އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނެ ދެ އެތްލީޓުން ގޮތުގައި މުބާލްއާ، ނަބާހާ ކަނޑައަޅައި އޮލިމްޕިކް ކޮމިޓީން މިއަދުވަނީ އެ އެތްލީޓުންނާ ދިވެހި ދިދަ ހަވާލުކޮށްފައެވެ. ދިދަ ހަވާލުކޮށްދެއްވީ ޓޯކިޔޯގެ ގޭމްސް ވިލެޖްގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރުއެވެ. މި ފަހަރު މިއީ ކޮންމެ ގައުމަކުންވެސް ދެ އެތްލީޓުން އެ ގައުމެއްގެ ދިދަ އުފުލާ ފުރަތަމަ ފަހަރެވެ. އޮލިމްޕިކް ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ހުރިހާ ގައުމަކުންވެސް އެ ގައުމެއްގެ ދިދަ ހިފައިގެން ހިނގާނެއެވެ.
މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު އެތްލީޓުން ވާދަކުރާނެއެވެ. އެއީ އެތްލެޓީކްސްއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން ފެތުމުން މުބާލް އައްޒާން އިބްރާހިމް އަދި އައިޝަތު ސާޖިނާއާ ބެޑްމިންޓަނުން ފާތިމަތު ނަބާހާއެވެ. ދިވެހި އެތްލީޓުން މިއަދުވަނީ ޓޯކިއޯއަށް ގޮސްފައެވެ.
ހަތަރު އަހަރުން ހަތަރު އަހަރުން ބާއްވާ އޮލިމްޕިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި ތެއްތިރީސް ކުޅިވަރަކުން ތިން ސަތޭކައަށްވުރެ ގިނަ އިވެންޓް އޮންނާނެ އެވެ.