ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ކަަމަށް ބުނެ ޔުގަންޑާގެ ގްރޫޕަކުން މީހުންގެ ގަޔަށް ފެން އިންޖެކްޓްކޮށްފައިވާއިރު އެގްރޫޕްތަކުން އެކަމަށް މީހުން އަތުން އަގުވެސް ނަގާފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ.
އެގައުމުގެ އިދާރާތަކާ ހަވާލާދީ އާރުޓީ އިން ރިޕޯޓްކުރާ ގޮތުގައި އެމީހުން ދިން ވެކްސިންގައި އެހެން އެއްވެސް އެއްޗަކަށް ވުރެ ގިނައިން ފެން ހުއްޓެވެ. އަދި އިދާރާތަކުން ވަނީ ހިލޭ ލިބެން ހުންނަ ވެކްސިން އަވަހަށް ޖެހުމަށް އާމުންގެ ކިބައިން އެދިފައެވެ.
ޖޫން މަހުގު ފަހުކޮޅު އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގައި ފެން ވެކްސިން ޖެހި މީހުން އަތުލައިގަނެވިފައިވާއިރު އެމީހުން އަތުގައި ހުރި ލިޔެ ކިޔުންތަކުން އިނގޭ ގޮތުގައި 812 މީހުންނަށް ފޭކް ވެކްސިން ޝޮޓް ދީފައިވެއެވެ.
އެ ގްރޫޕް އޮޕަރޭޓް ކުރީ އެގައުމުގެ ވެރިރަށް ކަމްޕާލާގައެވެ. އެ ގްރޫޕުގައި ދެ ނަރުހުންނާއި ޑޮކްޓަރެއް ކަމަށް ބުނާ މީހަކު ވެސް ހުއްޓެވެ. ދެ ނަރުހުން އަތުލައިގަނެވިފައިވާއިރު ޑޮކްޓަރު ކަމަށް ބުނާ މީހާ ވަނީ ފިލާފައެވެ.
ޑޮކްޓަރު ކަމަށް ބުނާ މީހާ ވަނީ ކުންފުނިތަކަށް ގުޅައި އެމީހުންގެ މުވައްޒަފުންނަށް ވެކްސިން ޖެހައިދޭނެ ކަމަށް ބުނެފައެވެ. އަދި ކޮންމެ ވެކްސިން ޝޮޓަކަށް 28 ޑޮލަރާއި 56 ޑޮލަރާއި ދެމެދު އަގެއް ޗާޖު ކުރިއެވެ.
އެމީހުން ޖަހައިދިން ވެކްސިން ފެންނަން ހުރީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްއިން އުފައްދާ އެސްޓްރަޒެނެކާ ވެކްސިން ގޮތަށެވެ.
އެ ފޭކް ވެކްސިން ޖެހި އެއްވެސް މީހަކު ވިހަވެފައި ނުވާއިރު އެ ވެކްސިން ޖަހައިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ. އެގައުމުގެ އިދާތަކުން ބުނަނީ އެއީ ގެއްލުން ހުރި އެއްޗެއް ނޫން ކަމަށެވެ.