ads
ރިޕޯޓް
ހަނިމާދޫއިން އެމްއެންޑީއެފްއަށް ބޮޑު ބިމެއް: ކީއްކުރަން؟
އެމްއެންޑީއެފްއަށް ހާއްސަކުރާ ބިމަކީ އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ހުށަހެޅީ މިދިޔަ މާޗު މަހު އެވެ. އެއާއެކު، ބޮޑު ސަރަަހައްދެއް އެއާޕޯޓުގެ ތަރައްގީ އަށް ދޭން އެދުމުން އެ ރަށުގެ އާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ.

މިކަމާއި ދެކޮޅަށް ހަނިމާދޫގެ ރައްޔިތުން ވަނީ "ސޭވް ހަނިމާދޫ" ގެ ނަމުގައި 200އަށް ވުރެ ގިނަ މީހުންގެ ސޮއާއިއެކު ޕެޓިޝަނެއް ތައްޔާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅާފައެވެ. 

މިކަންބޮޑުވުންތައް ހުރި ދަނޑިވަޅެއްގައި، ރައީސް ސޯލިހްގެ ދެކަނބަލުން ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ހަނިމާދޫ އެއަޕޯޓުގެ ބިމާބެހޭގޮތުން، އެ ރަށު ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވައި އެކަމުގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމުގެ ގޮތުން މަޝްވަރާކުރައްވާފައެވެ. 

ހަނިމާދޫގައި ހުންނަ ބެއަފޫޓް ހޮޓެލްގައި ބޭއްވި މި ބައްދަލުވުމުގައި އެ ފަރާތްތަކުން ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ، އެމްއެންޑީއެފްއަށް ބިން ހާއްސަކުރަން ހުށަހަޅާފައިވާ ސަރަޙައްދާއި އެއަރޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ހާއްސަކުރާ ބިމާމެދުކަން އާންމު ފަރާތްތަކުން ފާހަގަކުރިއެވެ. 

އެކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވަނީ އެއާޕޯޓް ތަރައްގީކުރުމަށް އެ ސަރަހައްދުން ނަގާ ބިމުގެ އިތުރުން އެމްެއެންޑީއެފްއަށް ބިމެއް ހާއްސަކުރާ ސަބަބު ހާމަކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ، އެމްއެންޑީއެފްއަށް ހާއްސަކުރާ ބިމަކީ އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއްކަމަށެވެ. އަދި އެއީ، މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ. 

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ނަގާ ބިމުން އަސްކަރީ ބޭނުމަށްވެސް ބައެއް ހާއްސަކުރާތީ އެއީ އިންޑިއާ ސިފައިން އެތަނުގައި ބޭތިއްބުމަށް ހަދާތަނެއް ކަމުގެ ކަންބޮޑުވުންތައްވެސް އުފެދުނެވެ. އަދި އެތަން ހިންގުން އިންޑިއާ ކުންފުންޏަކާއި ހަވާލުކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށްވެސް އަޑު ފެތުރުނެވެ. 

އެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމަށެވެ. މީގެ އިތުރުން އެތަނުގައި ބޭރު ޤައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދީފައެވެ. 

ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ގަބޫނުކުރައްވާކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެ ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއަޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމަށެވެ. 

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ އެ ބިންތަކަށް ބަދަލުގެންނަން ބޭނުންވާގޮތް ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ހިއްސާކޮށް މަޝްވަރާކޮށްފަކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެކަމުގެ ތަފްސީލް ތަކެއް ހާމައެއް ނުކުރައްވައެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު މީގެ ކުރިން ސީއެންއަމްއަށް ވިދާޅުވެފައިވާ ގޮތުގައި އެމައްސަލަގައި ކައުންސިލުން ބޭނުންވަނީ ތިންގޮތެކެވެ.

ފުރަތަމަ ގޮތަކީ ބިން ބޭނުން ވަނީނަމަ  ބިން ހިއްކުމަށްފަހު ރައްޔިތުންނަށް އެބިމާއި އެއްވަރުގެ ބިމެއް ސަރުކާރުގެ ފަރާތުން ދިނުމެވެ. ދެވަނަ ގޮތަކީ އެތަނުން ކުއްޔެއް ކައުސިލަށް ލިބުން، ނުވަތަ ތަރައްގީ ކުރުމަށްފަހު ވަކި މުއްދަތެއްފަހުން އަލުން އަނބުރާ ބިން ކައުންސިލާ ހަވާލުކުރުމެވެ.

މިކަމާއި ގުޅިގެން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ސީއެންއެމްއަށް މީގެ ކުރިން ވިދާޅުވެފައިވަނީ، ކޮންމެ ހާލަތެއްގައިވެސް އެއާޕޯޓް ބޮޑު ކުރާނެކަމަށާއި، ސަރުކާރާއި އެކު ބިން ކުޑަކުރުމުގެ މަސްވަރާ ކުރަމުންދާކަމަށެވެ. އަބްދުލް ގަފޫރު ފާހަގަ ކުރެއްވި ގޮތުގައި، 853،937 އަކަ ފޫޓް ނެގުމުގެ ބަދަލުގައި، ސަރުކާރާއި ވާހަކަ ދައްކައިގެން ހަތަރު ލައްކަ އަކަފޫޓަށް ހަދަން މަސައްކަތް ކުރަމުންދާކަމަށެވެ. ކޮންމެ ކަމެއްވެސް ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމަށް މެމްބަރު އޭރު ވިދާޅުވެފައިވެއެވެ. 

މައުލޫމާތު ލިބޭގޮތުން ރައީސް ސޯލިހު މިއަދު ހަނިމާދު އަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވައި ވަނީ، ކުރިން ބިން ނަގަން އުޅުނު ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް އެތަން ބަދަލު ކުރުމަށް އެއްބަސްވެވަޑައިގަންފައެވެ. އެހެންނަމަވެސް ބިން ކުަޑަކުރުމާއިމެދު ގޮތެއް ނިންމިފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް