ads
ރ. ދުވާފަރު ސިއްހީ މަރުކަޒު ކައިރިއަށް ގިނަ ބަޔަކު އެއްވެފައި- ފޮޓޯ: ސީއެންއެމް
އެމްބިއުލާންސް "މިއަންނަނީ، މިއަންނަނީ" މިއީ ހައްގު މިންވަރުތަ!
އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން އެންމެ ކައިރީގައި ހުރި ކޮވިޑް ފެސިލިޓީއަށް ބަލި މީހާ ގެންދިޔުމަށް ސީ އެންބިއުލާންސެއް ގެނެސްދިނުމަށް ހަވީރު 05:00 ޖަހާކަށްހާއިރުން ފެށިގެން ސިއްހީ މަރުކަޒުގައި އާއިލާއިން ދިޔައީ އެދެމުންނެވެ. ދެ ގަޑިއިރުވަންދެން "މިއަންނަނީ" މިއަންނަނީ" ކިޔަ ކިޔާ ތިއްބާ މަރުވެގެން އެދިޔައީ އުމުރުން 52 އަހަރުގެ މަންމަ އެކެވެ.
Advertisement

މިއީ އިއްޔެ އިރު އޮއްސިގެންދިޔަ ވަގުތު 5000 މީހުންގެ އާބާދީއެއް އޮތް ރ. ދުވާފަރުގައި ހިނގި ހިތާމަވެރި ހާދިސާ އެކެވެ. ކޮވިޑުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އެރަށުގައި މިހާތަނަށް 525 މީހަކަށް ކޮވިޑްު ޖެހިފައިވެ އެވެ. އިއްޔެ އެކަނި ވެސް ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މިވަގުތު ވެސް ބަލިޖެހިފައިވާ 136 މީހުން އެ ރަށުގައި ތިބިއިރު އުމުރުން 52 އަހަރުގެ އެމީހާ މަރުވެގެން އެދިޔައީ އޮކްސިޖަން ދެވޭނެގޮތެއް ނެތި، އަދި އޮކްސިޖަން ދެވޭނެ މަރުކަޒަކަށް ވެސް ނުގެންދިވި އުޅެނިކޮށެވެ.

އޮކްސިޖަން ދެވޭވަރުގެ މަރުކަޒަކަށް އެންމެ ކައިރީގައި ހުރި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ބަލި މީހާ ފޮނުވިދާނެ ކަމުގެ އިންތިޒާރުގައި އާއިލާގެ މީހުންނާއި ރަށު މީހުން ތިބި ނަމަވެސް އެ މީހުންގެ އިންތިޒާރު ނުނިމި އުޅެނިކޮށް އެންމެ ފަހުން އެ މީހުންނާ އަބަދުގެ އަބަދަށް ވަކިވެގެން އެދިޔައީ ގަދަފަދަކޮށް ހުރި މީހެކެވެ. އޭނާގެ މަރާއެކު މުޅި ރަށް ރޮއްވާލި އެވެ. ނަތީޖާއަކަށްވެގެންދިޔައީ އެކަމުގެ ހިތްހަމަނުޖެހުމާއެކު ރަށު މީހުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ސިއްހީ މަރުކަޒު ކައިރީގައި މުޒާހަރާ ކުރަން ފެށުމެވެ. އެ މުޒާހަރާގެ ތެރޭގައި މަރުކަޒުގެ ތަކެއްޗަށް ކޮންމެ ވެސް ވަރަކަށް ގެއްލުން ލިބުނުކަމަށްވެ އެވެ. ކެތްތެރިކަން ކޮޅުންލައިފި ނަމަ އެ ފަދަ ކަންކަން ހިނގުމަކީވެދާނެކަމެކެވެ. ނަމަވެސް މުޅި މަސްލަހަތަށް އެންމެން ވެސް ވިސްނަންޖެހޭނެ އެވެ.

ދުވާފަރުގައި އިއްޔެ ހިނގި ހާދިސާއަކީ ހިތާމަވެރި ހާދިސާއަކަށްވެގެންދިޔައީ ކޮންމެ ވެސް ބައެއްގެ އިހުމާލުންނެވެ. މިކަމަށް ދެކޮޅު ހެދި ނަމަވެސް ހަގީގަތަކީ އެ ކަމުގައި އިހުމާލު އޮތުމެވެ. ފުރަތަމަ ކަމެއްގެގޮތުގައި 5000 މީހުންގެ އާބާދީއެއް އޮންނަކަމަށް ދައުލަތުން ކަނޑައަޅާފައިވާ ދުވާފަރުގައި އެންމެ ޑޮކްޓަރަކު ހުރުމެވެ. ދެ ވަނަ ކަމަކަން އިމަޖެންސީގައި ބަލި މީހުން ގޮވައިގެން ދަތުރު ކުރެވޭނެ އިންތިޒާމެއް ނެތުމެވެ. އެ ފަދަ އިންތިޒާމެއް ނެތްކަމުގެ ތުހުމަތު ކުރެވެނީ އިމަޖެންސީގައި ބަލި މީހަކު އެއް ރަށުން އަނެއް ރަށަށް ގެންދެވޭނެ އިންތިޒާމެއް ހަމަނުޖެހި ދެ ގަޑި އިރު ތިބެން ޖެހުމެވެ. ތަރައްގީގެ މި ފަދަ ޒަމާނެއްގައި ދެ ގަޑި އިރު ވަންދެން ބަލި މީހާ އުފުލާނެ އުޅަނދެއް ސަރުކާރަށް ހަމަޖައްސައިނުދެވިގެން ދިއުމަކީ މި ތަރައްގީގައި ގަބޫލު ކުރެވޭނެކަމެއް ބާއްވަ އެވެ.

ކޮވިޑުގެ އެ ބަލި މީހާ މަރުކަޒަށް ގެންދިޔަ އިރު އެ ރަށުގައި އެންމެ ޑޮކްޓަރަކު ހުރި އިރު އޭނާ ހުރީ ކަރަންޓީނުގަ އެެވެ. ބަލި މީހާ ގެންދިޔައިރު މަރުކަޒުގައި އެވަގުތު ހުރީ އެންމެ ނަރުހެއް ކަމަށްވެ އެވެ. މި ދައްކަނީ ބޮޑު އާބާދީއަކަށް ހިދުމަތް ދޭން އެ ވަގުތު އިންތިޒާމް ކުރެވިފައިވާ ގޮތެވެ. އެ މިންވަރަކީ ހައްގުމިންވަރުކަމަށް ގަބޫލުކޮށްްގެން ތިބެވެން ނެތުމުން އެންމެ ފަހުން ރައްޔިތުން އެ ނުކުތީ އިހުތިޖާޖު ކުރުމަށެވެ. ކެތްތެރިކަން ކޮޅުން ލުމުން ވާނީ ގޮތް އެ ފެންނަނީ ބާއްވަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ ހިނގި ހިތާމަވެރި ހާދިސާއަކީ ހިނގައިގެންވާނެ ހާދިސާއެއް ނޫން ކަމަށާއި އަދި އެކަން ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ދެއްކީ ބަލި މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ ވަގުތުން ފަށައިގެން އިތުރު ފަރުވާއަށް އޭދަފުއްޓަށް ގެންދިއުމަށްޓަކާ ސީ އެންބިއުލާންސް ގެނެސް ދިނުމަށް އެދެމުން ގޮސް ބަލި މީހާ މަރުވި އިރު ވެސް ސީ އެންބިއުލާންސްގެ ހަބަރެއް ނުވުމެވެ. އޭނާ ބުނީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖޭ ގުޅާލާ ވާހަކަ އާއި އެވައުދާއެކު ގައުމު ހިންގަން ހަވާލުވެ ތިން އަހަރު ވެގެންދިޔަ އިރު ބަލި މީހަކު އެއް ރަށުން އަނެއް ރަށަށް ފޮނުވުމުގައި ދެ ގަޑިއިރު ވާނުވާގައި ތިބެން ޖެހުމުން އެއީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަށްރަށުގެ ސިއްހީ ހާލަތު ދެރަކަމުން މިފަދަ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްގައި މީހެއްގެ ފުރާނަ ނެތިދިއުން ބަލައިނުގަނެޥޭނެއެވެ. "ކްރިޓިކަލް ހާލަތުގައި ހޮސްޕިޓަލަށް ގެންނަ މީހަކަށް ފަރުވާދޭނެ ޑޮކްޓަރެއް ނެތުމަކީވެސް އިހުމާލެއް. 5000 މީހުންގެ އާބާދީއަކަށް އެންމެ ޑޮކްޓަރަކު ހުރުން ނުވަތަ އެންމެ ނަރުހަކު ހުރުން މިއީވެސް ކަންބޮޑުވުމެއް. މިއީ މިއަދުގެ ތަރައްގީ އާއި ސަރުކާރުން ދައްކާ ވާހަކަތަކަށް ބަލާއިރު ބަލައިގަނެވޭނެ ކަމެއް ނޫން. މި ކަމުގައި ހުރި ހިތްދަތިކަން އެނގޭނީ އެ މީހުންގެ މީހަކު އެ ހާލުގައި އޮވެ މަރުވީމަ،" ނަން ޖަހަން ބޭނުންވާ ދުވާފަރު މީހަކު ބުންޏެވެ.

އޭނާ ބުނީ އިއްޔެ ހިނގި ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގަނީ ކޮންމެ ވެސް ބައެއްގެ ފަރުވާ ކުޑަކަމުންކަމަށާއި އެކަމަކީ ސަރުކާރު ހިންގަންހުރި އެންމެ އިސް މީހާގެ އިހުމާލެއް ކަމަށް ގަބޫލުނުކުރެވޭކަމަށެވެ. ނަމަވެސް އެ ފަދަ ހާދިސާއެއް ހިނގުމާއެކު އެކަން ތަކުރާރުނުވާނެގޮތެއް ހެދުމަކީ އެންމެ އިސް ވެރި މީހާގެ ވާޖިބެއްކަމަށާއި އަދި ހިނގައި ދިޔަ ހާދިސާގައި އިހުމާލުވި ފަރާތްތަކާ މެދު އިންސާފުވެރި ކަމާއެކު ފިޔަވަޅު އެޅުމަކީ ވެސް އެންމެ އިސް ވެރިމީހާގެ މައްޗަށް އޮތް ވާޖިބެއްކަމަށެވެ.

"އެންމެ އިސް މީހާއަށް ވާނުވާ ނޭނގިދާނެ. އެކަމަކު އިއްޔެ ހިނގި ފަދަ ހާދިސާއެއް ހިނގުމުން އެ މީހާއަށް ވެސް މިކަން އެނގެންވާނެ. އަދި ސީދާ އެކަން ވީގޮތް ބަލައި ފިޔަވަޅު އަޅަންވާނެ. އެކަންކަން ނުކުރާ ނަމަ އެންމެ އިސް ވެރިމީހާގެ އިހުމާލު ވެސް އޮންނާނެ. ނަމަވެސް ހިތާމައަކީ މި ތަހުޒީބު ދުވަސްވަރު ބަލި މީހާ އުފުލާނެ އުޅަނދެއްގެ އިންތިޒާރުގައި ދެ ގަޑިއިރު ތިއްބާ ބަލި މީހާ މަރުވެދިއުން. މި ނޫން ގޮތެއް އިންތިޒާމު ކުރެވެންވާނެ،" އެ ދަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

ގިނަ ރަށްރަށުގައި މީހުން ބައިތިއްބައިގެން ތަރައްގީކުރަން އުޅުމަކީ މި ސަރުކާރުން ވެސް ކުރާ ކަމެއް ކަމަށްވާއިރު އެ ފަދަ ކަމެއް ކުރަންވާނީ އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފަ އެވެ. ބަލި މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި މަދުވެގެން ކޮންމެ ވެސް ވަގުތެއްގައި ތެރޭގައި ގެންދެވޭނެ އިންތިޒާމެއް ޔަގީންކަމާއެކު ހަމަޖެއްސުމަކީ ސަރުކާރަށް ލާޒިމުކަމެކެވެ. އެކަން ނުކުރެވޭ ނަމަ ވަކި ވަކި ރަށްރަށުގައި މީހުން ބައިތިއްބައިގެން ތަރައްގީ ކުރަން އުޅުމަކީ އިންސާނިއްޔަތަށް ދެވޭ އަނިޔާއަކަށް ނޫނީ ނުވާނެ އެވެ.

ދުވާފަރުގައި އިއްޔެ ހިނގި ހާދިސާއަކީ ސިއްހީ ހިދުމަތުގެ ފެންވަރާއި ވަސީލަތް ގާއިމުކުރެވިފައިވާ މިންވަރާ މެދު ސުވާލު އުފެދޭކަމެކެވެ. އަދި ސިއްހީ ނިޒާމު ހިންގަން ތިބި މީހުންގެ އިހުލާސްތެރިކަމާއި އެ މީހުންގެ ވާޖިބު ރަނގަޅަށް އަދާކުރޭތޯ ސުވާލު އުފެދޭނެ ކަމެކެވެ. ސަބަބުތައް ވެސް އެބަހުއްޓެވެ. މުޅި ސިއްހީ ނިޒާމް ގަތާލެވިފައިވަނީ ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށް ދެވޭނެގޮތަކަށްތޯ މިއީ އަބަދު ވެސް ކުރާ ސުވާލެކެވެ. ވަކިވަކި ރަށްރަށުގައި މީހުން އާބާދުކޮށް އެ ގޮތަށް ތަރައްގީގެ މިސްރާބު ޖަހާ ނަމަ އެއާބާދީތަކަށް ހިދުމަތް ފޯރުކޮށް ދެވޭނެގޮތަކަށް އިންތިޒާމު ކުރެވިފައިވޭތޯ އާއި އެ އިންތިޒާމުގެ ދަށުން ހިދުމަތް ދެވޭނެތޯ ޔަގީން ކުރުމަކީ ފިނިކޮޓަރީގައި ތިއްބަވާ ވެރިންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. ނަމަވެސް ސުވާލަކީ އެ މަސްއޫލިއްޔަތު އެ ބޭބޭފުޅުން އަދާ ކުރައްވަމުންދޭތޯ އެވެ. ނުކުރައްވާ ނަމަ އެ ބޭބޭފުޅުންނާ މެދު އެޅޭނެ ފިޔަވަޅެއް ވެސް ނެތީތޯ އެވެ.

އިއްޔެގެ ހާދިސާއަކީ ބޮޑު އާބާދީއަކަށް ދިމާވި ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާއަށް ނިސްބަތްވާ ގޮނޑިއެއް ހުރި އިރު އެ ގޮނޑި ނިސްބަތްވާ ރަށުގެ ސިއްހީ ހާލަތާއި ސިއްހީ އިންތިޒާމުތައް ހުރި ގޮތް އިއްޔެ އެވަނީ ތަޖުރިބާކޮށްފަ އެވެ. އެ ތަޖުރިބާއަށް ވިސްނާފިކުރު ކުރާއިރު ކަން ބޮޑުވާން ޖެހޭ ކަމަކީ އެއަށްވުރެ ކުދި އާބާދީތައް ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދޭނެ ގޮތަކާ މެދުގަ އެވެ. އެ މީހުންނަށް ސިއްހީ ހިދުމަތް ދޭނެ ގޮތެކެވެ. އިމަޖެންސީގައި ބަލި މީހާ އެހެން ރަށަކަށް ގެންދިއުމަށް އުޅޭނެ ހާލެވެ. މި ހާލުގައި ވެސް "

"މިއަންނަނީ، މިއަންނަނީ" ޔޭ ކިޔައިގެން ތިބުމަކީ އިންސާނިއްޔަތުކަމެއް ހުރި ބަޔަކު ކުރާނެ ކަމެއް ބާއްވަ އެވެ. ރައްޔިތުމީހާއަށް ހައްގު މިންވަރަކީ ވެސް "މިއަންނަނީ، މިއަންނަނީ" ޔޭ ކިޔާ އަޑު އަހަން އިނުން ބާއްވަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް