ads
ރައީސް ނަޝީދު
ހުރިހާ ސަރުކާރެއް ވެސް ވެރިކަމަށް އައީ ހަރުކަށި ފިކުރު މީހުންގެ އެހީތެރިކަމާއެކު: ރ.ނަޝީދު
މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށްފައިވަނީ، ހަރުކަށި ފިކުރުގެ މީހުން އުޅޭ ޕާޓީގެ އެހީތެެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން އިންޑިއާގެ ޑީއެންއޭއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގެ ގިނަ ބަޔަކު ސީރިއާއަށް ދާ ކަން ފާހަގަކޮށް، ރާއްޖޭގެ ހަރުކަށިފިކުރު ނުވަތަ ރެޑިކަލައިޒޭޝަން ހުއްޓުވުމަށް ރައީސް ނަޝީދުގެ ޕްލޭނަކީ ކޮބައިތޯ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ މަދު ބަޔަކު ސީރިއާއަށް ޖިހާދަށް ކަމަށް ބުނެ ދިޔަ ނަމަވެސް ރާއްޖޭގެ ގިނަ މީހުންނަކީ ޒަމާނާއެކު ބަދަލުވަމުން އަންނަ ބައެއް ކަމަށާއި އެއީ މެދުމިނުގެ ފިކުރު މީހުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިކަން ހާމަވާ އެއް ސަބަބަކީ މީގެ ކުރިން ބޭއްވި ތިން ރިޔާސީ އިންތިހާބުގައާއި، ހަތަރު މަޖިލިސް އިންތިހާބުގެ އިތުރުން ތިން ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ފާޅުގައި ހަރުކަށި ފިކުރަށް ތާއީދުކުރާ ޕާޓީއަށް ދެކޮޅު ހަދާފައިވުން ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ހަރުކަށި ފިކުރަށް ތާއީދުކުރާ ޕާޓީތަކަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުންނަށް އިންތިހާބުތަކުގައި ދެކޮޅު ހެދިނަމަވެސް، މެޖޯރިޓީ މީހުން ވެސް ބައިބައިވެފައިވާތީ، ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަ ޕާޓީއަކުން ނުވަތަ ސަރުކާރަކުން ވެރިކަމަށް އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޕާޓީގެ ތާއީދާއި އެހީއާއެކު ކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމަށް އައީ ވެސް އެ ޕާޓީތަކުގެ އެހީއާއެކު ކަމަށާއި ހުދު އެމަނިކުފާނު ވެސް 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އެގޮތަށް ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ހާލަކީ ވެސް އެއީ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިކަން ކަން ހުއްޓުވުމަށްޓަކައި ލިބެރަލް ފިކުރުގެ ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަކަށް އަރައި، އެކުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ނަޝީދު "ހަރުކަށި ފިކުރުގެ ޕާޓީއެއް". ގޮތުގައި އިޝާރާތް ކުރައްވަނީ އަދާލަތު ޕާޓީ ކަމަށް ބެލެވެއެވެ. މީގެ ކުރިން ވެސް ނަޝީދު ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެޕާޓީން ހަރުކަށި ފިކުރަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް