ބޮޑުވަޒީރު ޕަޝިއާން ވިދާޅުވީ އެ ފިޔަވަޅުގެ ސަބަބުން ބޯޑަރު ބެލެހެއްޓުމުގެ ކަންކަން ކުރިމަތިލުމަކާނުލާ ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ބުރާާސްފަތި ދުވަހު ޕަޝިއާން މިހެން ވިދާޅުވެފައިވާއިރު ރަޝިޔާ މެދުވެރިވެގެން ހަމަލާ ބަދަލުކުރުން ހުއްޓާލައިފައި އޮއްވާ ދެގައުމުން ވެސް ވަނީ އެއްގައުމު އަނެއް ގައުމަށް ހަމަލާދިން ކަމުގެ ތުހުމަތުކޮށްފައެވެ. ބުދަ ދުވަހު ވަރުގަދަ ހަމަލާތަކަށް ފަހު ހަމަލާ ދިނުން ހުއްޓާލަން އެއްބަސްވުމަކަށް އާދެވިފައިވެއެވެ.
"މިހާރު އޮތް ހާލަތުގައި، އަހަންނަށް ހީވަނީ އަރްމޭނިއާ - އަޒަބައިޖާން ބޯޑަރު އެއްކޮޅުން އަނެއް ކޮޅަށް ރަޝިޔާގެ ސިފައިން ބޭތިއްބުމަށް ސުވާލު ކުރުމަކީ އެންމެ ހަމަޖެހޭ ގޮތް ހެން." ޕަޝިއާން ރަޝީޔާގެ ޓަސް ނޫސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
އަދި މިހާރު ބޯޑަރު ބެލެހެއްޓުމުގައި ކުރިމަތިލުމަކަށް ނުދާނެ ގޮތަކާއި ގުޅޭ ގޮތުން ރަޝިޔާ އާއި މަޝްވަރާ ކުރަމުން އަންނަކަމަށް ޕަޝިއާން ވިދާޅުވިއެވެ.
އަރްމޭނިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު ހެދުނު ވަގުތެއްގައި އަޒަބައިޖާންގެ އަސްކަރިއްޔާއިން ހަމަލާ ދޭން ފަށާފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އަރްމޭނިއާއިން ވެސް ހަމަލާ ދީފައިވާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.
އަޒަބައިޖާންގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި އަރްމޭނިއާގެ އަސްކަރިއްޔާއިން ވަނީ މެޝިން ގަން އާއި ގްރެނޭޑް ލޯންޗާ ބޭނުންކޮށްގެން އަޒަބައިޖާންގެ ކެލްބަޖަރް އަވަށަށް އަމާޒުކޮށް ހަމަލާ ދީފައެވެ. އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމަލާ ދީފައިވާނެ ކަމަށް އަޒަބައިޖާނުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މިއީ ދެގައުމުގެ މެދުގައި ދެބަސްވުން އުފެދިފައިވާ ނޯގޯނޯ- ކަރަބާކް މައްސަލާގައި މިދިޔަ އަހަރު ކުރިއަށްދިޔަ ކުރިމަތިލުމަށް ފަހު ހިނގި އެންމެ ބޮޑު ކުރިމަތިލުމެވެ.