ads
އަލީ ރަމީޒު
އަަލީ ރަމީޒުގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ހާދިސާ
ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ހަޔާތް ބަދަލުކޮށްލިކަމަށް ގިނަ ބަޔަކު ބުނާ ބިރުވެރި ހާދިސާ އަލީ ރަމީޒު ފުރަތަމަ ފަހަރަށް އާންމުންނާއި މިވަނީ ޔޫޓިއުބް މެދުވެރިކޮށް ހިއްސާކޮއްފައެވެ.
Advertisement

މި ހާދިސާއަކީ މީގެ 22 އަހަރު ކުރިން 1999 ވަނަ އަހަރު ހިނގާފައިވާ ވަރަށްވެސް ބިރުވެރި ހާދިސާއެކެވެ. އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ ލަވަ ކިޔަން ސްޓޭޖުގައި ހުއްޓާ ވަރަށް ބާރު ގުގުރިއެއް ޖެހުމުން ކަމަށް ގިނަ ބަޔަކު މިހާރުވެސް ގަބޫލު ކުރަމުން އަންނަނިކޮށް އަލީ ރަމީޒު މިވަނީ އެވާހަކަ ދޮގުކޮށްފައެވެ. މި ވާހަކަ ކިޔައިދެމުން އަލީ ރަމީޒު ބުނެފައުވަނީ ބާރު ގުގުރިއެއް ޖެހި ހާދިސާ އަކީ ހަގީގަތުގައިވެސް ހިނގި ހާދިސާއެއް ކަމަށެވެ. އެހެން ނަމަވެސް ލަވަ ކިޔުން ހުއްޓާލީ އެ ހާދިސާއާ ގުޅިގެން ނޫންކަމަށެވެ.

މި ހާދިސާ އަކީ ޅ. ހިންނަވަރަށް ކުޑަ އީދު ގައި ޝޯއެއް ދޭން ތައްޔާރުވަމުން ދަނިކޮށް ހިނގާފައިވާ ހާދިސާ އެއް ކަމަށް އަލީ ރަމީޒު ވަނީ ހުކުރު ދުވަހު ޔޫޓިއުބް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ބުނެފައެވެ.

ހާދިސާ ހިއްސާ ކުރަމުން އަލީ ރަމީޒު ބުނީ ޝޯ ދޭން ހިންނަވަރަށް ދާން މާލެއިން ފުރި އިރުވެސް މޫސުން އެހާ ރަނގަޅު ނޫންކަމަށެވެ. އަދި ޝޯ އަށް ރެޑީ ވުމުގެ ގޮތުން އެދުވަހުގެ ހަވީރު ސައުންޑް ސެޓު ކުރަން ސްޓޭޖަށް ދިޔައިރުވެސް އޮތީ ވިއްސާރަކޮށެވެ. އަދި ގަދަޔަށްް ވައި ޖެހުނުކަންވެސް އަލީ ރަމީޒު ވަނީ ފާހަގަ ކޮށްފައެވެ. ވައި ގަދަވެ ޝޯދޭން ތައްޔާރުކޮށްފައިވާ ތަނުގައި ޖަހާފައި ހުރި ސަތަރިއެއްވެސް ވަޔާ ހޫރާލިކަމަށް އަލީ ރަމީޒު ބުންޏެވެ.

ނަމަވެސް އެކަން އެއްވެސް މީހަކު މާ ބޮޑު ކަމަކަށް ނުހަދާ އެއީ އާދައިގެ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ.

ހިންނަވަރަކީ އޭރު ނެށުމާއި ލަވަކިޔުމަށް ފޯރި އޮންނަ ރަށެއްކަމުން، މި ފަދަ ޝޯތަކަކީ ކޮންމެހެންވެސް ބާއްވާން ޖެހޭ އެއްޗެއްކަމަށް އެ ރަށުގެ ގިނަ ބަޔަކު އޭރު ގަބޫލުކުރާކަމަށްވެސް އަލީ ރަމީޒު ވަނީ ބުނެފައެވެ. މީގެ އިތުރުން ހިންނަވަރަކީ އަލީ ރަމީޒުގެ މިއުޒިކީ ހަޔާތުގައި އެންމެ ގިނަ ޝޯ ދެވުނު ރަށް ކަމަށާއި އެރަށަށް 9 ޝޯ ދޭން ދިޔަކަމަށް ވެސް އަލީ ރަމީޒު ވަނީ ބުނެފައެވެ. ނަމަވެސް 9 ވަނަ ޝޯގައި ދިމާވި މި ބިރުވެރި ހާދިސާގެ ސަބަބުން ޝޯ ކުރިޔަށް ނުގެންދެވި ކެންސަލް ކުރަން ޖެހުނުކަން އަލީ ރަމީޒް ފާހަގަ ކުރިއެވެ. އެރޭގެ ޝޯ ކެންސަލް ކުރިނަމަވެސް ޖެހިގެން އައިރޭ ޝޯވަނީ ކުރިޔަށް ގެންގޮސްފައެވެ. 

ވިއްސާރަ ނަމަވެސް ޝޯ ފެށޭ ގަޑި ކައިރި ވަމުން ދިޔައިރު ހިންނަވަރުގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރައްތަކުންވެސް މީހުން ޝޯ ބެލުމައްޓަކައި ޝޯ ކުޅެން ހަމަޖެހިފައިވާ ސަރަހައްދަށް ދިޔައީ ޖަމާވަމުންނެވެ. ޝޯ ފެށޭ ގަޑި ޖެހުމުން ޝޯގެ ހޯސްޓް ފަހަރަކު މީހެއްގެ ނަން ގޮވަމުން ދިޔަ ވަރަކަށް ފަހަރަކު މީހަކު ސްޓޭޖަށް އަރާ އެމީހަކު ކުޅެން ހަމަޖެހިފައިވާ އިންސްޓުރޫމަންޓް އާ ކުޅެމުން ގެންދިޔައެވެ. އެންމެ ފަހުން ސްޓޭޖަށް އަރަން ހަމަޖެހިފައިވަނީ އަލީ ރަމީޒް ކަމުން އަލީ ރަމީޒް ސްޓޭޖަށް އެރި އިރު ބޭންޑްގެ އެހެން ބައިވެރިން ވަނީ މިއުޒިކް ފަށާފައެވެ. އަލީ ރަމީޒް ސްޓޭޖަށް އަރާ ގޮތަށް ލަވަ ކިޔަން ފައްޓާ ގޮތަށް ހުރިހާ ކަމެއް ސެޓުވެފައި ހުރުމުން ސްޓޭޖަށް އެރިގޮތަށް މައިކު ނަގާ ލަވަ ކިޔަން އެންމެ ފަހު ނޭވާ ލީތަނާ ވަރަށް ބާރު ހޮނު ގުގުރިއެއް ޖެހިއެވެ.

އެ ޖެހި ބާރު ގުގުރީގެ އަޑުބާރުކަން ހާމަކުރަމުން އަލީ ރަމީޒު ބުނީ އޭނާގެ މުޅި ހަޔާތުގައިވެސް އަދި މިހާތަނަށް އެހާ ބާރު ގުގުރިއެއް އަޑު ނާހާކަމަށެވެ. މި ހޮނު ގުގުރި ޑަބަލްކޮށް ހަމަ އެ ބާރުމިނުގަ ގުގުރާލިކަމަށް އަލީ ރަމީޒު ބުންޏެވެ. މީގެ އިތުރުން އަލީ ރަމީޒު ބުނީ އެ ގުގުރީގެ ގާތްގަނޑަކަށް ފަސް ވަރަކަށް ސިކުންތު ކުރިން އެ ސަަރަހައްދުން ފެނިގެން ދިޔަ އުފާވެރިކަން ބިރުވެރި ނާމާން ކަމަކަށް ބަދަލުވެގެން ދިޔަކަމަށެވެ. 

ގުގުރީގެ އަޑާއެކު އެތަނަށް އެއްވެ ތިބި އެންމެންހެން ބިމަށް ތިރިވެ ބޮޑެތި މީހުން ރޮމުން ގެންދިޔަކަމަށާއި، ސްޓޭޖަށް ހޮނު އަޅާފައި ނުވީނަމަވެސް އެ ރަށުގެ އެހެން ހިސާބަކަށް މި ގުގުރީގެ ހޮނު އަޅާފައިވާކަމަށް މައުލޫމާތު ލިބުނު ކަމަށް އަލީ ރަމީޒު ބުންޏެވެ. އަދި ހޮނު އެޅުމާއި އެކު މުޅި ރަށުން ކަރަންޓު ކެނޑި ރަށުގެ ބައެއް ގޭގޭގެ ޓީވީތައް ހަލާކުވެ ގިނަ ގޭގޭގައި ހަރުކޮއަފައިވާ ޑިސް އެންޓަނާތައްވެސް ހަލާކުވިކަމަށެވެ. ރަށުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ އިތުރުން މިއުޒިކު ކުޅެން ގެންދިޔަ ބައެއް އިންސްޓުރޫމެންޓްތައްވެސް ހަލާކުވިކަމަށް އަލީ ރަމީޒު ވަނީ ބުނެފައެވެ. 

މި ހާދިސާ އަށް ފަހު އަލީ ރަމީޒު ލަވަ ކިޔުން ހުއްޓާލައިފައިވަނީ މީގެ 18 އަހަރު ކުރިން 2003 ގައެވެ. މިއުޒިކުގެ ހަޔާތުގައި މިނޫނަސް މިކަހަލަ ހާދިސާތައް ދިމާވެފައި ވާކަމަށް އަލީ ރަމީޒު ފާހަގަ ކުރިއެވެ. އޭރުގެ އެހާދިސާއިން އިބްރަތެއް އަލީ ރަމީޒަށް ހާސިލް ނުވި ނަމަވެސް އެކަހަލަ ހާދިސާ ތަކުން އިބުރަތް ލިބިގަތުމަށް އަލީ ރަމީޒު ވަނީ އާމުންނަށް އިލްތިމާސް ކޮއްފައެވެ. 

މިހާރު އަލީ ރަމީޒު ގަބޫލު ކުރަނީ ލަވަ ކިޔުމާއި މިއުޒިކް ކުޅުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށެވެ. މީގެ ކުރިން އަލީ ރަމީޒު އެކިފަހަރު މަތިން ދީފައިވާ އިންޓަވިއު ތަކުގައި، ލަވަ ކިޔޭނެ އެއްވެސް ގޮތެއް ދީނުގައި ވާނަމަ ލަވަ ކިޔުން އޭނާ ދޫކޮށް ނުލީސް ކަމަށް ބުނެފައެވެ. 

2003 ވަނަ އަހަރު އަލީ ރަމީޒު ވަނީ ލަވަ ކިޔުން ހުއްޓާލިކަން އިއުލާނުކުރަމުން އޭނާ ދެން ދުވަހަކުވެސް ލަވަ ނުވަތަ މިއުޒިކް ނުކުޅޭނެ ކުރިން ކުރެވުނު ކަންތައްތަކާއި ހިތާމަކުރާ ކަމަށް ބުނެފައެވެ. އަދި އެންމެންގެ ފަރާތުންވެސް އެދޭ އެދުމަކީ އޭނާ ކިޔާފައިވާ އެއްވެސް ލަވައެއްވެސް އަޑުނޭހުންކަމަށެވެ.

އަލީ ރަމީޒަކީ މިހާތަނަށް މި ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ، ހުނަރުވެރި ލަވަކިޔުންތެރިޔާކަމީ އަދިވެސް އެއްވެސް މީހަކު ދެކޮޅު ނުހަދާނެ ހަގީގަތެކެވެ. އަލީ ރަމީޒަކީ އޭރުވެސް އަދި މިހާރުވެސް ގިނަ ބައެއްގެ ލޯތްބާއި ގަދަރު ލިބިފައިވާ ފަރާތެކެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް