ads
ނަފްރަތުގެ ބިލާއިމެދު ގައުމީ މަޖިލީހުގެ ބަހެއް ހޯދަން ރައީސް ނަޝީދު އެދިއްޖެ
އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލު، އެގޮތައް ފާސްކުރަން އެމްޑީޕީ ގައުމީ މަޖިލީހުގެ ބަހެއް ހޯދަވައިދެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ސީއެންއެމްއަށް އެގިފައިވާގޮތުގައި، އެ ބިލު ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމާއިމެދު އެމްޑީޕީ ގައުމީ މަޖިލީހުގެ ބަހެއް ހޯއްދަވާދެއްވުމަށް ރައީސް ނަޝީދު އެދިފައިވަނީ، އެ ޕާޓީގެ ޗެއަ ޕާސަން ހަސަން ލަތީފު އަރިހުގައެެވެ. 

އެމްޑީޕީގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރައީސް ނަޝީދު ގައުމީ މަޖިލީހުގެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ، ނަފްރަތުގެ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމާ ބެހޭގޮތުން ގައުމީ މަޖިލީހުގެ ބަހެއް ހޯއްދަވައި ދެއްވުމަށް އެދޭކަމަށް ހަސަން ލަތީފު ކައިރީ އެދިވަޑައިގެންފައެވެ. އަދި މިހާރު ވަނީ، ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް އެކަން އެޖެންޑާ ކުރަން ނިންމާފައެެވެ. 

މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ ބިލް އިސްލާހުކޮށް މަޖިލީހަށް ފޮނުވި ގޮތައް ފާސްކުރަން އެމްޑީޕީގެ މެންބަރުން ހިމެނޭހެން މަޖިލީހުން ވަނީ ދެކޮޅު ހަދާފައެވެ. 

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އެ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެވެ. އަދި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅާފަ އެވެ.

މީގެ އިތުރުން އެ ބިލުގައި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީ ވެސް ކުށެއް ކަމުގައި ބުނެފައި ވެއެވެ.

އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިހާރު ހުޅުވާލާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީންވެސް ވަނީ އެ ބިލާ ދެކޮޅަށް ބަޔާން ނެރެފައެވެ. އަދި ގިނަ ކައުންސިލްތަކުންނާއި، 100އަށްވުރެ ގިނަ ދީނީ އިލްމުވެރިންވެސް ވަނީ އެ ބިލާ ދެކޮޅަށް ހިޔާލު ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް