ކުޅިބައި އަތުރާލުމަކީ ހައިރާންވާންވީ ކަމެއް ކަމަކަށް ނުފެނެއެވެ. 

50%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް