ads
އަލީ ވަހީދު: އޭނާ ހާޒިރުވުމަށް ސުޕްރިމް ކޯޓުންވަނީ އަންގާފައި--
އަލީ ވަހީދުގެ މައްސަލާގައި ވެރިކަން ކުރާ ފަރާތާއި ޝަރުއީ ނިޒާމުގެ އިތުބާރު "ގެއްލެނީ"!
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ޝަރުއީ ނިޒާމަށް ގެއްލިފައި އޮތް އިތުބާރު ހޯދައިދިނުމެވެ. ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ސޯލިހުގެ ސަރުކާރުން އަވަސްވެގަތީ ވެސް އަދަލުއިންސާފުގެ ނިޒާމު ހަމައަކަށް އެޅުވުމަށެވެ. އެ މަސައްކަތް ހިނގާކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވެން ފެށުމާއެކު އަދުލުއިންސާފުގެ ނިޒާމާ މެދު އުއްމީދު އާވި ނަމަވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށް ވަމުންދާން ފެށިގޮތުން ސުވާލު އުފައްދަން ފެށި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް ފެންމަތިވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވުމުން އެކަމަށް އިންކާރުކުރެއްވުމުން އެންމެ ފަހުން އަލީ ވަހީދު މިނިސްޓަރުކަމުން ވަކި ކުރެއްވި އެވެ. އެ އަމަލުުގެ ސަބަބުން ރައީސް ސޯލިހުގެ ގަޓު ހުންނެވިކަމަށް ބެލެވިގެންދިޔަ އެވެ. ނަމަވެސް ސުވާލު އުފެދުނީ ކޯޓާއެކުވި އެއްބަސްވުމާ ހިލާފުވެ ރާއްޖެ ނައިސް ބޭރުގައި ހުރެެ އަދި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ހާޒިރުވެ ހެކިބަސް ދޭން އަލީ ވަހީދު ނިންމިވި ހިސާބުންނެވެ. އަދި އެ ފުރުސަތު އަލީ ވަހީދަށް ދޭން ކޯޓުން ގާޒީ ހަސަން ސައީދު ނިންމެވުމާއެކު ޝަރުއީ ނިޒާމާ މެދު ދެކެމުން އައި ގޮތް ބަދަލުވާން ފެށި ކަހަލަ އެވެ.

ގާޒީ ހަސަން ސައީދުގެ ނިންމުމާއި ވެރިކަން ހިންގުމުގެ ނިޒާމުގެ ފަރާތުން އަލީ ވަހީދަށް ފަހިކޮށްދިން ފުރުސަތުގެ ސަބަބުން މުޅި އަދުލުގެ ނިޒާމަށް ފާޑުކިޔައި، އެ ނިޒާމާ މެދު އުފެދެމުން އައި ރަނގަޅު ތަސައްވަރު ގޯސްވެ ވެރިކަމުގެ ފަރާތުން ކޯޓުތަކަށް އަތްބާނަން އުޅޭކަމުގެ ތުހުމަތުވެސް ކުރަން ފެށި އެވެ.

"އަސްލު ރައީސް ސޯލިހުގެ ވެރިކަމާއެކު އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމް އިސްލާހުވަމުންދާކަމަށް ގިނަ ބަޔަކު ގަބޫލުކުރި. އަދި ސުޕްރިމް ކޯޓަށް ނެގައި ބަދަލު ވަރަށް ބޮޑަށް ބަލައިގެން. އެ ބަދަލާއެކު ކޯޓްތައް ހަމަ މަގަށް އަޅުވާނެކަމަށް ފެނުނު ނަމަވެސް އަލީ ވަހީދުގެ މައްސަލައާ ހިސާބުން މުޅި ތަސައްވަރު ގޯސްވާނެ ފެށި،" ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާތާ 15 އަހަރުވެފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ފެންމަތިވެގެން ރައީސް ސޯލިހު އަމަލު ކުރެއްވިގޮތުން އަދުލު އިންސާފު ގާއިމްކޮށް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް ރައީސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމުގެ އިހުސާސްތައް ކުރެވުނު ކަމަށެވެ. އެ އިހުސާސް ކުރެވުނީ އަލީ ވަހީދު އާ މެދު ކުރެވުނު ތުހުމަތުތަކާ ގުޅިގެން ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް އެ ސަބަބުތައް ދެމި އޮތީ އަލީ ވަހީދު ރާއްޖެއިން ފުރައިވަޑައިގެންނެވި ވަގުތާ ހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

" އަލީ ވަހީދު މައްސަލާގައި ފުރަތަމަ ރައީސް ނިންމަވަމުންދިޔަ ނިންމުންތަކުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދިޔައީ. އަނިޔާ ލިބުނުކަމަށް ބުނާ މުވައްޒަފުންނާ ސީދާ ރައީސް ބައްދަލުކުރައްވާ އެ ވާހަކަތައް އެއްސެވި. އަދި އެއަށް ފަހު ފިޔަވަޅު އަޅުއްވަން ފެއްޓެވި. ނަމަވެސް ފަހުން މިވީގޮތަކީ އަލީ ވަހީދު ފުރާވަޑައިގެންނެވި ހިސާބުން މުޅި މައްސަލައިގެ މިސްރާބު ބަދަލުވަމުންދިޔަ ކަހަލަ،" ނަން ނުޖަހަން އެދި ސީއެންއެމްއާ ވާހަކަ ދެއްކި ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަލީ ވަހީދުގެ މައްސަލަ ވެގެންދިޔައީ ކޯޓުތަކަށް ވެސް އަދި ސަރުކާރަށް ވެސް އިނގިލި ދިއްކުރުމަށް ލިބުނު ފުރުސަތަކަށެވެ. އެ ފުރުސަތު ދިނީ ގާޒީ ހަސަން ސައީދާއި ސަރުކާރުންކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ވަކީލު ފާހަގަ ކުރެއްވީ ކޯޓާ އެކުވި އެއްބަސްވުމާ ހިލާފުވި މީހެއްގެ ޝަރީއަތް ބޭރު ގައުމެއްގައި ކުރިއަށްގެންދަން ނިންމި ނިންމުމެވެ. ދެ ވަނަ ސަބަބެއްކަމަށް އޭނާ ފާހަގަ ކުރައްވަނީ ކޯޓާއެކުވި އެއްބަސްވުމާ ހިލާފުވި މީހަކު ދިވެހި ހައިކޮމިޝަނަށް ހާޒިރުވެ ޝަރިއަތުގައި ބައިވެރިވުމަށް ވެރިކަން ހިންގާ ފަރާތުން ފުރުސަތު ދިނުމެވެ. އެދެ ސަބަބާ ހެދި އަދުލު އިންސާފުގެ ނިޒާމު ރަނގަޅުކުރެއްވުމަށް ރައީސް ސޯލހު ފެއްޓެވި މަސައްކަތްޕުޅާ މެދު ސުވާލު އުފެދިގެންދިޔަ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

އަލީ ވަހީދު މައްސަލާގައި އެޅި އެ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ޖުޑީޝަރީއަށް އަމާޒުވި އެވެ. އެ ފާޑު ކިޔުންތައް އަމާޒުވި އަނެއް ސަބަބަކަށްވީ ކޯޓާއެކުވި އެއްބަސްވުމާ ހިލާފުވި މީހަކު ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ބަހައްޓައިގެން ޝަރީއަތް ހިންގުމަކީ ގާނޫނު ދަންނަކަމެއް ނޫން ކަމަށް ވިދާޅުވެ ކޯޓުގެ ނިންމެވުމާ މެދު ހިތްހަމަޖެހިވަޑައިނުގެން ދައުލަތުގެ އެންމެ އިސް ވަކީލު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.

ޕީޖީގެ އެ ވާހަކަތަކާ އެކު ގާނޫނީ ވަކީލުން ވަނީ ފާޅުގައި ކޯޓުގެ ނިންމެވުމާ މެދު ސުވާލު އުފައްދާ ކޯޓުގެ ނިންމެވުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ކޯޓުގެ ނިންމެވުމުގެ ސަބަބުން ނުބައި ތަސައްވަރެއް ކުރެވި މުޅި ނިޒާމަށް އެކަމުގެ ނޭދެވޭ އަސަރުކުރާން ފަށާފާނެކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލާގެ ސަބަބުން ސަރުކާރުގައި ޖެހުުނު ލައްގަނޑު އަދި ވެސް ނުފިލާ ކަހަލަ އެވެ. ދިވެހި ހައިކޮމިޝަނަށް ހާޒިރުވެ ޝަރީއަތް ކުރިއަށްގެންދަން ފުރުސަތު ދިން ނިންމުމަކީ ރައީސް ސޯލިހު އަލީ ވަހީދު މައްސަލާގައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ބޭނުން ނެތް ކަހަލަ ކަމަކަށް ވެގެންދިޔަ ކަހަލަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް