މައުލޫމާތު ލިބޭގޮތުން ރައީސް ނަޝީދު އެ ގަރާރު ހުށަހަޅުއްވާނީ މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމުގައެވެ. ރައީސް ނަޝީދު ހުށަހަޅުއްވަން އުޅޭ އެގަރާރުގެ ކޮޕީއެއް މިހާރު ލީކުވެފައިވާއިރު އޭގަވަނީ، ރޭގައި ކޮމިޝަނަރު ޕޮލިސް މުހައްމަދު ހަމީދާއި، ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ދެއްވި މައުލޫމާތުގެ އަލީގައި ސަރުކާރު ދެން އަމަލުކުރަންވީ ގޮތްކަަމަށް އެމްޑީޕީން ދެކޭގޮތަކީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ކަމަށެވެ.
އެހެންކަމުން އެއިގުރާރަކީ އެކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިގުރާރުވެ ނިންމާގޮތެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައިވެސް ގޮވާލާފައެވެ.
ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލީޑް ކުރައްވަން ނުކުންނަވަން އަދި އެއް ފަހަރު އެމަނިކުފާނު ގޮވާލައްވާ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީ ވެސް ރައީސްގެ ބެލުމުގެ ދަށަށް ގެންނަވާ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ހަރުކަށި ފިކުރުގެ މީހުން ވަރަށް ގިނަ ވެއްޖެ ކަމަށާއި އެފަދަ މީހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވެސް ގިނަ ވެފައިވާއިރު، އެފަދަ މީހުން ހައްޔަރު ކުރުން ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރޭ ފުލުހުންނާއި، ޕީޖީ އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާއި އެކަމުގައި ބައިވެރިވި މީހުންގެ މުހިންމު މައުލޫމާތުތަކެއް އާއްމުކުރައްވާފައެވެ.
އެގޮތުން ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ފައިސާ ހަރަދުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ނުބެލޭވޭ ކަމާއި، ހަރުކަށި ފިކުރުގެ ވަކި ވިސްނުމެއްގެ ސަބަބުން އެމީހުން އަމިއްލައަށް އެމަނިކުފާނުގެ ލޭ ހުއްދަކޮށްގެން ދީފައިވާ ނަފްރަތުގެ ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޖާނުން ފިދާވެގެން ވެސް އެ ހަަަމަލާދޭން އެމީހުންތިބީ ތައްޔާރަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.