އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭ އޮފް މެޗު އޮންނާނީ އަންނަ މަހުގެ ފަނަރަވަނަ ދުވަހު މާލޭގައެވެ. އެ މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕުގެ ދެކުނު އޭޝިޔާ ގްރޫޕަށް ކޮލިފައިވާނެއެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާއާއާ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްގެ އިތުރުން އިންޑީޔާގެ އޭޓީކޭ މޯހަން ބަގާންއެވެ. މި ގްރޫޕުގެ މެޗުތައްވެސް ބާއްވަން ކަނޑައަޅާފައިވަނީ މާލޭގައެވެ. ގްރޫޕުގެ މެޗުތައް އޮންނާނީ އަންނަ މަހު ފަހުކޮޅުއެވެ.
އީގަލްސް މެޗަށް ތައްޔާރުވާން ބެންގަލޫރުން ޕްރެކްޓިސް ފެށިއިރު، މިއީ އީގަލްސް އޭއެފްސީ ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އީގަލްސްއިންވަނީ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޓިމްޕޫ އެފްސީ މާލޭގައި ބަލިކޮށްފައެވެ. އަނެއްކޮޅުން ބެންގަލޫރު އެފްސީވަނީ ނޭޕާލުގެ އާމީ ޓީމު އަތުން ޕްރިލިމިނަރީ ބުރުގައި ބޮޑު ތަފާތަކުން މޮޅުވެފައެވެ.
އޭއެފްސީ ކަޕުގެ ތައްޔާރީތަކުގައި އީގަލްސް އުޅެނީ އަދި ތަންކޮޅެއް ވަނދުކޮށެވެ. އެކަމަކު ބެންގަލޫރު އެފްސީން އަންނަނީ އެ މުބާރާތަށް ވަރަށް ސީރިއަސްކޮށް ތައްޔާރުވަމުންނެވެ. އޭއެފްސީ ކަޕާ ދިމާކޮށް ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ޓީމަށް ގެނައިއިރު، ކޮންގޯގެ ގައުމީ ޓީމުގެ ކުޅުންތެރިއަކުވެސްވަނީ މި ހަފުތާތެރޭ ބެންގަލޫރު އެފްސީއަށް ސޮއިކޮށްފައެވެ.