ads
ނަބާ (ފޮޓޯ އޮލިމްޕިކް ކޮމިޓީ)
ޓޯކިޔޯ އޮލިމްޕިކްސްއާ އެކު ނަބާ ތާރީޚުގެ ތެރެއަށް
އޮލިމްޕިކް ގޭމްސްގައި ވާދަކުރި ފުރަތަމަ ދިވެހި އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ ގޮތުގައި ރާއްޖޭގެ އެއްވަނަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު- ނަބާ، ތާރީޚުން ޖާގަ ހޯދައިފިއެވެ. ސީއެންއެމް ސްޕޯޓްސް ޓީމުގެ ފަރާތުން މި އުފާވެރި ވަގުތު ނަބާއަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

އޮލިމްޕިކް ގޭމްސްގައި ވާދަކުރި ދިވެހި ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ ޝަރަފު ހޯދި ނަބާ މިއަދު ހެނދުނުވަނީ ދުނިޔޭގެ ނުވަވަނައަށް ރޭންކް ކުރެވިފައިވާ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ، ޗައިނާގެ ހީ ބިންގ ޝިއާއޯއާ ދެކޮޅަށް ކުޅެފައެވެ. މި މެޗުން ހީ މޮޅުވެފައިވަނީ ސީދާ ދެ ސެޓުންނެނެވެ. ސެޓުތައް ހީ ކާމިޔާބު ކުރީ އެކާވީސް ހައެއް އަދި އެކާވީސް ތިނަކުންނެވެ. އޮލިމްޕިކްސްގައި ނަބާ ވާދަ ކުރާ ދެވަނަ މެޗުގައި މާދަމާ ކުޅޭނީ އީރާނުގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

ޓޯކިޔޯ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލި އެއް އެތްލީޓަކީވެސް ބެޑްމިންޓަން ކުޅުންތެރިޔާ ނަބާއެވެ. ނަބާހާއަށް އޮލިމްޕިކްސްއިން ފުރުސަތު ލިބުނީ ޓްރައިޕާ ޓައިޓް ސްލޮޓެއްގައެވެ.

ޓްރައިޕާ ޓައިޓް ސްލޮޓަކީ ބެޑްމިންޓަން އެސޯސިއޭޝަނާ އޮލިމްޕިކް ކޮމިޓީ އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުން ކުރަމުން އަންނަ މަސައްކަތްތަކާ އެތްލީޓުގެ ރޭންކިންއާ މި ފަދަ ކަންކަމަށް ބަލައިގެން ދޭ ފުރުސަތެކެވެ. ނަބާހާއަކީ ރާއްޖޭގެ ރޭންކިންގައި އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާއެވެ. އޭނާވަނީ ބައިނަލް އަގްވާމީ މައިދާނުގައިވެސް ބެޑްމިންޓަނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ދެހާސް ނަވާރަވަނަ އަހަރު ޕާކިސްތާނުގައި އޮތް އިންޓަނޭޝަނަލް މުބާރާތަކުން ހޯދި ރަން މެޑަލް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް