ads
ނަޑެއްލާ އަށް ގެންދިޔަ އެމްބިއުލާންސް--
"ސިއްހީ ހިދުމަތް" އޮތީ އެމްބިއުލާންސްގައިތަ؟"
ގދ. ނަޑެއްލާގައި ހާލުދެރެ ބަލި މީހަކު ސަތަރިގަނޑެއްގައި ލޯންޗަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް މިމަހުގެ 21 ގައި ސޯޝަލްމީޑިއާގައި އާންމުވިއެވެ. އެމްބިއުލާންސް ނެތުމުގެ މައްސަލައެވެ. އުމުރުން 10 އަހަރުގެ ކުއްޖެއް މިދުނިޔެ ދޫކުރީ އެމްބިއުލާންސް އައުން ލަސްވެގެންނެވެ. އެމްބިއުލާންސް ގެ މައްސަލައެވެ. އިހަކަށްދުވަހު ރ.ދުވާފަރުން މީހަކު މިދުނިޔެއާ އަލްވަދާއުކީ ސީ އެމްބުއލާންސް ލަސްވެގެންނެވެ. އެމްބުލާންސްގެ މައްސަލައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ދިވެހި ރާއްޖެއަށްވެސް އޭގެ ހިތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ އެއްޗެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ސިއްހީ ފަރުވާ ހޯދުމަށް އާދޭސްކުރިތަނާއި މީހުންތައް ގޮތެއް ނެތިގެން ތެޅިގަތް ތަންވެސް ފެނިގެންދިޔައެވެ. އެތަކެއް ބަޔަކު އެމީހުންގެ ލޯބިވާ މީހުންނާއި އުމުރަށް އަލްވަދާއު ކިޔަން ޖެހުނުތަން ފެނިގެން ދިޔައީވެސް މީގެ މާގިނަ ދުވަހެއް ކުރިންނެއް ނޫނެވެ. ދޫކޮށްލީ ލޯބިވާ މަންމައިންނާއި މާމައިންނެވެ. ކާފައިންނާއި ބައްޕައިންނެވެ. ތުއްތުތުއްތު ދަރީންނާއި ދައްތައިންނާއި ބޭބެއިންނެވެ.

އެހެން ނަމަވެސް ވަކިވެގެންދިޔަ ކޮންމެ ފުރާނައަކީ ހަމައެކަނި ކޮވިޑް ޖެހުނީތީ ގެއްލުނު ފުރާނައެއްތޯ މިއަދު އެބަ ސުވާލު އުފެދެއެވެ.

ރާއްޖޭގައި މިހާތަނަށް 77،432 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކޮވިޑުގެ ބަލިން ޝިފާ ނުލިބި 221 މީހަކު ދުނިޔެއާއި އަލްވަދާއު ކިޔާފައިވެއެވެ. އެހެންނަމަވެސް މިއިން އެއްބަޔަކީ އެކަށީގެންވާ ވަގުތުގައި މަސައްކަތް ކުރެވުނުނަމަ އެބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ބައެއްކަން ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހިނގާދިޔަ ހާދިސާތަކުން އެނގެއެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބަލިމީހާ ގެންދާ އެމްބިއުލާންސްގެ ވާހަކަ ދެއްކުމުން، ފާއިތުވި ދުވަސްތަކުގައި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ހިނގާފައިވާ ހާދިސާތަކަކީ މިއަދު އައު ވާހަކަތަކަކަށް ނުވާނެއެވެ.

މީގެތެރޭގައި ފަރުވާ ދިނުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަަލަ އަކީވެސް މިފަދައިން ދިމާވި ހާދިސާއެކެވެ.

މިޝްކާގެ އާއިލާއިން އެމްބިއުލާންސެއް ފޮނުވައިދޭން އެދުނު ނަމަވެސް، އެންބިއުލާންސެއް ނުލިބެއެވެ. ކޭސްއަށް އެޑެންޓުކުރި ފަރާތްތަކުގެ ޖަވާބަކަށްވީ އެންބިއުލާންސެއް ފޮނުވުމަށް މިޝްކާގެ އާއިލާއިން އެދިފައި ނުވާކަމެވެ. ކުޑަކުޑަ މިޝްކާގެ ހާލު ގޯސްވަމުން ދިއުމާއި ގުޅިގެން އެމްބިއުލާންސެއް ފޮނުވާދިނުމަށް އައިޖީއެމްއެޗްއަށް އެދުމުން އެމީހުންގެ ޖަވާބަކަށްވެސްވީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން އުޅޭ ގެއަކަށް އެމްބިއުލާންސް ނުފޮނުވޭނެކަމަށެވެ.

މި ހާދިސާ ހިނގި ގޮތަށް ބަލާއިރު ފާހަގަކުރެވެނީ މިޝްކާއަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއް ވުމުގެ އިތުރުން ކުޑަކުޑަ ކުއްޖެއް ސީރިއަސް ހާލަތަށް ދިޔައިރު ރާއްޖޭގެ ސިއްހީ ދާއިރާއިން ފަރުވާކުޑަވެފައިވާ މިންވަރެވެ.

އެހެންނަމަވެސް ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ދެމަފިރިއެއްގެ ލޮލުގެ ކޮއެ ފަދައިން ގެންގުޅުނު ކުޑަކުޑަ ފުރާނައެއް ވަކިވެގެން އެ ދިޔައީ ސިއްހީ ދާއިރާގައި މަސައްކަތް ކުރި ބަޔަކު ވި އިހުމާލަކުންނެވެ. މައްސަލަ ތަހުގީގު ކުރުމަށްފަހު ސަރުކާރުން ބުނީ އެމްބިއުލާންސް ފޮނުވުމުގައި ދިމާވި ކޮމިއުނިކޭޝަން މައްސަލައެއް ކަމަށެވެ.

މީގެ ދެތިން ދުވަހެއް ކުރިއެވެ. ރ.ދުވާފަރުންވެސް ފެނިގެންދިޔައީ މިފަދައިން ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ފަރުވާދޭ ފަރާތްތަކުން އިންތިހާއަށް އިހުމާލުވެފައިވާކަމުގެ ހެއްކެކެވެ.

ދުވާފަރުގައި ނޭވާލާން ދަތިވެ ހާލު ގޯސްވެގެން އެރަށު ހޮސްޕިޓަލަށް ގެންދެވުނު އުމުރުން 52 އަހަރުގެ މީހާ މަރުވީ، ހަވީރު 05:00 ޖަހާއިރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ނުލިބި އޮތުމަށްފަހު އިރުއޮއްސި 19:53 ހާއިރުއެވެ.

އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން އޭދަފުށީގެ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް ސީއެމްބިއުލާންސްއަށް ގުޅައިދިނުމަށް އާއިލާއިން އެދުނުނަމަވެސް އޭނާގެ ފަހުނޭވާއާއި ހަމައަށްވެސް ސީއެމްބިއުލާންސެއް ނާދެއެވެ.

މިއީ 5000 ހާ މީހުން ދިރިއުޅޭ ރަށެއްގެ ވާހަކައެވެ. މައްސަލަ ގޯސްވެ، ހޮސްޕިޓަލުގެ ސަރަހައްދުގައި މީހުން އެއްވެ، މުޒާހަރާ ކުރިއިރު އެނގިގެން ދިޔައީ، ދުވާފަރު ފަދަ އާބާދީ ބޮޑު ރަށެއްގައި ފަރުވާދިނުމަށް ހުރީ އެންމެ ޑޮކްޓަރެއްކަމެވެ. އަދި އެނާވެސް ހުރީ އޭރު ކަރަންޓީނުގައިކަމެވެ.

އެހެންނަމަވެސް މައްސަލަ ހައްލުވީ ގޮތެއް ނެތިގެން އާންމުން އެއްވެ މުޒާހަރާކޮށް މީސްމީޑިއާގައި ހަޅުތާލު އުފެއްދުމުންނެވެ. އަދި މިހާރު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ. ދުވާފަރަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިފިއެވެ. 

ހަމަ މިފަދައިން ގދ. ނަޑެއްލާގައި ބަލި މީހުން އުފުލާނެ އެމްބިއުލާންސެއް ނެތި ދެ އަހަރުވެ، ހާލުދެރަ ބަލި މީހަކު ސަތަރިގަނޑެއްގައި ލޯންޗަށް އަރުވާ މަންޒަރަކީވެސް ރާއްޖޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތާއި މެދު އެތަކެއް ސުވާލުތަކެއް އުފައްދައިދިން މަންޒަރެކެވެ.

2 އަހަރު ދުވަހު ނަޑެއްލާ ކައުންސިލުން އެމްބިއުލާންސަކަށް އެދިފައިވީނަމަވެސް މައްސަލަ ފާޑަކަށް ހައްލުވީ ބަލިމީހާ ސަތަރިގަނޑަކުން އުފުއްލާ މަންޒަރު މީސްމީޑިޔާގައި އާންމުވެ، ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށާއި، ސިއްހީ ދާއިރާއަށް އަމާޒުވުމުންނެވެ. އެކަމަކު ފޮނުވިއިރު ފޮނުވި އެމްބިއުލާންސަކީ ބާއެމްބިއުލާންސެކެވެ. އޭތި މިހާރުވަނީ އަނެއްކާ ހަލާކުވެފައެވެ. މިހާރު އަނެއްކާވެސް ބަލިމީހުން އުފުއްލަނީ ރަށު ޕިކަޕުގައެވެ.

" ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، އެންމެ އަވަހަށް އަންނަ ޝިޕްމެންޓްގައި ނަޑެއްލާއަށްވެސް ލިބޭނެކަމަށް. އަނެއްކާ މިކޮޅުގައި ހަލާކުވެފައިވާ އެމްބިއުލާންސްވެސް ހަދާދޭނެ ކަމަށް ބުނެފައިވަނީ، އެހެންނަމަވެސް އަދި އެކަން ނުވެ ދެ އަހަރު ވޭތުވެއްޖެ. ދެން މިހާރު މާލެ ކޮޅުން އެއްޗެއް ހަމަޖެހިގެން އޭތި ގެނެއުމުގެ މަސައްކަތް އެކުރަނީ" ކައުންސިލުގެ ރައީސް 

ސުވާލަކީ ކޮންމެ މައްސަލައެއްގެވެސް ހައްލަކީ ސޯޝަލް މީޑިއާހެއްޔެވެ.؟ ނުވަތަ މިފަދަ ކަންކަން ހައްލުވަނީ ކޮންމެ ކަމެއްގައިވެސް މައްސަލަ ގޯސްވާހިސާބުން މީހުން އެއްވެ ހަޅުތާލު އުފެއްދުމުންހެއްޔެވެ؟ ސޯޝަލް މީޑިއާއިން އާންމުވުމުން ނޫނީ މިފަދަ މައްސަލަތަކުގައި ހައްލެއް ނެތް ހެއްޔެވެ؟ މިޝްކާގެ މައުގެ މައްސަލައާ ގުޅިގެން ސަރުކާރުން ގެންނަން ބުނި އެމްބިއުލާންތަކުގެ ހަބަރެއް ނުވެއެވެ. ކަމެއްދަމެއް ބޮޑުވާއިރު މިއޮންނަނީ އެމްބިއުލާންސް ލަސްވުން ދިމާވެފައެވެ. މިކަންކަމަށް ރައްޔިތުން އަވަސް ހައްލު ބޭނުންވެއެވެ.

 އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ދެވޭ ސިއްހީ ހިދުމަތް ތަކަށް ވާތީއެވެ. " ސިއްހީ ދާއިރާ އެމްބިއުލާންސް ގައި " އޮތުމީ ދެރަކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް