ads
ވ އަތޮޅު ގެސްޓް ހައުސް އެއް - ފޮޓޯ: ޓްރިޕް އެޑްވައިސާ
ރިސޯޓަށްވުރެ ގެސްޓްހައުސް ހިންގައިގެން ރައްޔިތުންނަށް ވާ ފައިދާ ބޮޑު: ވ. ރައީސް
ވ. އަތޮޅު ރައްޔިތުންނަށް ފައިދާ ވާނީ ވ. އަތޮޅުގައި އޮތް ގުދުރަތީ ރީތިކަން އެއޮތްގޮތަށް ބާއްވާއިގެން ކުރިއަށް ޕްރޮޖެކްޓްތަކުން ކަމަށާއި ރިސޯޓެއް ހަދައިގެން އިޖުތިމާއީ މަސައްކަތެއް ކޮށްގެން ވ. އަތޮޅު ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.

ވ.އަންބާރާ، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެއަތޮޅު ރައްޔިތުން ތާއިދު ނުކުރާ ކަމަށް ބުނެ ވ. އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަށް ފޮނުވި ސިޓީއަކާއި ގުޅިގެން "ސީއެންއެމް" އާ ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އެކިއެކި ފޯރަމްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދާއިފައިވާ ކަމަށާއި އެމައްސަލައަކީ މުޅިއަތޮޅުގައި ވެސް އޮތް މައްސަލައެއް ކަމަށާއި އެކަމާ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

އަދި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް ކުރިއަށް ގެންދިޔަ ނަމަވެސް ވ.އަތޮޅު ރައްޔިތުންގެ ވިސްނުމަކީ އެ އަތޮޅުގައި އިތުރަށް އަމިއްލަ ރިސޯޓެއް ތަރައްގީ ނުކުރުން ކަމަށާއި މިހާރުވެސް ފަސް ރަށެއްގައި ރިސޯޓް ހިންގާ ކަމަށާއި އެހެންއޮތް ތަނެއްގައި އިތުރު ރިސޯޓްތަކެއް ހަދައިގެން ވ. އަތޮޅު މީހުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"މިހާރުވެސް ފަސް ރިސޯޓް އެބަ ހިންގާ. އެހެންއޮތް ތަނެއްގައި އިތުރު ރިސޯޓްތަކެއް އިތުރު ރިސޯޓްތަކެއް ހަދައިގެން ވ. އަތޮޅު މީހުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް. އެހެންވީމާ ތަފާތު މޮޑެލްއަކަށް ހިންގޭ މެގަ ޕްރޮޖެކްޓެއްގެ ގޮތަށް އަންނަ ރިސޯޓް ބިލްޑިންއަކަށް ނޫނީ އެކަހަލަ ކަމަށް ނޫނީ އަޅުގަނޑުމެން އެކަމަށް ތާއީދެއް ނުކުރާނަން." ވ. އަތޮޅު ރައީސް ޝުޖާއު ވިދާޅުވި އެވެ.

އަދި ދަތުރު ދިޔުމަކީ ވ. އަތޮޅު ގެސްޓްހައުސް ވިޔަފާރީގައި "އެންމެ ހިނގާ މޮޑެލްތެރޭގައި" ވަރަށް ބޮޑަށް ހިމެނޭކަމެއްކަން ފާހަގަކޮށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ "އެކްސްކާޝަން" އަކީ އޭގައި ވަރަށް މުހިއްމުބައެއް ކަމަށެވެ. 

"ގެސްޓުން މިއަންނަނީކީ ހަމައެކަނި ރަށުގައި ތިބެލާފަ. އެމީހުންގެ 10 ދުވަސް ނުވަތަ 15 ދުވަހުގެ ޗުއްޓީ ހޭދަކޮށްފަ ދާކަށެއް ނޫން. ވަރަށް ބޮޑަށް އަތޮޅުތެރޭގެ މިހުންނަ ގުދުރަތީ ތަންތަން. ނޫނިއްޔާ ރަށްރަށަށް ގޮސް. ޕިކްނިކް ދަތުރު ރާވާ. މިހުރިހާ ކަމަކާއި އެއްކޮށް އޮންނަ މޮޑެލްއަކަށް ވ. އަތޮޅުގައި މި ލޯކަލް ޓުއަރިޒަމް މިއޮތީ. އެހެން އޮތްއިރު މިހެން ދަތުރު ދާނެ ތަންތަން ނެތީމަ މިހުރިހާ ޝަކުވާތަކެއް އަޅުގަނޑުމެންނަށް އެބަ އާދެ" ޝުޖާއު ވިދާޅުވި އެވެ.

ރިސޯޓް ތަރައްގީ ކުރުމަށްވުރެ ގެސްޓަހައުސް ތަރައްގީކުރުމަށް ގިނަ ބައެއް ތާއީދުކުރާކަމަށާއި، އެހެންކަމުން ފިނޮޅެއް ގެއްލުނަސް އެއީ ވ. އަތޮޅުގެ ރައްޔިތުންނާއި ވ. އަތޮޅަށް ލިބޭ ގެއްލުމެއް ކަަމަށާއި ވާނެ އުދަނގުލެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ވ. އަތޮޅަށާއި އެ އަތޮޅު ރައްޔިތުންނަށް ފައިދާ ވާނީ އެއަތޮޅުގައި އޮތް ގުދުރަތީ ރީތިކަން އެތް ގޮތުގައި ބާއްވައިގެން ގެންނަ ތަރައްގީ އިން ކަމަށެވެ. ރިސޯޓެއް ހަދައިގެން އިޖްތިމާއީ މަސައްކަތެއް ކޮށްގެން ވ. އަތޮޅަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ސީދާ ރައްޔިތުމީހާއަށް ލާރި ލިބެނީ ގެސްޓް ހައުސް ހެދީމަކަށެވެ.

އެ އަތޮޅު ރިސޯޓަކުގައި މަސައްކަތް ކުރަނީ މަދުބައެއް

މިވަގުތުވެސް އޮޕަރޭޝަންގައި ފަސް ރިސޯޓްއޮތް ކަން ފާހަގަ ކުރަމުން ޝުޖާއު ވިދާޅުވީ އެއަތޮޅުގައި ހުންނަ ރިސޯޓްތަކުގައި އެ އަތޮޅު މީހުން މަސައްކަތް ކުރަނީ ވަރަށް މަދުން ކަމަށެވެ. 

"މިދިޔަ އަހަރު ގާތްގަނޑަކަށް ދެ ރިސޯޓްވަރު ވ. އަތޮޅުގައި ހުޅުވައިފި ވ. އަތޮޅަކުން ނުދޭ ގާތްގަނޑަކަށް ބުނާ ނަމަ ދިހަ ވަރަކަށް ބާރަ ވަރަކަށް ކުދިން މިދެންނެވި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާކަށް. އެކަމަކު އަތޮޅުން ބޭރުގެ އެހެން ރިސޯޓްތަކުގައި މަސައްކަތް ކުރާ އެތައް ބައިވަރު ކުދިންތަކެއް ރަށްރަށަށް އައިސް އެމީހުންގެ އާއިލާއެކީ ގެސްޓްހައުސްތަކުގައި މަސައްކަތް ކުރޭ. މިއީއޭ ފައިދާ އަކީ ހަގީގަތުގައި." ޝުޖާއު ވިދާޅުވި އެވެ. އަދި އެއީ ބޭނުންވާ ގޮތް ކަމަށާއި ސަރުކާރުން ޕްރޮމޯޓްވެސް ކުރަނީ އެގޮތަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވީ މިވަގުތުވެސް ވ. އަތޮޅު ތިން ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށާއި، އެއީ އަންބަރާއި ބޮޑު މޮހޮރާގެ އިތުރުން ފޮއްތެޔޮ، ކަމަށެވެ. އެ ތިންރަށް ހެދިއްޖެ ނަމަ އެ އަތޮޅުގައި އަށް ރިސޯޓް އޮންނާނެ ކަަމަށް ޝުޖާއު ވިދާޅުވި އެވެ. 

ރިސޯޓްތައް ތަރައްގީ ކުރަން ދޫކޮށްފަ ހުންނަ ރަށްތައް ގިނަ ދުވަސް ވަންދެން ނެހެދި ހުންނަކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ބޮޑުމޮހޮރާ އަކީ 2004 ވަނަ އަހަރު ޕިކްނިކް އައިލެންޑެއް ގޮތަށް ތަރައްގީކުރަން ދުކޮށްފަ އޮތް ރަށެއް ކަމަށާއި، ކުރީ ސަރުކާރުން ރިސޯޓެއް ތަރައްގީ ކުރަން 2016 ވަނަ އަހަރު ދޫކުރި ކަމަށެވެ. ބޮޑު މޮހޮރާ އޮތީ ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު އަށް ދެއްވާފައި ކަމަށާއި އެރަށުގައި ގަބޫލްކުރާ މިންވަރަކަށް މަސައްކަތެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.  

ފޮއްތެޔޮ އަކީ އެމްއެމްޕީއާރުސީތެރޭގައި ހިނގި ކަންތައްތަކުގެ ތެރޭގައިވެސް ހިމެނޭ ރަށެއް ކަމަށާއި އެރަށުގެ މައްސަލަ އޮތީ ކޯޓުގައި ކަމުން މަސައްކަތް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.  

ޝުޖާއު އިތުރަށް ވިދާޅުވީ ރިސޯޓްތައް ބޭނުންކުރަަނީކީ އޭގެ އެންމެ ބޭނުންތެރި ގޮތަކަށް ނޫން ކަމަށާއި އެކަންބޮޑުވުން ވެސް އެބައޮތް ކަމަށެވެ. 

ކުރީގެ ގާނޫނުތައް އޮންނަ ގޮތުން އަތޮޅު ރަށްތައް ދޫކުރުމުގެ ކުރިން ރައްޔިތުންނާއި މަޝްވަރާ ކުރާކަށް ނުޖެހޭކަމަށާއި އެރަށްތައް ދޫކުރުމުގެ ކުރިން އަތޮޅު ރައްޔިތުންނާއި މަޝްވަރާކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިހާރުގެ ގާނޫނުގައި އޮންނަ ގޮތުން އަތޮޅެއްގައި އޮތް ފަޅެއް ނުވަތަ ފަޅުރަށެއް ބޭނުންކުރާ ނަމަ އެ އަތޮޅެއްގެ ކައުންސިލްގެ މަޝްވަރާ ހޯދަންޖެހޭ ކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ އަންބަރާ މައްސަލާގައި މަޝްވަރާ ކުރުމަށް އެދިފައިވަނީ ގާނޫނުގެ ދަށުން ކަމަށެވެ.

އަދި ކައުންސިލަށް އިންތިހާބުވުމަށް ފަހު ވެސް އެންމެ ފުރަތަމަ ބައްދަލުކުރީ ޓޫރިޒަމް މިނިސްޓްރީއާއި ކަމަށާއި އޭރު އެހާ ތަފްސީލްކޮށް އީއައިއޭ ރިޕޯޓްތަކާއި އެއްޗެހި ނުލިބޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ނަމަވެސް މައުލޫމާތު ލިބެން ފެށި ފަހުން ހުރިހާ ކަންބޮޑުވުންތަކެއް ޓޫރިޒަމް މިނިސްޓްރީއާއި އެންވައިރޮމެންޓް މިނިސްޓްރީ އާއި ހިއްސާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަރުވާއަށް ވާގޮތަށް ދޫކޮށްފަ ހުންނަ ރަށްތަކުން ނާޖާއިޒް ފައިދާ ނަގައި، ރަނގަޅަށް ނުބަލަހައްޓާތީ ލިބޭ ގެއްލުންތަކުގެ ވާހަކަ ފިޝަރީސް މިނިސްޓަރާއިވެސް ހިއްސާކޮށްފައި ވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.  

ތަކުރާރުކޮށް ކޮންމެ ބައްދަލުވުމެއްގައިވެސް އެވާހަކަ ދައްކާ ކަމަށާއި ސަރުކާރުން އެކަންތަކަށް ދެނީ ވަަރަށް ޕޮޒިޓިވް ޖަވާބެއް ކަމަށާއި ގާނޫނޫގެ ތެރެއިން ކައުންސިލަށް ލިބިފައިވާ ބާރުތަކަށް އިހުތިރާމް ކުރާނެ ކަމަށް ސަރުކާރުން ބުނާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.  

"ކުރުކޮށް ބުނަަންޔާ އަޅުގަނޑުމެން ބޭނުމީ ވ. އަތޮޅު. ވ އަތޮޅުގެ ގޮތުގައި ބާއްވަން. ވ. އަތޮޅު ވ. އަތޮޅުގެ ގޮތުގައި ބޭއްވޭނީ އެއޮތް ރީތި ރީތިކަންމަތީގައި ބާއްވައިގެން." ޝުޖާއު ވިދާޅުވި އެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް