
ދަ ގާޑިއަން އާއި އިތުރު 16 ނޫސް އެޖެންސީއެއް ގުޅިގެން ހިނގި ތަހުގީގެއްގައި އިޒްރޭލުގެ އެންއެސްއޯ ގްރޫޕުން އުފައްދާފައިވާ ޕެގޭސަސް ސޮފްޓްވެއާ ބޭނުންކޮށްގެން އެތައް ބަޔެއްގެ ފޯނު ހެކްކޮށްގެން މައުލޫމާތު ވަގަށް ނަފާފައިވާކަން އެނގިފައިވެއެވެ.
ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ޑޭޓާ ލީކްކޮށްލާފައިވާއިރު، އޭގެ ތެރޭގައި ނޫސްވެރިންނާއި ސިޔާސީ މީހުންގެ އިތުރުން ވަކީލުންތަކެއްގެ މައުލޫމާތުވެސް އެ ސޮފްޓްވެއާ ބޭނުންކޮށްގެން ވަގަށް ނަގާފައިވާކަމަށް ހާމަވެގެން ގޮސްފައިވެއެވެ.
އެ ތަހުގީގުން ވަނީ އިޒްރޭލުގެ އެންއެސްއޯ ކުންފުނިން ސަރުކާރުތަކަށް ވިއްކާ އެ ސޮފްޓްވެއާގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަން ވަނީ ފާހަގަވެގެން ގޮސްފައެވެ.
ނަމަވެސް އެންއެސްއޯއިން ވަނީ އެ ހެކިން ސްޕައިވެއާ އަކީ ކުށްކުރާ މީހުންނާއި ޓެރަރިސްޓުންނާ ދެކޮޅަށް ބޭނުންކުރަން ވިއްކާ ސޮފްޓްވެއާއެއް ކަމަށް ބުނެފައެވެ.
ލީކްކޮށްލި މައުލޫމާތުތަކުގެ ތެރޭގައި އެ ސްޕައިވެއާ ބޭނުންކޮށްގެން 2016 ވަނަ އަހަރުން ފެށިގެން 50،000 ފޯން ނަމްބަރު ފާހަގަކޮށްފައިވެއެވެ.
ޕެގޭސަސް މަލްވެއާ އިން އައިފޯން އަދި އެންޑްރޮއިޑް ފޯންތައް އިންފެކްޓް ކުރާއިރު ހެކަރުންނަށް ފޯނުގައި ހުންނަ ޓެކްސްޓް މެސެޖުތަކާއި ފޮޓޯ އަދި އީމެއިލް ނަގައި، ކޯލްތައް ރިކޯޑް ކުރެވި އަދި ނޭނގޭ ގޮތަށް ފޯނުގެ މައިކްރޮފޯން އެކްޓިވޭޓް ކުރެވެއެވެ.
ޕެރިސްގެ ނޮން-ޕްރޮފިޓް މީޑިއާ އޯގަނައިޒޭޝަނެއް ކަމަށްވާ ފޮބިޑެން ސްޓޯރީސް އާއި އެމްނެސްޓީ އިންޓަނޭޝަނަލް އަށް ވަނީ ލީކްވި ލިސްޓު ބަލާލެވޭ އެކްސެސް ލިބިފައެވެ. އަދި ލިބުނު އެކްސެސް ޕެގޭސަސް ޕްރޮޖެކްޓްގެ މީޑިއާ ޕާޓްނަރުންނާ ހިއްސާކޮށްފައިވެއެވެ.
ލިސްޓުގައި އެތައް ހާސް ފޯން ނަމްބަރު ހުރި ނަމަވެސް އެ ލީކްވި ޑޭޓާގައި އެމީހުންގެ މައުލޫމާތެއް ނަގާފައިވާ ކަމެއް އަދި ހެކްކުރަން އުޅުނު ކަމެއް ވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ތަހުގީގު ޓީމުން ގަބޫލްކުރާ ގޮތުގައި ލިސްޓުގައި ހިމެނޭ ނަމްބަރުތަކަކީ ކޮންމެވެސް ބައެއްގެ އަމާޒެއް ކަމަށް ބެލެވެއެވެ.