
ފޭކް އަނގޮއްޓިއަކުން ލޯބި ހުށަހެޅި ނަމަވެސް ކައިވެންޏަށް އެހުމުން އައިޝްވާރިޔާ ވަނީ އެވަގުތު ވެސް އާއެކޭ ބުނެފަ އެވެ. ގުރޫ ފިލްމް ނެރުނު 2007 ވަނަ އަހަރުގެ އެޕްރީލް 20 ވަނަ ދުވަހު އެ ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެންޏަށް ދަރިއަކު ލިބުނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.
މިފަހުން އަބީޝޭކް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ކައިވެންޏަށްފަހު 2009 ވަނަ އަހަރު އެނިވަސަރީ ފާހަގަކުރުމަށް ރާއްޖެ އައިސް ދެމީހުން އެކީ ހޭދަކުރި ބީޗް ޑޭޓެއްގެ ވާހަކަތައް ހިއްސާ ކޮށްފައެވެ.
އެވާހަކަތައް ފަށަމުން އޭނާ ބުނެފައިވަނީ، މިއީ ދުނިޔޭގައި އުޅޭ ހުރިހާ ފިރިހެނުންގެ ތެރެއިން ބީޗް ޑޭޓަކީ އެންމެ ރޮމޭންޓިކް ޑޭޓްކަމަށް ގަބޫލުކުރާ ހުރިހާ ފިރިހެނުންނަށް އޭނާގެ ފަރާތުން ދޭ ނަސޭހަތެއް ކަމަށެވެ.
އޭނާ ބުނީ ބީޗުގައި ޕްލޭންކުރާ ކެންޑްލްލައިޓް ޑިނާއަކީ އެންމެ ރޮމޭންޓިކް ޑޭޓްކަމަށް ގަބޫލުނުކުރުމަށް އެދިފައެވެ. އޭނާ ބުނީ އެފަހަރު ރާއްޖެއަށް ކުރި ދަތުރުގައި އޭނާ އެކަން ކުރަން ޕްލޭންކުރި ކަމަށެވެ. އަދި އެކަން އޭނާ ސިފަކުރަނީ "ޑިޒާސްޓާއެއް" ގޮތަގައެވެ.
އަބީޝޭކް ބުނީ ބީޗު ކެންޑްލްލައިޓް ޑިނާއަކީ އެންމެ ރޮމޭންޓިކް ޑިނާ ނޫން ކަމަށާއި، އޭގެ ބަދަލުގައި، އަނބިމީހާ ދައްކާ ވާހަކަ އަޑުއެހުމާއި، އޭނާ ބޭނުންވާ ވަގުތު ތަކުގައި އޭނާއާއިއެކު ވަގުތު ހުސްކޮށް ދިނުމަކީ އަނބިމީހާއަށް ކޮށްދެވޭނެ އެންމެ މުހިންމު ކަންތައް ކަަމަށެވެ.