ads
ވީޑިއޯ ރިޕޯޓް
ޝަރުއީ ނިޒާމުގައި ހަމަނުވި ތަރާދު
ރެޑްވޭވް ފިހާރައިން ސެންޓު ފުޅިއެއް ވަގަށް ނަގަން އުޅުމުގެ ކުށުގައި 18000 ރުފިޔާއިން މީހަކު ޖުރިމަނާ ކުރީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެޕްރީލް 13 ވަނަދުވަހު ރެއިންބޯ ސްޓާފް އެކޮމޮޑޭޝަނުން 3 މޯބައިލް ފޯން ވަގަށްނެގި މީހަކު ނުފެނިގެން އެމީހާގެ ވީޑިއޯ އާންމުކުރިއެވެ. ފުލުހުންނާ ގުޅަންޖެހޭ ފޯން ނަމްބަރުވެސް އާންމުކޮށްފައިވެއެވެ. އެޕްރީލް 18 ވަނަދުވަހު ގެއަކުން ޓްރެއިނިން ޝޫޒެއް ވަގަށްނެގި މީހަކު ހޯދަންވެސް ފުލުހުން ހަމަ އެވަރު ކޮށްލިއެވެ. އިންސިޑެންޓު ނަމްބަރުވެސް އާންމުކުރިއެވެ.

އާންމުކުރަން ޖެހެއެވެ. ހޯދަންވެސް ޖެހެއެވެ. އަދި އަދަބުވެސް ދޭން ޖެހެއެވެ. ގައުމުގައި ހަމަޖެހުން ގާއިމް ވާނީ އޭރުންނެވެ. އަދުލު އިންސާފު ގާއިމް ވެގެންދާނީ އޭރުންނެވެ. ރައީސް ވިދާޅުވާހެން "ވައްކަމަށް އޮންނަން ޖެހޭނީ ޒީރޯ ޓޮލެރެންސް" އެވެ. 

އެކަމަކު ކަން އެހެން ވެގެންދާތަން އެބަފެނޭ ހެއްޔެވެ. ނުފެންނަކަމަށް ގިނަ ބަޔަކު ބުނާނަމަ މިނިވަން މުއައްސަސާތަކުގެ މައްސަލައެއް އެބައުޅެއެވެ. ނިކަމެތި މީހާ ނިކަމެތި ކޮށްލެވެނީއޭ ބުނެ ދައްކާވާހަކަ އަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫނެވެ. ހުކުމްތަކާއި ތަފާސްހިސާބުތަކުން އެހުރީ ފެންނާށެވެ. މިފަދަ ކުޑަކުޑަ ގައުމެއްގައި ކަން ވެގެންދާގޮތް އެނގި، ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. ރިހާކުރު ފުޅިއެއް ވަގަށް ނަގާމީހާ 6 އަހަރަށް ޖަލަށްލީ ވާހަކައަކީ އާންމު ވާހަކައެކެވެ. 

ހަމައެއާއެކު ބައެއް މީހުނަށް ބައެއް ކަންކަން މެދުވެރިވުމުން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ދެމުންދެއެވެ. ހައްގެއް ނުހައްގެއް ނޭނގެއެވެ. ކޮންމެކަމަކަށް ވެސް ދައްކާ އުޒުރަކީ ހަމަ ގާނޫނާއި ގަވާއިދުތަކެވެ. ދެރަމީހާއަށް ދެރަގޮތް ހަދަނީވެސް އަދި ގަދަމީހާއަށް ގަދަ ގޮތް ހެދުމަށްވެސް ބޭނުންކުރަނީ ގާނޫނެވެ. 

ރައީސް މައުމޫނުގެ ސަރުކާރު ވައްޓާލުމަށް އެމްޑީޕީން ބޭނުންކުރި އެންމެ މުހިއްމު އެއް އުކުޅަކީ ވައްކަމުގެ ވާހަކައެވެ. އެސަރުކާރުގައި އޮތް ނާއިންސާފުގެ ވާހަކައެވެ. އެވާހަކަތައް ގިނަބަޔަކު ގަބޫލުކޮށް ވެރިކަން ހަވާލު ކުރީވެސް ރަނގަޅު ބަދަލުތަކަކަށް ރައްޔިތުން އުންމީދު ކުރީތީއެވެ. މިދައްކަނީ މީގެ 13 އަހަރުގެ ކުރީގެ ވާހަކައެވެ. 2007 ގެ ވާހަކައެވެ. ރީތި ނަލަނަލަ ޑިމޮކްރަސީގެ ވާހަކައެވެ. ޑިމޮކްރަސީގެ އުސޫލުން ހިންގުމަށް ގައުމަށް ޖާގަދިންވާހަކައެވެ. 

އެހިސާބުން ގައުމުގެ ކަންކަން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރި އެތައް ބަޔަކު ތިއްބެވެ. އެހެންނަމަވެސް ފެންނަމުން ދިޔައީ އެހެން މަންޒަރުތަކެކެވެ. ޑިމޮކްރަސީގައި އަލަށް "ފަޅާ ދަތްތައް " ފަޅާއިރު ތަދުވާނެއޭ، ފަހުން އަދި ރަނގަޅުވާނެއޭ އައީ ބުނަމުންނެވެ. އެހެން ނަމަވެސް ތަދުވީ ރައީސް ނަޝީދުގެ ވެރިކަމަށެވެ. ވައްޓާލީ ވެރިކަން އެކަންޏެއް ނޫނެވެ. މީހުންވެސް މަގުމައްޗަށް ކުރީ ތިރިއެވެ. އެ ގަޑުބަޑުގެ ތެރޭވެސް ވައްކަމާއި ކޮރަޕްޝަނުގެ ގިނަކަންކަން ހިނގާފައިވެއެވެ. ފަޅާއަރުވައި ނުލެވެނީއެވެ. 

ދެން އައީ ރައީސް ޔާމީނުގެ ވެރިކަމެވެ. ރާއްޖޭގައި ހިނގި އެންމެބޮޑު ވައްކަން ހިނގީ އެސަރުކާރުގައެވެ. އެންމެންގެ ލޯކުރިމަތީގައެވެ. ރަށްރަށާއި ފަޅުތަކާއި ފަރުތައް ވިއްކާލީ ހަމަފެންފޮދަކާވެސް ނުލައެވެ. ފައްސަތޭކައިގެ ނޫޓުތަކުން ބަރާވެގެންދިޔައީ ކަންނެލި އޮޑިތައް އެކަންޏެއް ނޫނެވެ. ގޯނިގޯންޏަށް އަޅައި ބެހީ ފާޅުގައެވެ. އެހެންނަމަވެސް އޭރުވެސް ޝަރުއީދާއިރާ އޮތީހަނުއެވެ. ރީތި ފްލެޓްތަކުގެ ތަންމަތީގައި ނިދާލާށެވެ. ދެކޮޅަށް ބަހެއް ބުނެލި މީހުންނަށް އޮތީ ޖަލުގެ ތޭރިތަކުގެ ބިއްދޮށެވެ. ނުވަތަ ރާއްޖެ ނުފެންނަ ހިސާބަށް ދިއުމެވެ. ދިވެހި ރަސްކަމުގެ ޒަމާނުގައި ރާއްޖޭގެ ރަށަކަށް އަރުވާލައިގެން ފުދުނަސް މިހާރު ރާއްޖޭގައި ބަހައްޓައިގެންވެސް ފުދޭކަށް ނޯވެއެވެ. 

މިހިނގާވެރިކަމެވެ. އައީ ވަގުން ހިފާށެވެ. ވަގުން ހިފާނެ ގޮތް ކިޔަވައިގެންނެވެ. ބުނަމުން އައީ "ކޮރަޕްޝަނަށް ނޯޓޮލަރެންސޭ" އެވެ. ކުޑަދުވަސްކޮޅެއްގެތެރޭ ކޮވިޑްގެ ބަލިމަޑުކަމުގަައި އެތައް ބަޔަކު ޖެހެން ފެށިއެވެ. ސަރުކާރުން ހޯދަން ޖެހުނު ވެންޓިލޭޓަރުން ކުރީވައްކަމެވެ. ރައްކާތެރި ކޮއްދިނީ ނިޒާމުންނެވެ. ބޮޑުމީހާއަށް ބޮޑުގޮތެވެ. ބަދަލުވަމުންދިޔަ ދެތިން ވެރިކަމުގައިވެސް ތަކުރާރުވަމުން މިއަންނަނީ އެއްރާގެކެވެ. އިވެނީ އެއްލަވައެކެވެ. އާއެކެވެ. ވަރުގަދަ ސިޔާސީ މީހާ އަބަދުވެސް "ނަރެއްހާތަން ދޫކޮށްލައިފިއްޔާ ކެނބެއްހާތަން ދަމައިގަނެ" އެވެ. ދެރަކަލޯބޮލަށް އޮތީ ހަމަ ތުޅާކެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް