މީޑިއާ ނެޓުން ބުނެފައިވަނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ދޫކުރުމަށް ހުއްދަ ލިބި ރާއްޖޭގައި ދޫކުރާ ޗެނަލްތައް، ހުއްދަ ނެތް ފަރާތްތައް މެދުވެރިކޮށް ހޯދަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މި ގޮތަށް ޗެނަލްތައް ހޯދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް ކުންފުނިން ވަނީ ބުނެފައެވެ.
ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން މިގޮތަށް ޕައިރޭޓެޑް ކޮންޓެންޓް ދައްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައި ވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެކުންފުނިން އިތުރަށް ބުނީ އެ ކުންފުނިން ހުއްދަ ލިބިގެން ދޫކުރުމަށް ހަމަޖެހިފައިވާ ޗެނަލްތައް ހޯދުމަށް އެދުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.
މީޑިއާ ނެޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީ ގެ ހިދުމަތް ދެމުން ގެންދާ ކުންފުންޏެވެ. އެންމެ ގިނަ ޗެނަލް ރާއްޖޭގައި ދޫކުރުމުގެ ހުއްދަވެސް އޮތީ އެކުންފުނީގައެވެ.
ހަމައެއާއެކު މީޑިއާނެޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކޭބަލް ޓީވީ އޮޕަރޭޓްކުރާ އަދި ގިނަ އަދަދެއްގެ ޗެނަލްތައް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހައްގުވެސް އޮތް ފަރާތެވެ.
އެކުންފުނިން ދައްކާ ޗެނަލްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ޗެނަލްތައް ހިމެނެއެވެ. އަދި އައިސް ޓީވީ އަކީވެސް މީޑިއާ ނެޓްގެ ޗެނަލެކެވެ.