އެސްޓީއޯއިން ބުނީ ކޯނޭ އެސްކެލޭޓަރު އެންމެ ފުރަތަމަ ހަރުކުރެވިގެންދާނީ އެސްޖޭ ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިންގް މޯލްގައެވެ.
އެސްކެލޭޓަރު ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ބުދަދުވަހުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމަންއެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރު ޝިހާދު އިބްރާހިމްއެވެ.
އެސްޓީއޯއިން ބުނަނީ ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ "ކޯނޭ" އެސްކެލޭޓާ އަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެކެވެ. 2020 ވަނަ އަހަރު "ފޯބްސް"އިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނިފައިވާ "ކޯނޭ"ގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ ގިނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެއް ކަމަށެވެ.
އަދި މިޕްރޮޑަކްޓަކީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން، އެންޓި ރައިޑް / އެންޓި ސާފް ބެރިޔަރު އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަރު ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިހްތިޔާރުލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓަރު ސާފުކުރެވި، ފަސޭފައިން މެއިންޓެއިންކުރުމަށް މަގުފަހި ކުރެވުން ހިމެނެއެވެ. އަދި ދެމެހެއްޓެނިވި ލެޑް ލައިޓް އިން 80 އިންސައްތަ އާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދެއެވެ. މީގެ އިތުރުން އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓާ އޮޕަރޭޓްކުރެވުންވެސް ހިމެނެއެވެ.