ޝަހީމް އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީ، އިސްލާމީ ފިގުހީ އުސޫލުތަކާއި ޝަރުއީ އިސްތިލާހުތަކާމެދު އެފިކުރުގެ އަހުލުވެރިން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ހަގީގަތް ރަނގަޅަށް ކިޔާދީ ޒުވާނުންނާއި މުޅި މުޖުތަމައު ހޭލުންތެރިކޮށްގެންކަމަށެވެ.
ތަކުފީރުކު، ޖިހާދު، އަލްވަލާއުވަލްބަރާއު ފަދަ ކަންކަމުގައި އިލްމުވެރިންގެ މެދުގައި އިހުތިލާފު އުފެދުމުގެ ސަބަބުތަކާއި މި ނޫންވެސް އިސްލާމީ އަގީދާއާއި ފިގުހާ ގުޅުންހުރި މިފަދަ މުހިންމު އިސްތިލާހުތަކުގެ އަސްލު ހަގީގަތް އިލްމުވެރިން މެދުވެރިކޮށް ޒުވާނުންނަށް ކިޔައި ދެވެންޖެހޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ހަރުކަށި ފިކުރުން ގައުމު ސަލާމަތްކުރުމަށްޓަކައި މިހާރުގެ ހާލަތު ދަނެ އިސްލާމީ ފަލްސަފާގެ އަލީގައި ހަރުދަނާ އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައިގެން މުސްތަގުބަލަށްޓަކައި މަސައްކަތްކުރުމުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ހަރުކަށި ފިކުރަކީ ގާނޫނު އުގޫބާތުން ނުވަތަ ވައުޒު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫންކަމަށާއި ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ.